30 Sep 2017, 00:11
ހުޅުމާލޭގައި މިރޭ ޒުވާނަކަށް ތޫނުއެއްޗަކުން ހަމަލާދީ މަރާލާފައި ވަނިކޮށް، މާލޭގައި ވެސް މީހަކަށް ތޫނުއެއްޗަކުން ހަމަލާދީފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރީ ހުންނަ ޖީ ސިކްސް ކެފޭ ތެރެއިން މީހަކަށް ތޫނުއެއްޗަކުން ހަމަލާދިން ކަމުގެ ރިޕޯޓް ލިބިފައި ވަނީ މިރޭ 11:32 ގައި ކަމަށެވެ.
އެމީހާ އަށް މިހާރު އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުންް އަންނަ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. ހަމަލާދިން މީހާގެ ނަމަކީ އިސްމާއިލް ހަމްދާނެެވެ. އުމުރުން 23 އަހަރުގެ އެމީހާގެ ބޮލަށް ޒަޚަމްތަކެއް ލިބުނު ނަމަވެސް، ހާލު އެހާ ސީރިއަސ ނޫން ކަމަށް ވަނީ އެނގިފައެވެ.
އެ ޒުވާނާ އަށް ހަމަލާދިނީ ޖީސިކްގެ މަތީބައިގައި ހިންދައެވެ. އެތަނުގައި ގިނަ އަދަދެއްގެ ލޭ ހުރި ކަމަށް އެ ސަރަހައްދުގައި ހުރި "ސަން" ގެ ނޫސްވެރިޔާ މުހައްމަދު ސަމާހު ބުންޏެވެ.
އޭނާގެ ބުރަކަށީގެ ދެތަނަކަށް ވަރަށް ފުންކޮށް ތޫނުއެއްޗެއް ހަރާލާފައިވާއިރު، ކަނާތަށް ތޫނުއެއްޗެއް ހެރުމުގެ ސަބަބުން ނާރެއް ވަނީ ބުރިވެފައެވެ.
މަންޒަރު ދުށް މީހަކު ބުނީ ތޫނުއެއްޗަކުން ހަމަލާދިން އިރު، އެތަނުގައި ގިނަ ބަޔަކު ތިބި ކަމަށެވެ.