ހުޅުމާލޭގައި ރޭ ކުއްލި ގޮތަކަށް މަރުވި ތ. ތިމަރަފުށީ، ފެހުނު، އަހުމަދު ހާމީން، 21، އާއި މާލޭ ދަފްތަރު ފާތުމަތު ސަމާ، 18،ގެ މަރާ ގުޅިގެން ހައްޔަރު ކުރި ހަތަރު މީހުންގެ މައްޗަށް 12 ތުހުމަތެއް ކޮށްފިއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އެމީހުންގެ ތެރޭގައި މަރުވި ސަމާގެ ލޯބިވެރިޔާ ހިމެނޭ އިރު ދެން ހިމެނެނީ ދެ ފިރިހެނުންނާއި އަންހެން ކުއްޖެކެވެ. އެ އަންހެން ކުއްޖާއަކީ ހައްޔަރުކޮށްފައި ތިބި މީހުންގެ ތެރެއިން އެކެއްގެ ލޯބިވެރިޔާއެވެ.

ރޭ ބޭއްވި މުއްދަތު ޖެހުމުގެ މަޖިލީހުގައި ފުލުހުންވަނީ އެ ހަތަރު މީހުންގެ މައްޗަށް 12 ތުހުމަތެއް ކޮށްފައެވެ. އޭގެ ތެރޭގައި މަސްތުވާ ތަކެއްޗާއިބެހޭ ގާނޫނުގެ ދަށުން ކޮށްފައިވާ ނުވަ ތުހުމަތެއްގެ އިތުރުން ގާނުނުލް އުގޫބާތުގެ ދަށުން ތިން ތުހުމަތެއް ވަނީ ކޮށްފައެވެ.

މުއްދަތުގެ މަޖިލީހުގައި ފުލުހުން ތުހުމަތު ކުރި ކަންތައްތައް

  • ޑައިމޯފިން ޓްރެފިކްކުރުން

  • ޑައިމޯފިން ޕެޑެލްކުރުން
  • ޑައިމޯފިން މުއާމަލާތުކުރުން
  • ކެނެބިސްޓްރެފިކް ކުރުން
  • ކެނެބިސްޓް ޕެޑެލްކުރުން
  • ކެނެބިހުން މުޢާމަލާތު ކުރުން
  • އަމިއްލައަށް މަރުވާން މަޖުބޫރު ކުރުވުން
  • އެހެންމީހަކު އަމިއްލައަށް މަރުވުމަށް އެދުން
  • އަމިއްލައަށް މަރުވާން މަޖުބޫރު ކުރުވުން
  • އެހެންމީހަކު އަމިއްލައަށްމަރުވާން އެހީތެރިވެ ދިނުން
  • އަމިއްލައަށް މަރުވާން މަޖުބޫރު ކުރުވުން
  • އަމިއްލައަށް މަރުވާން އުޅުމުގެ ކުށް.
  • ޑައިމޯފިން ބޭނުންކުރުން
  • ކެނަބިސް ބޭނުންކުރުން
  • މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު 1 ގައިވާ މަސްތުވާ އެއްޗެއް ބޭނުންކުރުން

ބުރާސްފަތި ދުވަހުގެ ރޭ މަރުވި ދެ މީހުންގެ ހަށިގަނޑު ހުޅުމާލޭ ސަހަރާއަށް ގެންދިޔައީ އިއްޔެ މެންދުރުފަހު 3:07ގައެވެ. އެ ދެ މީހުންގެ މައްޗަށް މަޣުރިބު ނަމާދަށްފަހު ހުޅުމާލޭ ވަގުތީ މިސްކިތުގައި ވަނީ ކަށު ނަމާދުކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވާއިރު ހުޅުމާލޭ ނިރޮޅު މަގުގައި އެމީހުން ތިބި ސަރަހައްދުން ޕާޓީ ޑްރަގްސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ސަންގެ ނޫސްވެރިން އެ ސަރަހައްދަށް ދިޔައިރު މައްސަލާގައި ހައްޔަރު ކުރި މީހަކު ގޮވައިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ސައިކަލެއް ބަލާ ފާސްކުރި މަންޒަރު ވަނީ ފެނިފައެވެ.