30 Sep 2017, 09:00
މާރާމާރީތައް ހުއްޓުވުމަށް ގާނޫނީ ގޮތުން އެއްވެސް ހުރަސް ތަކެއް ކުރިމަތިވާނަމަ އެ ހުރަސްތައް ނައްތާލައިގެން ވިޔަސް އެ ފަދަ ޖަރީމާތައް ހުއްޓުވާނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ވިދާޅުވެއްޖެއެވެ.
މާލޭގައި ހިންގަމުންދާ ސިލްސިލާ މާރާމާރީ ތަކާ ގުޅިގެން "ސަން" އަށް ރޭ ދެއްވި ޚާއްސަ އިންޓަވިއެއްގައި މިނިސްޓަރު އަޒްލީން ވިދާޅުވީ، މާރާމާރީ ހުއްޓުވުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެކަން ހުއްޓުވުމަށް ހުރަހެއްވާނަމަ އެ ހުރިހާ ހުރަސްތަކެއް ނައްތާލައިގެން ނަމަވެސް އެ މައްސަލަ ހައްލު ކުރާނެކަމަށެވެ.
"ގާނޫނީ ގޮތުން އެއްވެސް ހުރަސްތަކެއް ވާނަމަ އެ ހުރަސްތައް ނައްތާލުމަށްޓަކައި ޕީޖީއާ އޭޖީއާ ގުޅިގެން މަސައްކަތްތަކެއް ކުރާނަން،" މިނިސްޓަރު އަޒްލީން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މާރާމާރީތައް ހުއްޓުވުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅު ތަކެއް ސަރުކާރުން އަޅާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށާއި އަދި ފުލުހުންނަށް ސިފައިންގެ އެހީތެރިކަން ބޭނުންވެއްޖެނަމަ އެކަން ވެސް ކުރާނެކަމަށެވެ.
"އަޅުގަނޑުމެން އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އަދި ކޮންމެ ފިޔަވަޅެއް ކަމުގައިވީ ނަމަވެސް އެ ފިޔަވަޅުތައް ފަހަތަށް ނުޖެހި އަޅާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވަން،" އަޒްލީން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މާރާމާރީތަކާއި ބޮޑެތި ޖަރީމާތައް ހިންގާ މީހުންނާ މެދު އަޅަން ޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަަމަށެވެ. އަދި އެފަދަ ކަންތައްތައް ހުއްޓުވުމަށް އަޅާ ފިޔވަޅެއްގެ ގޮތުގައި މޮނިކޮމް އަމުރު ނެރެ ޓެގް އެޅުވުމުގެ މަސައްކަތް ފަށަން ތައްޔާރު ވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން 21 މީހެއްގެ ފައިގައި ޓެގް އެޅުވުމަށް މޮނިކޮން އަމުރު ނެރެދިނުމަށް އާދީއްތަ ދުވަހު ފުލުހުން ހައިކޯޓަށް ހުށަހަޅާނެ ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.
"ޓެގް މި އަޅުވަނީކީ އެއްގޮތަކަށްވެސް ރަނގަޅަށް ތިބޭ ބައެއްގެ ނޫން. ޖަރީމާތައް ނުހިންގާ ރަނގަޅަށް ބަސް އަހައިގެން ޒުވާނުންގެ ގޮތުގައި އުޅޭ މީހުންގެ ގައިގަ ޓެގެއް ނާޅުވާނެ،" އަޒްލީން ވިދާޅުވިއެވެ.
މާރާމާރީ ފަދަ ޖަރީމާތައް ނުހިންގާތާ ގިނަ ދުވަސްތަކަކަށްފަހު ކުއްލިއަކަށް އެކަން އާންމު ވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް އަޒްލީން ވިދާޅުވިއެވެ.
"ރައްޔިތުންގެ ކިބައިންވެސް އަޅުގަނޑު އެދެން ފުލުހުން ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން ދިނުމަށް،" އަޒްލީން ވިދާޅުވިއެވެ.
މިނިސްޓަރު އަޒްލީން މިހެން ވިދާޅުވިއިރު ރޭވެސް ވަނީ ދެ މީހެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައެވެ. އަދި އޭގެ ތެރެއިން އެކަކު ވަނީ މަރުވެފައެވެ.