ބާރުގަދަ ޑްރަގެއް ބޭނުންކޮށްގެން ދެ ޒުވާނުން މަރުވު ވާހަކައަކީ ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ވާހަކަ އެވެ. އެއާ އެކު ޑޮކްޓަރުން މިވަނީ ބާރު ގަދަ ޑްރަގްސްގެ ހުރި ނުރައްކާތެރި ކަމާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކުރަން ފަށައިފަ އެވެ.

ބައިނަލްއަގްވާމީ ސިއްހީ ތަޖުރިބާ ކާރުން ވެސް ފާހަގަކޮށްފައިވާގޮތުން ޑްރަގަކީ އޭގެ ސަބަބެއް އެތައްއެތައް ސިއްހީ މައްސަލަތަކެއް ކުރިމަތިވާނެ ކަމެކެވެ. އެގޮތުން ހަނދާން ބަލިޖެހުމާއި ހޮޑުލެވުމާއި ބޯ އެނބުރުމާއި ހިތުގެ ހިނގުން ދައްވުމާއި ގައިން ވަރު ދޫވުން އަދި މުޅި އުމުރު ކޯމާގައި އޮންނަން ޖެހޭ ފަދަ ކަމެއްވެސް މެދުވެރިވެދާނެ ކަމަށް ސިއްހީ މާހިރުން ފާހަގަކޮށްފައިވެ އެވެ.

އައިޖީއެމްއެޗްގައި މަސައްކަތް ކުރާ އެތެރެހަށީގެ ހާއްސަ ޑޮކްޓަރު އަހުމަދު މިގްދާދު ފޭސްބުކްގައި ވަނީ ނުރައްކާތެރި ޑްރަގުގާއި ހާޓް އެޓޭކާ ހުރި ގުޅުން ތަފްސީލުކޮށް ކިޔައިދީފަ އެވެ.

ޑްރަގްގެ ތެރޭގައި ހިމެނޭ ކޮކައިނާއި ހެރޮއިން އެލްސްޑީ އަދި އިތުރު ނުރައްކާތެރި ޑްރަގްގެ ސަބަބުން ނޭވާލާ ނިޒާމާއި ހިތުގެ ހިގުމަށް މައްސަލަތައް ދިމާވާ ކަމަށް ޑރ. މިގްދާދް ވިދާޅުވި އެވެ.

އެގޮތުން ހިތުގައި ލޭ ދައުރުވުމަށް މައްސަލަ ދިމާވުމާއި ލޭގެ ޕްރެޝަރު ހުންނަން ޖެހޭ ވަރަށް ވުރެ މަތިވުން ނުވަތަ ދަށް ވުމުގެ މައްސަލަތަކާއި ހާޓް އެޓޭކް ޖެހުން އަދި ކުއްލި މަރު ފަދަ ކަންކަން ޑްރަގުގެ ސަބަބުން ހިނގާނެ ކަމަށް ޑރ. މިގްދާދް ވިދާޅުވި އެވެ.

ޑްރަގުގެ ގޮތުގައި ބޭނުންކުރާ އިންޖެކްޝަނުގެ ސަބަބުން ވެސް އެފަދަ ގިނަ މައްސަލަތަކެއް ކުރިމަތިވާނެ ކަމަށް ޑރ. މިގްދާދް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ވާގި ނެތުން ފަދަ ކަމެއް ވެސް ހިނގާފާނެ ކަމަށް ވިދާޅުވި އެވެ.

ޑްރަގް ބޭނުން ކުރާ ފުރަތަމަ ފަހަރު ވެސް އެކަންކަން ހިނގުން އެކަށީގެންވާ ކަމަށް ޑޮކްޓަރުން ބުނެ އެވެެ. އަދި ގިނަ ދުވަސްވުމުން ދިމާވާ މައްސަލަތައް އިތުރުވާ ކަމަށް ޑޮކްޓަރުން ބުނެ އެވެ.

ޑރ. މިގްދާދް ވިދާޅުވީ ހިތުގެ މައްސަލަތަކެއް އަދި ސިއްހީ މައްސަލަތަކެއް ހުރި މީހަކު އެފަދަ ޑްރަގްސް އާއި އެނާޖީ ޑްރިންކާއި އެއްކޮށްގެން ނުވަތަ ދުންފަތާއި އެއްކޮށް ބޭނުން ކޮށްގެން ބޭނުންކޮށްފި ނަމަ ކުއްލިއަކަށް މަރުވުން ފަދަ ކަންކަން ހިނގުން ގާތް ކަމަށެވެ.

ހަމަ އެ މައުލޫއާ ބެހޭގޮތުން ޑރ. އަބްދުﷲ ޖުނައިދު ވެސް ވަނީ ފޭސްބުކްގައި ލިޔުއްވާފަ އެވެ.

ޑރ. ޖުނައިދު ވިދާޅުވީ ޕާޓީ ޑްރަގްސް އާއި އެނާޖީ ޑްރިންކާ އެއްކޮށްގެން ބޭނުން ކުރުމުގެ ސަބަބުން ދުނިޔޭގައި ވެސް ކުއްލި މަރުތައް ވަރަށް ގިނައިން ހިނގާ ކަމަށެވެ. ހާއްސަކޮށް ޒުވާން އުމުރުގައި އެފަދަ ކަންކަން ކުރާއިރު ވިސްނާލަން ޖެހޭ ކަމަށް ޑރ. ޖުނައިދު ވިދާޅުވި އެވެ.

އޮވާޑޯޒްވެ އެފަދަ މައްސަލައެއް ދިމާވެގެން ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ފުރާނަ އެވަނީ ނުރައްކަލުގެ ތެރޭގައި ކަން ޑރ. ޖުނައިދު ފާހަގަކުރި އެވެ.

ކުއްލިއަކަށް އެފަދަ ކަމެއް ދިމާވެގެން ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް ޑޮކްޓަރުންނާއި ނަރުހުންނަށް މައުލޫމާތު ސިއްރު ނުކޮށް ބޭނުން ކުރި އެއްޗެއް މައުލޫމާތު ދިނުމަށް ޑރ. ޖުނައިދު ވަނީ ނަސޭހަތްތެރިވެފަ އެވެ.

ޒުވާންކަމުގެ ދަލުގައި ޖެހިގެން ބައެއް މީހުން ޕާޓީތަކުގަ އާއި އެކި އެކި މުނާއްސަބާތަކުގައި ޑްރަގްސް ބޭނުން ކުރުުމުގެ ކުރިން ވިސްނާލަން ޖެހޭ ގިނަ ކަންތައްތަކެއް އެބަ ހުއްޓެވެ. އެއީ އެކަމުގެ ސަބަބުން ސިއްހަތަށް ގެއްލުންވެ މީހާގެ ފުރާނައަށް ނުރައްކާވާ ވަރުގެ ކަމަކަށް ވެދާނެ އެވެ.