މިދިއަ އަންގާރަ ދުވަހު ހދ. ވައިކަރަދޫގައި ލޮލަށް ވަޅިއެއް ހެރުނު ކުޑަ ފިރިހެން ކުއްޖާގެ އާއިލާއަށް ދެ ދުވަހުގެ ތެރޭގައި އެކި ފަރާތްތަކުން 25000ރ. އަށް ވުރެ ގިނައިން ހަދިޔާކޮށްފައިވާ ކަމަށް އާއިލާއިން ބުނެފި އެވެ.

ލޮލަށް ވަޅި ހެރުމާ ގުޅިގެން ލިބިފައިވާ ސީރިއަސް ޒަހަމަށް ފަރުވާ ދިނުމަށް މިވަގުތު އައިޖީއެމްއެޗުގައި ބާއްވާފައި އޮތް މުހައްމަދު އާލިމްގެ ބައްޕަ އަބްދުއްރަހީމް ބުނީ، އޭނާގެ ދަރިފުޅާ ބެހޭ ހަބަރުތައް ނޫސްތަކުގައި ލިޔުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު ފޯނުން ގުޅައި ހަމްދަރުދީ ފާޅު ކުރުމުގެ އިތުރުން ހޮސްޕިޓަލަށް ގޮސް އާއިލާއާ ބައްދަލު ކުރުމަށް ފަހު ފައިސާގެ އެހީ ދީފައިވާ ކަމަށެވެ.

"ދެ ދުވަސް މިވީ، ދެ ދުވަހުގެ ތެރޭގައި 25000ރ. އަށް ވުރެ ގިނައިން ފައިސާ ދީފި. އެނޫން އެހީތައް ވެސް ލިބެމުން އެބަދޭ. އަޅުގަނޑުގެ ދަރިފުޅަށް ހެޔޮ އެދޭ ދިވެހިން ބަހައްޓާ ގާތްކަމާއި ހަމްދަރުދީ، އަދި އެހީތަކަށް އަޅުގަނޑަށް ބުނެވެން އޮތީ ހަމައެކަނި ހެޔޮ ރަތްމަތް ލައްވާނޭ، ވަރަށް ބޮޑަށް ޝުކުރިއްޔާއޭ،" އަބްދުއް ރަހީީމް ބުންޏެވެ.

އޭނާ ބުނީ ބައެއް މީހުން ފައިސާ ހިފައިގެން ގޮސް އޭނާއާ ފައިސާ ހަވާލުކޮށްފައިވާއިރު އޭނާގެ ދަރިފުޅު، އާލިމަށް ހާއްސަކޮށްފައިވާ ބޭންކް އެކައުންޓް ނަމްބަރު ހޯދައިގެން ފައިސާ ޖަމާ ކުރުމަށް ފަހު ވެސް ބައެއް ފަރާތްތަކުން ގުޅާފައިވާ ކަމަށެވެ.

"މި ދެ ދުވަހުގެ ތެރޭގައި އެ އެކައުންޓަށް ފައިސާ ޖަމާ ކުރީ ކިހާ ވަރަކަށް ކަމެއް އަޅުގަނޑު ނުބަލަން. އަޅުގަނޑުގެ ހުރިހާ ވަގުތެއް ހުސްކޮށްފައި މިވަނީ ދަރިފުޅު ގާތުގައި ހުރުމަށް،" އޭނާ ބުންޏެވެ.

އާލިމްގެ ޒަހަމްވެފައިވާ ވާތު ލޮލުގެ އިތުރު ސާޖަރީއެއް ހެދުމަށް ބޭނުންވެފައިވާ ފައިސާ އެކި ފަރާތްތަކުން ދެމުންދާއިރު މާލެ އާއި ވައިކަރަދޫގައި ފަންޑުފޮށްޓެއް ބަހައްޓަން ވެސް އާއިލާއިން ވަނީ މަސައްކަތްކޮށްފަ އެވެ.

އަބްދުއް ރަހީމް ބުނީ އޭނާގެ ދަރިފުޅު ގޮވައިގެން ބޭރަށް ދާން ޑޮކްޓަރު ލަފާ ދީފައި ވީނަމަވެސް އެ ދަތުރަށް އެރެން އޮތީ ހަ ހަފުތަ ފަހުން ކަމަށެވެ. "ޑޮކްޓަރު ވިދާޅުވީ. މިހާރު ކޮށްފައިވާ އޮޕަރޭޝަންގެ ރޮދި ކޮށައިލަން ހަ ހަފުތާ ނަގާނެ ކަމަށް، އެހެންވީމާ ބޭރަށް ދާން އަދި ދުވަސްކޮޅެއްވާނެ."
އޭނާ ބުނީ އިވުމުން މަހުރޫމްވެ ވާހަކަ ދެއްކުމުގައި ވެސް އުނި ކަމެއް ހުންނަ އޭނާގެ ދަރިފުޅުގެ ލޮލަށް ވަޅި ހެރި ކަޅު ކަޅީގެ މަތިން ފެށިން ތިރިއަށް އެއްކޮށް ކަފައިގެން ދިއުމުން އޮޕަރޭޝަނެއް ކޮށްފައި ވީނަމަވެސް ދަރިފުޅުގެ ލޯ ނުހުޅުވޭ ކަމަށާއި ލޮލަށް ތަދުވާތީ އަބަދު އާލިމް ރޮމުން ދާ ކަމަށެވެ.

"އެކަމަކު މިވަގުތު އޮތީ ނިދިފައި. ރޭވޭސް ހަމަ ތަދުވާ ވަރު ހުއްޓާ ނުލައި ރުއީ،" އާލިމްގެ ބައްޕަ ބުންޏެވެ.