މާލޭގައި މިރޭ ތޫނުއެއްޗަކުން ހަމަލާދީ ޒުވާނަކު ޒަޚަމްކޮށްލި މައްސަލައާ ގުޅިގެން 12 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެ މާރާމާރީ ހިންގުމުގައި އަމަލީގޮތުން ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ ހަތަރު މީހުން ކަމަށެވެ. އެމީހުން ހައްޔަރުކުރީ މާރާމާރީ ހިންގަން ބޭނުންކުރި ސާމާނާއެކު، އެތަކެތި ނައްތާލަން މަސައްކަތް ކުރަމުންދަނިކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މައްސަލައިގައި ތުހުމަތު ކުރެވޭ އިތުރު އަށް މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިރޭ ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލީ އިސްމާއިލް ހަމްދާން ނަމަކަށް ކިޔާ އުމުރުން 23 އަހަރުގެ ޒުވާނަކަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ މިރޭ ގެސްޓުހައުސް އަކާއި އިތުރު ތަނެއް ބަލައިފާސްކޮށްފައެވެ.

އޭނާގެ ބުރަކަށީގެ ދެތަނަކަށް ވަރަށް ފުންކޮށް ތޫނުއެއްޗެއް ހަރާލާފައިވާއިރު، ކަނާތަށް ތޫނުއެއްޗެއް ހެރުމުގެ ސަބަބުން ނާރެއް ވަނީ ބުރިވެފައެވެ.