30 Sep 2017, 11:17
މާދަމާ (1، އޮކްޓޫބަރު)އަކީ ދުނިޔޭގެ ކްލަބު ފުޓްބޯޅައަށް ވަރަށް ޚާއްސަ ދުވަހަކަށް ވުން އެކަށީގެންވެއެވެ. އެއީ، މިވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު، އަދި އެންމެ ވަރުގަދަ އެއް ކްބަލު ކަމަށްވާ ސްޕެއިންގެ ބާސެލޯނާގެ ކުރިމަގާމެދު ގޮތެއް ނިންމަން މަޖުބޫރުވެދާނޭ ދުވަހަކަށް މާދަމާ ވެގެން ހިނގައިދާނެތީއެވެ.
ބާސާ ނިސްބަތްވަނީ ސްޕެއިންގެ ސަރަހައްދެއް ކަމަށްވާ ކެޓަލޫނިއާގެ ބާސެލޯނާއަށެވެ. އަމިއްލަ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ކެޓަލަންގެ ރައްޔިތުންގެ މެދުގައި މާދަމާ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެ ސަރަހައްދުގައި ދަނީ ތައްޔާރުވަމުންނެވެ. ކެޓަލޫނިއާގެ ރައްޔިތުން އަމިއްލަ މިނިވަން ދިދައެއްގެ ހިޔާ، އިޚްތިޔާރުކޮށްފި ނަމަ ބާސާގެ ކުރިމަގާ މެދުވެސް ގޮތެއް ނިންމާން ޖެހޭނެއެވެ. ސްޕެނިޝް ލަ ލީގާގައި ދެމިއޮންނާނީތޯ، ނުވަތަ އަވައްޓެރި ގައުމެއްގެ ލީގާ ގުޅޭނީތޯ ނިންމަން ޖެހޭނެއެވެ.

ބާސެލޯނާގެ މުހިއްމު ދެ ތަރީން ކަމަށްވާ ލިއޮނެލް މެސީ(ކ) އާއި ލުއިސް ސުއަރޭޒް(ވ) ---
ކެޓަލޫނިއާގެ ރައްޔިތުން، އަމިއްލަ ދައުލަތެއް އުފައްދާނީތޯ ނުވަތަ ނޫންތޯ ބެލުމަށް ވޯޓަކަށް ތައްޔާރުވަމުންދާއިރު، ސްޕެއިން ސަރުކާރުން ވަނީ އެއީ ގާނޫނާ ޚިލާފު ވޯޓެއް ކަމަށް ބުނެފައެވެ. އަދި އެގައުމުގެ ބޮޑުވަޒީރު މަރިއާނޯ ވަނީ އެ ވޯޓު ނެގިޔަ ނުދޭނޭކަމަށް ވިދާޅުވެފައެވެ.
ކެޓަލޫނިއާ ކިޔާ ގައުމެއް އުފަން ވެއްޖެނަމަ؟
އަމިއްލަ ދައުލަތެއް އުފެއްދުމަށް ކެޓަލޫނިއާ ރައްޔިތުން ބޭނުންވާއިރު، އެ ސަރަހައްދުގެ ސިޔާސީ ފަރާތްތަކުން ވަނީ، އާ ދައުލަތެއް އުފެދިއްޖެ ނަމަ ކުރަން ހުރި ކަންތައްތަކުގެ އެކްޝަން ޕްލޭނެއް ތައްޔާރުކޮށްފައެވެ. އެގޮތުން ކެޓަލަންއަށް ނިސްބަތްވާ ހުރިހާ ކުޅިވަރު ކްލަބު ޖަމިއްޔާތައް، އާ ދައުލަތަށް ބަދަލުކުރުމަށް ވަނީ ނިންމައިފައެވެ.

ސްޕެނިޝް ކަޕް ކާމިޔާބް ކުރުމަށް ފަހު ބާސެލޯނާގެ ކުޅުންތެެރިން އުފާފާޅު ކުރަނީ --- ފޮޓޯ:އޭޕީ
މިފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ލަ ލީގާގެ ކްލަބުތައް ކަމަށްވާ ބާސެލޯނާ، އެސްޕަންޔޯލް، އަދި ޖިރޯނާ ފަދަ ކްލަބުތަކުގެ ކުރިމަގާމެދު ގޮތެއް ނިންމާން މަޖުބޫރުވާނެއެވެ. ކެޓަލޫނިއާގެ ސްޕޯޓްސް މިނިސްޓަރު ޖެރާޑް ފިގުއެރާ ވިދާޅުވެފައި ވަނީ، އެފަދަ ހާލަތެއް މެދުވެރިވި ނަމަވެސް އެ ކްލަބުތަކަށް ވަރަށް ބައިވަރު ފުރުސަތުތައް އޮންނާނޭ ކަމަށާއި އެއީ ހާސްވާންޖެހޭ ވަރު ކަމެއް ނޫންކަމަށެވެ.
"މިނިވަން ދައުލަތެއް އުފެދިއްޖެ ހާލަތެއްގައި، ލަ ލީގާއަށް ކުޅޭ ކެޓަލަން ޓީމުތައް - ބާސެލޯނާ، އެސްޕަންޔޯލް އަދި ޖިރޯނާ، މި ކްލަބުތަކަށް ފުރުސަތު ލިބޭނެ އެމީހުން ކުޅޭނީ ސްޕެނިޝް ލީގަށްތޯ ނުވަތަ އަވައްޓެރި ގައުމެއްގެ ލީގަށްތޯ. މިސާލަކަށް އިޓަލީ، ފްރާންސް ނުވަތަ ޕްރިމިއަރ ލީގަށްވެސް ބަދަލުވެވިދާނެ،" އޭނާ ވިދާޅުވިއެވެ.
"މިހާރު ސްޕެއިންގެ ގައުމީ ފެންވަރުގެ ލީގުތަކަށް ވެސް އެބަ ކުޅޭ އެހެން ގައުމުތަކަށް ނިސްބަތްވާ ކްލަބުތައް. އެންޑޯރާގެ ފުޓްބޯޅަ އަދި ބާސްކެޓް ޓީމުތައް އެބަކުޅޭ ސްޕެއިންގައި.
"ފްރާންސް ލީގަށް މޮނާކޯ އެބަ ކުޅޭ. އިންގްލޭންޑުގައި ވޭލްސްގެ ކްލަބުތައް ކުޅޭ. އަހަންނަކަށް ހިޔެއް ނުވޭ، އެހެން ގައުމެއްގެ ކްލަބެއް ތަފާތު ލީގަކަށް ބަދަލުވުމަކުން ޔޫއެފާއިން އެކަމާ ދެކޮޅަށް ފިޔަވަޅު އަޅާނޭހެނެއް."

ބާސެލޯނާގެ ޕްރެޒިޑެންޓް ޖޯސެޕް މާރިއާ ބާޓޮމެއު -- ފޮޓޯ: އިންޑިޕެންޑެންޓް
ފުޓްބޯޅައިގެ ޚަބަރުތައް ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި ކެޓަލޫނިއާގެ މިނިވަން ދައުލަތެއް އުފެދިއްޖެ ނަމަ، ބާސެލޯނާ ސްޕެނިޝް ލީގިގުގައި ދެމިއެއް ނޯންނާނެއެވެ. އަދި އެފަދަ ހާލަތެއްގައި ބާސާ ގުޅޭނޭކަމަށް އެންމެ ބޮޑަށް ބެލެވެނީ ޕްރިމިއަރ ލީގަށް ކަމަށްވެސް ބެލެވޭ ކަމަށެވެ.
ބާސާއިން އަދި ވަކިގޮތެއް ނުނިންމާ!
ކެޓަލޫނިއާގެ މިނިވަން ދައުލަތެއް އުފެދިއްޖެ ނަމަ ހަދާނެ ގޮތަކާމެދު ބާސާގެ މެނޭޖްމަންޓުން އަދި މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ. އެހެން ނަމަވެސް، ބާސާގެ ރައީސް ޖޯޒެފް މާރިއާ ބާޓޮމެއު ވަނީ، ޑިމޮކްރަސީގެ އުސޫލުތަކަ އެއްގޮތަށް ކަންކަން ދާނަމަ، ކެޓަލޫނިއާގެ ރައްޔިތުންނަށްވެސް މިފަދަ ކަމެއްގައި ވޯޓެއް ނެގުމުގެ ފުރިހަމަ އިހްތިޔާރު ލިބެން ޖެހޭނޭ ކަމަށެވެ.
ބާސާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޮލާއަކީވެސް ކެޓަލޫނިއާ މިނިވަންވުމަށް ކުރާ މަސައްކަތަށް ވަރަށް ބޮޑަށް ތާއީދުކުރާ މީހެކެވެ.

ވަކި ގައުމެއްގެ ގޮތުގައި ކެޓަލޫނިއާ އުފެދިއްޖެ ނަމަވެސް ބާސާއަށް އެހާ ފަސޭހައިން ލަ ލީގާ ދޫކޮށެއް ނުލެވޭނެއެވެ. ކްލަބުގެ ގަވާއިދުތަކާ އެއްގޮތަށް ކުރިއަށް ދާނަމަ، އެފަދަ ހާލަތެއްގައި ބާސާއިން ޖެހޭނީ ލީގު ބަދަލުކުރާނީތޯ ނޫންތޯ ބަލަންވެސް ކްލަބުގެ މެމްބަރުންގެ މެދުގައި ވޯޓަކަށް ދާށެވެ.
މިނިވަން ދައުލަތެއް ގާއިމުކުރުމަށް މީގެ ކުރީންވެސް ހަތަރު ފަހަރެއްގެ މަތީން ކެޓަލޫނިއާ މަސައްކަތްކޮށްފައިވެއެވެ. އެގޮތުން ފުރަތަމަ 1641ގައި ކެޓަލަންގެ މުޅިން މިނިވަން ދައުލަތެއް ގާއިމުކުރުމަށް މަސައްކަތްކޮށްފައި ވާއިރު، 1873، 1931 އަދި 1934ގައި ވަނީ ސްޕެނިޝް ފެޑަރަލް ރިޕަބްލިކްގެ ތެރޭގައި ކެޓަލޫނިއާ ސްޓޭޓް ސަރުކާރެއް ގާއިމުކުރުމަށް މަސައްކަތްކޮށްފައެވެ. އެއަށް ފަހު، 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހު، އަނެއްކާވެސް ކެޓަލަން ޕާލަމެންޓުން ވަނީ، 2017 ނިމުމުގެ ކުރީން ކެޓަލޫނިއާގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ފާސްކޮށްފައެވެ.