ފ. މަގޫދޫ ގޮނޑު ދޮށުގައި ފިރިހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. އެމީހާ ފެނުނީ މިއަދު ހެނދުނު 7:10 ޖެހިތާނާ ކަމަށް ފުލުހުން ގެ މީޑިޔާ އޮފިޝަލު ވިދާޅުވި އެވެ.

މަގޫދޫ ކައުންސިލުގެ ރައީސް އަބްދުﷲ ނަސީރު ވިދާޅުވީ އެ ރަށުގެ ގޮނޑު ދޮށު، ރާޅު ޖަހާ ފަށަށްވުރެ ތަންކޮޅެއް ބޭރުގައި މަރުވެފައި އޮއްވާ ފެނުނީ އެރަށު ލަކްސްލީން، މުހައްމަދު ހުސައިން 56، ކަމަށެވެ.

"އޭނާއަކީ ފިޓް ޖެހޭ މީހެއް. ޑޮކްޓަރު ވެސް ވިދާޅުވީ އޭނާ މަރުވެފައި ވަނީ ފިޓްޖެހިގެން ކަމަށް، ނޫނީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް." ނަސީރު ވިދާޅުވި އެވެ.

ނަސީރު ވިދާޅުވީ ރަށުގައި އަމިއްލަ ވިޔަފާރިއާއި ވަޑާމުގެ މަސައްކަތް ކޮށް އުޅޭ މުހައްމަދު ހުސައިނަކީ ކޮންމެ ރެއަކު ވެސް ފަތިސް ނަމާދަށް ދާ މީހެއް ކަމަށާއި މިއަދު އޭނާ މަރުވެފައި އޮއްވާ ފެނީ ފަތިސް ނަމާދަށް ދިއުމުގެ ކުރިން އޭނާ ގެންގުޅޭ ބޮއްކުރައެއްގައި ކެޔޮޅު ކަމު ދިއުމަށް ތައްޔާރުވުމަށް ފަހު މޫދޫގައި އުޅެނިކޮށް ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

"ކެޔޮޅު ކަމުދާން ބޮއްކުރާ ތައްޔާރުކޮށްފައި ހުރީ. ހެދުނު އަޅުގަނޑުމެނަށް ފެނިގެން ނަގާ ހޮޅު އަށިމަތީގައި ބޭއްވި އިރު އަނގައި ފޮނު އާދޭ. ދެން އަޅުގަނޑުމެން ބެލީ އޭރު ފުރާނަ ހުރި ކަމަށް. ނަމަވެސް މަރުކަޒަށް ގެންދިއުމުން ޑޮކަޓަރު ވިދާޅުވީ އޭގެ އެއްގަޑިއިރު ކުރި މަރުވެފައިވާ ކަމަށް، އަޅުގަނޑުމެން ބެލި އިރު ހަށިގަނޑުގެ އެއްވެސް ތަނެއްގައި ޒަހަމެއް ވެސް ނެތް،" ނަސީރު ވިދާޅުވި އެވެ.

މުހައްމަދު ހުސައިންގެ ހަށިގަނޑު މިވަގުތު އޮތީ މަގޫދޫ ސިއްހީ މަރުކަޒުގައެވެ. ކައުންސިލުގެ އިދާރާއިން ބުނީ ހަށިގަނޑު ބާއްވާފައި ވަނީ ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށެވެ.

މުހައްމަދު ހުސައިން މަރުވި އިރު ހަ ކުދިންނާއި އަންބަކު އެބައިނެވެ.