ގާނޫނީ ވަކީލުން ސަސްޕެންޑް ކުރުމާ ގުޅިގެން ޖުޑިޝަލް އެޑްމިނިސްޓްރޭޝަނާ ދެކޮޅަށް ބައެއް ވަކީލުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

ސިވިލް ކޯޓުން އެ މައްސަލަ ބޭރުކޮށްލާފައި ވަނީ އެއީ އެ ކޯޓުގެ އިހުތިސާސްގެ ދަށުން ބެލޭނެ މައްސަލައެއް ނޫން ކަމަށް ބުނެ އެވެ.

ބަލައި ނުގަނެވޭނެ ސަބަބުތަކެއް ގޮތުގައި ސިވިލް ކޯޓުން ފާހަގަކޮށްފައި ވަނީ ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ނިންމާ ނިންމުންތަކަކީ ސުޕްރީމް ކޯޓު ވެސް އޭގައި ހިމެނޭ ގޮތަށް ނިންމާ ނިންމުންތަކެއް ކަމަށެވެ.

ވަކީލުން ސަސްޕެންޑް ކުރުމަށް ނިންމި ނިންމުން ސިވިލް ކޯޓަށް ބަލައިގެންފި ނަމަ އެވާނީ ސުޕްރީމް ކޯޓުގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ބުނާ އިޖުރާއަތާއި ހިލާފުވުން ކަމަށް ސިވިލް ކޯޓުން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން ވަކީލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މީގެ ކުރިން ވެސް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނާ ދެކޮޅަށް ހުށަހެޅުނު ބައެއް މައްސަލަތައް ސިވިލް ކޯޓަށް ބަލައިގެންފައިވާ ކަމަށެވެ. އެގޮތުން ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ރައްދުވާ 18 މައްސަލައެއް ސިވިލް ކޯޓުން ބަލާފައިވާ ކަމަށް ވަކީލުންގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ސިވިލް ކޯޓުން އެގޮތަށް އަމަލު ކުރުމުގެ ސަބަބުން ޖުޑިޝަލް އެޑްމިނިސްޓްރޭޝަނާ ދެކޮޅަށް ދައުވާ ކުރުމަށް ލިބިފައިވާ ފުރުސަތު ގެއްލިގެން ދިޔަކަން ވަކީލުން ވަނީ ފާހަގަކޮށްފަ އެވެ.

އަދި ލޯ އޭޝިއާ އިންޑިއާގެ ސުޕްރީމް ކޯޓުގެ ބާ އެސޯސިއޭޝަން ފަދަ ބައިނަލް އަގުވާމީ ފަރާތްތަކުން ވަކީލުން ސަސްޕެންްޑް ކުރުމާ ގުޅިގެން އެއީ ރަނގަޅަށް ހިނގި ކަމެއް ނޫން ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް ކަމަށް ވަކީލުން ބުންޏެވެ.

ޖުޑިޝަރީ އިސްލާހު ކުރުމަށް ގިނަ ކަންތައްތަކެއް ހިމަނައި 56 ވަކީލަކު ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެން އެ ވަކީލުން ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އޭގެ ތެރެއިން 13 ވަކީލުންގެ ސަސްޕެންޝަން ވަނީ އުވާލައިފަ އެވެ.