އަލްޖަޒީރާގެ އަރްވާ ބްރާވާ ލިޔުނު ރިޕޯޓްގެ ތަރުޖަމާ: މުހައްމަދު ނަސީމު

މީގެ ތިން ހަފްތާ ކުރިން، އަންގާރަ ދުވަހެއްގެ ހެނދުނު ޓްރަކަކާއި ލޯޑަރެއް ހިފައިގެން އިސްރާއީލް ސިފައިން ފަލަސްތީނުގެ އަވަށެއް ކަމަށްވާ އަމްނައިރުއަށް ވަދެ އެ އަވަށުގެ ނުވަ ފެން ތާންގީ ހަލާކުކޮށްލި އެވެ. އޭގެ ހަފުތާއެއް ފަހުން އެމީހުން ފަލަސްތީނުގެ އައް ނާސިރިއްޔާއާއި އަލްއަކްރަބަންޔާހް އަދި ބައިތު ހަސަންގެ ފެންވަޅުތަކާއި ފެން ޕަމްޕްތައް ހަލާކުކޮށްލިއެވެ. އިސްރާއީލްގެ އެފަދަ އަމަލުތަކުގެ ސަބަބުން ބައިތުލަހަމްގައި ވަނީ ފެނުގެ ދަތިކަން އިންތިހާއަށް ބޮޑުވެފަ އެވެ.

ފަލަސްތީންގެ ބިންތައް އިސްރާއީލުން އަޅުވެތި ކުރިފަހުން ފަލަސްތީނީން ވަނީ ފެން ލިބުމުގެ ހައްގުން ވެސް މަހުރޫމްކުރެވިފަ އެވެ. ދުވާލަކު އެންމެ 50 ލީޓަރުގެ ފެން ބޭނުންކޮށްގެން އެއިން ކޮންމެ މީހަކު ދިރިއުޅެން ޖެހެނީ އެހެންވެއެވެ. ހިފާފައިވާ ބިންތަކުގައި ދިރިއުޅޭ ފަލަސްތީން މީހުން އެފަދަ ހާލެއްގައި ދިރިއުޅޭ އިރު އެބިންތަކުގައި ވަޒަންވެރިކޮށްފައިވާ ޔަހޫދީންގެ ކޮންމެ މީހަކު ބޭނުންކުރަން ދުވާލަކަށް 280 ލީޓަރުގެ ފެން ލިބެ އެވެ.

ފެނުގެ މައްސަލައަކީ ފަލަސްތީނުގެ އަރަބީންނާ ޔަހޫދީންނާ ދެމެދު އެންމެ ބޮޑު ހަމަނުޖެހުމެއް ހިނގާ އެއް ކަންތައް ކަމަށް ވާއިރު ސުލްހަ ގާއިމްކުރުމަށް ދެފަރާތުގައި ވާހަތައް ބާއްވަން މަސައްކަތްކުރާ ބައެއް ފަރާތްތަކުން މިހާރު ދެކެނީ އެއީ މި ދެބައިމީހުންގެ އެކުގައި މަސައްކަތްކޮށް، ފަލަސްތީން މައްސަލައިގެ ހައްލަކާ ހަމައަށް ގެންގޮސްދީފާނެ މައްސަލައެއް ކަމަށެވެ.

"ބަޔަކު އެންމެންނަށް އަދަބު ދިނުމުގެ ގޮތުން އެމީހުންގެ ފެނުގެ ހައްގު ބޭނުންކުރުމަކީ ލަދުގަންނަން ޖެހޭނެ ކަމެއް، ކޮންމެ ބަޔަކުވެސް އަނެއް ބައިމީހުންނަކީ ފެނުގެ ހައްގު ލިބެންޖެހޭ އިންސާނުންކަން ދަންނަން ޖެހޭނެ" ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ފލަސްތީނުގެ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތެއްކަމަށްވާ ފްރެންޑްސް އޮފް އާތު މިޑްލް އީސްޓް )އެފްއޯއީއެމް( ގެ ޑިރެކްޓަރް ނަޟަރު އަލް ޚަތީބު ވިދާޅުވި އެވެ. " އަހަރެމެން ފެން ބޭނުންކުރަން ޖެހޭނީ ސަރަހައްދުގެ އެއްބަޔަކު އަނެއްބަޔަކާ ދެމެދު ގުޅުވައިދީ، ސުލްހަ އުފައްދާ ހަތިޔާރެއްގެ ގޮތުގައި"

އެފްއޯއީއެމްގެ އިސްރާއީލްގެ ޑިރެކްޓަރް ގިޑޯން ބްރޮމްބާގް ވިދާޅުވާ ގޮތުގައި ބާވެ ހަލާކުވެފައިވާ ފެންހޮޅިތަކާއި ފެނާ ބެހޭ އެހެނިހެން މަސައްކަތްތައް ކުރުމަށް ސަރަހައްދުގައި 120 މިލިޔަން ޑޮލަރު އެޖަމާއަތް މެދުވެރިގެން އިންވެސްޓްކޮށްފައިވާނެ އެވެ. ޔޫއެސްއެއިޑާއި ވޯލްޑް ބޭންކާއި ޔޫރަޕިއަން ޔޫނިއަނުންގެ އެހީގައިކުރި އެ އިންވެސްޓްމެންޓްތަކުގެ ބޮޑު ބައެއް ގޮސްފައިވަނީ ވަނީ ހިފާފައިވާ ފަލަސްތީންގެ ބިންތަކަށެވެ. އޭނާ ވިދާޅުވަނީ އެއިންވެސްޓްމެންޓްގެ މަސައްކަތް ދެފަރާތް ގުޅިގެން ކުރުމުން އެކަން ވެގެންދިޔައީ ސުލްހައަށް ކޮށާލެވުނު މަގަކަށް ކަމަށެވެ.

ބްރޮމްބާގް ވިދާޅުވާ ގޮތުގައި ދެބައިމީހުންގެ މަސްލަހަތުވެސް އޮތް އެމަސައްކަތް ދެބައިމީހުން ގުޅިގެން ކުރުމުގެ މާއްދީ ފައިދާ މިހާރުވެސް ވަނީ ފެނިފަ އެވެ. އެގޮތުން ޔަހޫދީންނާއި މުސްލިމުން ގުޅިގެން އެމަސައްކަތް ކުރި އަވަށެއްގެ ތެރެއިން ލާފައި އިސްރާއީލުން ރާނަމުން ދިޔަ ދެބައިމީހުން ވަކިކުރާ ފާރެއްގެ މަސައްކަތް، ދެބައިމީހުން ގުޅިގެން ހުއްޓުވާފައިވާކަން އޭނާ ފާހަގަ ކުރައްވައެވެ.

އިސްރާއީލުން ފަލަސްތީންމީހުންނަށް ދަތިކުރުމުގެ ގޮތުން އެމީހުންގެ އެތައް ފެންތާންގީއަކާއި ފެންހޮޅިއެއް ހަލާކުކޮށްލާފައި ވިޔަސް ފަލަސްތީންގެ ފެނުގެ މައްސަލަ ދިރާސާކުރާ ފަރާތްތަކުން ބުނަމުން ދަނީ ފެނުގެ މަސައްކަތަކީ އެދެފަރާތް ސުލްހަ ކުރުމަށް ބޭނުންކުރެވިދާނެ ހަތިޔާރެއް ކަމަށެވެ. އިސްރާއީލްގެ ބައެއް އާއްމުންނާއި މަދަނީ ޖަމިއްޔާތަކުން އެގޮތަށް ދެކުނުކަމުގައި ވިޔަސް އިސްރާއީލުން ފެން އަދިވެސް ބޭނުންކުރަމުންދީ ފަލަސްތީނު މީހުން ހާލުގައި ޖައްސާ ހަތިޔާރެއްގެ ގޮތުގައި ކަން ނާސިރިއްޔާއާއި އަލްއަކްރަބަންޔާހް އަދި ބައިތު ހަސަން ފަދަ އަވަށްތަކުގައި ހިންގާފައި އެވާ ޖަރީމަތަކުން އެނގެއެވެ.