30 Sep 2017, 08:40
ބާރުގަދަ ބާވަތެއްގެ މަސްތުވާތަކެތި ދައުރަވަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށާއި އެކަމަކީ ކަންބޮޑުވާންޖެހޭ ބޮޑު މައްސަލައެއްކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ވިދާޅުވެއްޖެއެވެ.
ރޭ "ސަން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ހޯމް މިނިސްޓަރު ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ މަރުވި ދެ ޒުވާނުންގެ މަރުގެ ތަހުގީގު ފުލުހުން ކުރަމުންދާއިރު އެ ތަނުން ބާރުގަދަ ބާވަތެއްގެ މަސްތުވާތަކެތި ފެނިފައިވާކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.
"އާ ބާވަތެއްގެ ނުވަތަ އާންމުކޮށް ނުފެންނަ ވައްތަރުގެ ޕާޓީ ޑްރަގްސް ތަކެއް ފެނިފައިވާކަން ފުލުހުންނަށް އެނގިފައިވަނީ. އެ ވައްތަރުގެ ޑްރަގަކީ އެ ބޭނުން ކުރުމުގެ ސަބަބުން އޯވަޑޯޒްވެގެން މަރުވެސް ވެދާނެ އެއްޗެއް،" އަޒްލީން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އާންމުކޮށް ހިނގާ ހުރިހާ ޖަރީމާއަކަށް މަގުފަހި ކުރުވާ ކަމަކަށް މަސްތުވާތަކެތި ވެގެން ގޮސްފައިވާއިރު އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
"އެފަދަ ކަންކަން ހިންގާ މީހުންގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. އައު ބާވަތެއް ކަމުގައި ވިޔަސް އަދި ބައު ބާވަތެއް ކަމުގައިވިޔަސް މަސްތުވާތަކެތި ބޭނުން ކުރުމަކީ ގާނޫނުންވެސް އަދި އިސްލާމް ދީނުގައިވެސް ހުއްދަ ކަމެއްނޫން. އެހެންކަމުން އެފަދަ ޖަރީމާ ހިންގާ މީހުން ދަންނަން ޖެހޭ ގާނުނު އެމީހުންނާ އަރާ ހަމަ ކުރާނެ ކަން،" ހޯމް މިނިސްޓަރު ވިދާޅުވިއެވެ.
ހުޅުމާލޭގައި ބުރާސްފަތި ދުވަހުގެ ރޭ ކުއްލި ގޮތަކަށް މަރުވެފައި ވަނީ ތ. ތިމަރަފުށީ، ފެހުނު، އަހުމަދު ހާމީމް، 21، އަދި ދަފްތަރު ފާތުމަތު ސަމާ، 18، އެވެ. އެ ދެ މީހުން ހޮސްޕިޓަލަށް ގެންދިޔައީ ބުރާސްފަތި ދުވަހުގެ ރޭ 8:30 އެހައިކަންހާއިރުއެވެ.
ފުލުހުންގެ ތަރުޖަމާން، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ އެ ދެ މަރަކީވެސް ގުޅުން ހުރި ދެ ހާދިސާކަމަށް ބެލެވިގެން އެމައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ހުޅުމާލޭގެ ގެއެއް ބަލައިފާސް ކޮށްފައިވައިރު އެތަނުން "ޕާޓީ ޑްރަގްސް" ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.