30 Sep 2017, 09:30
މެންޗެސްޓާ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއެރޯ ދަތުރުކުރި ޓެކްސީއެއް އެކްސިޑެންޓްވެ، އޭނާއަށް ލިބުނު އަނިޔާއާ ގުޅިގެން ދެމަހެއްހާ ދުވަހަށް ކުޅުމާ ދުރަށް ދާންޖެހިއްޖެއެވެ.
އެކްސިޑެންޓް ހިނގީ އެމްސްޓަޑަމްގައި އޮތް ކޮންސެޓަކަށް ޒިޔާރަތްކުރުމަށްފަހު ނެދަލޭންޑްސްއިން މެންޗެސްޓާއަށް އެނބުރި ދިއުމަށްޓަކައި، އެމްސްޓަޑަމް އެއާޕޯޓަށް އަގުއެރޯ ދަތުރުކުރި ޓެކްސީ ބާރު ސްޕީޑުގައި ގޮސް މަގުގެ އަރިމަތީގައި ހުރި ހޮޅިދަނޑިއެއްގައި ޖެހިގެންނެވެ.
ބުރާސްފަތި ދުވަހުގެ ރޭ ހިނގި މި ހާދިސާގައި އަގުއެރޯގެ އަރިކަށްޓަށް އަނިޔާވެފައިވާ ކަމަށް އޭނާއަށް ފަރުވާދޭ، ސިޓީގެ ޑޮކްޓަރު ވަނީ ބުނެފައެވެ. އަދި އެ އަނިޔާއަށް ފަރުވާދިނުމަށްޓަކައި ގާތްގަނޑަކަށް ދެމަހެއްހާ ދުވަސް ނަގާނޭކަމަށް ޑޮކްޓަރާ ހަވާލާދީ ސިޓީން ބުނެފައިވެއެވެ.

މެންޗެސްޓާ ސިޓީގެ އާޖެންޓީނާ ފޯވަޑް ސާޖިއޯ އަގުއެރޯ، --- ފޮޓޯ: އޭޕީ
އަގުއެރޯއަށް މި ލިބުނު އަނިޔާއާ ގުޅިގެން އޭނާއަށް ގާތްގަނޑަކަށް 11 ވަރަކަށް މެޗު ގެއްލޭނެއެވެ. އެގޮތުން، މިރޭ 21:30ގައި ޗެލްސީއާ ދެކޮޅަށް ސިޓީ ކުޅޭ މެޗާއި، ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާ ކުޅޭ ދެ މެޗެއްވެސް އޭނާއަށް ގެއްލޭނެއެވެ.
އުމުރުން 29 އަހަރުގެ އާޖެންޓީނާ ފޯވާޑްގެ ބައްޕަ، ލިއޮނެލް ޑެލް ކަސްޓިލޯ ބުނީ، އޭނާގެ ދަރިފުޅު ސަލާމަތްވީ ނަސީބު ރަނގަޅުކަމުން ކަމަށެވެ.
"ޓެކްސީ ދަތުރުކުރީ ވަރަށް ބާރަށް. ކުން ބުނި އެ ޑްރައިވަރު ގާތު ތަންކޮޅެއް މަޑުން ދުއްވަންވެސް، ސީޓްބެލްޓް އަޅަންވެގެން. އެހެން ނަމަވެސް ކާރު އެދިޔަ ބާރު ސްޕީޑުގައި ގޮސް ލޭމްޕްޕޯސްޓުގައި ޖެހުނީ،" އަގުއެރޯގެ ބައްޕަ ބުންޏެވެ.