ގާތް ރަހުމަތްތެރިއެއްގެ އުފަން ދުވަސް ފާހަގަ ކުރުމަށް އުޅެނިކޮށް ބުރާސްފަތި ދުވަހުގެ ރޭ ކުއްލިގޮތަކަށް މަރުވި ދެ ޒުވާނުން ކަމަށްވާ ތިމަރަފުށީ، ފެހުނު، އަހުމަދު ހާމީން، 21، އަދި ދަފްތަރު ފާތުމަތު ސަމާ، 18، ޖަމާވީ ހުޅުމާލޭގެ ގެސްޓް ހައުސް އަކަށެވެ. އެމީހުން އެތަނަށް ދިޔައީ ސަމާގެ ލޯބިވެރިޔާ އާއި ސަމާގެ ލޯބިވެރިޔާގެ ބޭބެ އާއި ބޭބެގެ ލޯބި ވެރިޔާއާއެކުއެވެ. އެ ހަތަރު މީހުންނަކީވެސް އެކުގައި އަބަދުވެސް އުޅޭ ބައެއްކަން ވަނީ އެނގިފައެވެ. އަދި އޭގެ އިތުރުން ރައްޓެއްސެއްވެސް އެމީހުންނާ އެކު ހުރި ކަމަށްވެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އަސްލުވީ ކިހިނެތް؟

ބުރާސްފަތި ދުވަހުގެ ރޭ ވެސް އާދައިގެ މަތިން އެ ހަތަރު މީހުން އިތުރު ރައްޓެއްސަކާއި އެކު އެ ގެސްޓްހައުސް އަށް ދިޔައީ މަރުވި ހާމިންގެ ލޯބިވެރިޔާގެ އުފަން ދުވަސް ފާހަގަ ކުރަން ކަމަށް ވަނީ އެނގިފައެވެ. ހާމިން އޭނާގެ ރަހުމަތްރިއަކާއެކު ކޭކަކާއި ޒިނަތެރިކުރަން ބޭނުންވާ ސާމާނު ގަނެގެން ދިޔަތަން ބައެއް މީހުންނަށް ވަނީ ފެނިފައެވެ. ހާމިންއާއި އޭނާގެ ފިރިހެން ރަހުމަތްތެރިން ސަޕްރައިޒް ދިނުމަަށްޓަކައި ގެސްޓް ހައުސްގެ ކޮޓަރި ތައްޔާރު ކުރި އިރު ސަމާ އުޅުނީ ހާމިންގެ ލޯބިވެރިޔާ އާއި އިތުރު އަންހެން ކުއްޖަކާއެކު ހުޅުމާލޭ ނިރޮޅުމަގު ނިމޭ ހިސާބުގެ ގޮނޑުދޮށުގައެވެ. ގޮނޑު ދޮށުގައި ގިނަ އިރުތަކެއް ވަންދެން ސަކަރާތް ޖެހަން ތިބި ކަން ވަނީ އެނގިފައެވެ. އަދި އެ ތަނުގައި ތިބި ތަން ފެނުނު ބައެއް މީހުންވަނީ "ސަން" އަށް އެވާހަކަ ކިޔައިދީފައެވެ.

"ބުރާސްފަތި ދުވަހުގެ ރޭ ވަރަށް ގިނަ އިރުވަންދެން އެމީހުން މިތާ ތިބި. އަހަރެން ދަންނަން އެތާ ހުރި އެއް ކުއްޖަކު. އެހެންވީމަ ބުނަން މި އެނގެނީ އެމީހުން އެތާ ތިއްބޭ. އެކަމަކު އެމީހުން އެވަގުތު ތިބީ މަސްތުވެގެންނޭ ބުނާކަށް ނޭނގެ،" ގެސްޓް ހައުސް ކުރި މަތީގައި އެ މީހުން ތިބި ތަން ފެނުނު މީހަކު ކިޔައިދިނެވެ.

ހާމިންގެ ލޯބިވެރިޔާއަށްދޭން ތައްޔާރުވި ސަޕްރައިޒް އަށް ކޮޓަރި ތައްޔާރު ކުރުމަށްފަހު ހާމިން އާއި އޭނާގެ ތިން ރައްޓެހިންވެސް އެ ސަރަހައްދު ގޮނޑު ދޮށަށް ދިޔަކަމަށް އެ ތަނުގައި އެވަގުތު ހުރި ހާމިންގެ ގާތް މީހަކާ ހަވާލާދީ ހާމިންގެ އާއިލާގެ މީހަކު ކިޔައިދިނެވެ. އަދި އެތަނުގައި ތިބެގެން ކޮންމެވެސް އެއްޗެއް ބުއިކަމަށް އެމީހާ ކިޔައިދިނެވެ.

އުފަންދުވަސް ފާހަގަކުރަން ދިޔަ ހަތް ޒުވާނުން ތިބި ގެސްޓްހައުސްއާ ދިމާ ގޮނޑުދޮށް --- ސަން ފޮޓޯ/ ފަޔާޒް މޫސާ

"އެމީހުންގެ ތެރެއިން އެއްބަޔަކު އެއްޗެއް ބުއި ކަމަށްވޭ. ބޮޑަށް ހީވަނީ ކޯކް ހެން. ބޮޑަށް ބެލެވެނީ އެއަށްކަމަށް މަސްތުވާތަކެތި އަޅާފަ ބުރީ. ދެން އެތާ އެހެން ތިއްބާ ހާމިންގެ މެއަށް ތަދެއް އެރީ. ދެން ހާމިންގެ ލޯބިވެރިޔާ ބުނެފި އެ ތަނުން ދާން. އެކަމަކު ހާމިން ނުދިޔުމުން އޭނަގެ ބިޓު ދިޔައީ،" ނަން ނުޖެހުމަށް ޝަރުތުކޮށް ހުޅުމާލެ ސަހަރާ ކައިރީގައި ހުރެ ހާމިންގެ އާއިލާގެ މީހަކު ކިޔައިދިނެވެ.

ހާމިންގެ މެޔަށާއި ބޮލަށް އެނބުރުން އެރުމުން އެ ވަގުތު އެތަނުގައިތިބި ރަހުމަތްތެރިން އޭނާ މޫދު ކައިރިއަށް ގެންގޮސް ކޮންމެވެސް ވަރަކަށް ލޮނު ފެން އެޅިކަމަށް އެމީހާ ބުންޏެވެ. އަދި އެވަރުންވެސް ނުވެގެން އޭނާ ގޮވައިގެން ގެސްޓް ހައުސްގެ މައްޗަށް އަރަން ދިޔައިރު ސަމާއަށްވެސް ހަމަ އެގޮތް ވާން ފެށި ކަމަށް އޭނާ ބުންޏެވެ.

"މައްޗަށް އަރާފަ ކޮންމެވެސް ވަރަކަށް ފެން އަޅައި ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރި ކަމަށްވޭ. ނަމަވެސް އެކަން ނުވުމުން ގޮވައިގެން ތިރިއަށް ފޭބީ،"

އުފަންދުވަސް ފާހަގަ ކުރަން ދިޔަ ހަތް ޒުވާނުން ތިބި ގެސްޓްހައުސް ---ސަން ފޮޓޯ/ ފަޔާޒް މޫސާ

ހުޅުމާލެ ހޮސްޕިޓަލަށް ހާމިން ގެންދިޔަ ޓެކްސީ ޑްރައިވަރު ބުނިގޮތުގައި ޒުވާނުންތަކެއްގެ އެދުމަށް ރޭ ކްލިއާ ސްކައި ގެސްޓްހައުސް ކައިރީ ގޯޅި ގަނޑުގައި ހުރި ގެސްޓް ހައުސް އެއް ކައިރިން މީހަކު ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރު އެ ޓެކްސީ އަށް އެރި ޒުވާނުން ތިބީ ވަރަށް ބޮޑަށް ހާސްވެފައި ކަމަށާއި އޭރު ހޭ ނެތް މީހަކު ފަހަތު ސީޓުގައި އޮތް ކަމަށެވެ. އަދި އޭނާ އޮތީ ހަރުދަނޑި ވެފައި ކަމަށް ޓެކްސީ ޑްރައިވަރު ބުންޏެވެ. ޓެކްސީ ޑްރައިވަރު ބުނީ އެ ޒުވާނާ އޮތީ ތެމިފައިނޫން ކަމަށެވެ.

މަރުވި ދެ ޒުވާނުން ތިބި ތަނުން މަސްތުވާތަކެތި ފެނުނު

ފުލުހުން މިއަދު ވަނީ މަރުވި ދެ ޒުވާނުން ތިބި ގެސްޓު ހައުސް އިން ޕާޓީ ޑްރަގްސް ހޯދާފައެވެ. އެގެސްޓު ހައުސް ފާސްކުރީ އެ މައްސަލާގައި ތުހުމަތު ކުރެވޭ ބައެއް މީހުންގެ ހާޒިރުގައެވެ. އެމީހާގެ ހާޒިރުގައި އެ މައްސަލައާ ގުޅިގެން ސައިކަލެއް ވެސް ވަނީ ބަލައިފާސްކޮށްފައެވެ.

ެއެ ގެސްޓު ހުައުސް އިން ޕާޓީ ޑްރަގްސް ފެނުންކަން ފުލުހުން ކަށަވަރު ކޮށްދިން ނަމަވެސް ދެ ޒުވާނުން މަރުވީ ސީދާ މަސްތުވާތަކެތީގެ ސަބަބުން ކަމެއް ނުބުނެއެވެ.

ހުޅުމާލޭގައި ކުއްލިއަކަށް މަރުވި ދެ ޒުވާނުން މަރުވި މައްސަލާގައި ހައްޔަރު ކުރި އެކަކު ގޮވައިގެން ފުލުހުން ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ބޮޑަށް ބެލެވެނީ ދެ ޒުވާނުން މަރުވީ އޮވަ ޑޯޒް ވެގެންކަމަށް

އެ ހާދިސާގެ މައުލޫމާތު ރަނގަޅަށް އެނގޭ މީހުން "ސަން" އަށް ކިޔައިދިންގޮތުގައި އެ ދެ މީހުން މަރުވީ އޯވާ ޑޯޒް ވެގެން ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އާއިލާ އިން ވެސް ގަބޫލުކުރަނީ އެހެންނެވެ. އަދި ދެ ޒުވާނުންގެ ހަށިގަނޑުގެ ބޭރު ފުށުން ވެސް ވަނީ އެފަދަ ނިޝާންތަކެއް ފެނިފައެވެ. އެގޮތުން އެ ދެ ޒުވާނުންގެ ތެރެއިން ސަމާގެ ނޭފަތުން ކޮންމެވެސް ވަރަކަށް ލޭ އައިސްފައި ހުރިތަން ވަނީ ފެނިފައެވެ. ހުޅުމާލޭ ސަހަރާއަށް ހިނަވަން ސަމާ ގެންދިޔައިރުވެސް ލޭ އައި ކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ. އެއީ އޯވަ ޑޯޒް ވުމުގެ ސަބަބުން ވެދާނެ ކަމެއް ކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެއެވެ.

ބުރާސްފަތި ދުވަހު މަރުވި ތިމަރަފުށީ، ފެހުނު، އަހުމަދު ހާމީން، 21، ހުޅުމާލެ ހޮސްޕިޓަލުން ނެރެގެން ގެންދަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ހައްޔަރުކުރި ހަތަރު ޒުވާނުންގެ މައްޗަށް ބޮޑު ތުހުމަތު ތަކެއް

ހުޅުމާލޭގައި މަރުވި ދެ ޒުވާނުންނާއި ހައްޔަރު ކޮށްފައި ތިބި ހަތަރު ޒުވާނުންނަކީވެސް ވަރަށް އެކުވެރި ކުދިން ތަކެކެވެ. އެގޮތުން އެ މައްސަލާގައި ހައްޔަރުކުރި ދެ ފިރިހެނުންނަކީ ހާމިންގެ ރަށް ކަމުގައިވާ ތ. ތިމަރަފުށްޓަށް ނިސްބަތްވާ ދެ ޒުވާނުންނެވެ. އޭގެ ތެރޭގައި އެ ހާދިސާއަށްފަހު ޝޮކެއް ޖެހިގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ހޯދި ޒުވާނާވެސް ހިމެނެއެވެ. ދެން ހައްޔަރުކުރި ޒުވާން އަންހެން ކުއްޖާއަކީ މިބުނާ ފިރިހެން ކުއްޖާގެ ލޯބިވެރިޔާއެވެ. އެ އަންހެން ކުއްޖާ މަސައްކަތް ކުރަނީ ރާއްޖޭގެ އެއާލައިނެއްގެ ކެބިން ކުރޫއެއްގެ ގޮތުގައެވެ. އަދި ދެން ހައްޔަރު ކުރި ޒުވާނާއަކީ އެމީހުންގެ ރަހުމަތެރިއެކެވެ. އެ ހަތަރު މީހުންގެ ތެރޭގައި ކުށުގެ ރެކޯޑް އޮތް އެއްވެސް ކުއްޖަކު ނެތްކަން ވަނީ ޔަގީން ކުރެވިފައެވެ.

ހުޅުމާލޭގައި ކުއްލިއަކަށް ދެ ޒުވާނުން މަރުވި މައްސަލާގައި ހައްޔަރު ކުރި އެކަކު ފުލުހުންގެ ކާރަކަށް އަރުވަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ރޭ ހައްޔަރުކުރި ހަތަރު މީހުންގެ މައްޗަށް 12 ތުހުމަތެއް ފުލުހުން ވަނީ ކޮށްފައެވެ.

އެ ތުހުމަތުތަކަކީ:

ޑައިމޯފިން ޓްރެފިކްކުރުން

ޑައިމޯފިން ޕެޑެލްކުރުން

ޑައިމޯފިނުން މުއާމަލާތްކުރުން

ކެނެބިސްޓްރެފިކް ކުރުން

ކެނެބިސް ޕެޑެލްކުރުން

ކެނެބިހުން މުޢާމަލާތްކުރުން

އަމިއްލައަށް މަރުވާން މަޖުބޫރު ކުރުން

އަމިއްލައަށް މަރުވުމަށް އެދުން

އަމިއްލައަށް މަރުވާން މަޖުބޫރު ކުރުވުން

އެހެންމީހަކު އަމިއްލައަށްމަރުވާން އެހީތެރިވެ ދިނުން

އަމިއްލައަށް މަރުވާން މަޖުބޫރު ކުރުވުން

އަމިއްލައަށް މަރުވާން އުޅުން

އެކި ބާވަތުގެ މަސްތުވާތަކެތި ބޭނުން ކުރުމުގެ ތުހުމަތު

ހާމިން އަދި ސަމާގެ ރަހުމަތްތެރިންގެ ބަސް

އެ ދެ މީހުންގެ ގިނަ ރަހުމަތްތެރިންނާ ސަންގެ ނޫސްވެރިން ވާހަކަދެއްކީމެވެ. އެ އެންމެން ބުނަނީ އެމީހުން މަސްތުވާތަކެތި ބޭނުންނުކުރާނެ ކަމަށެވެ. އެމީހުންގެ ފަރާތުން މީގެ ކުރިން އެފަދަ ކަމެއް ދުވަހަކުވެސް ނުފެންނަ ކަމަށް ރަހުމަތެރިން ވަނީ ބުނެފައެވެ.

"ސަމާ އެކަހަލަ ކަމެއް ނުކުރާނެ. އެއީ ހަމަ ބޮޑު ދޮގެއް. ހީވަނީ ބަޔަކު ގަދަ ކަމުން ދިނީ ހެން،" ބުރާސްފަތު ދުވަހުގެ ރޭ މަރުވި ސަމާ ގެ ރައްޓެއްސަކު ކިޔައިދިނެވެ.

ހާނިމްގެ ރަހުމަތެރިން ބުނާގޮތުން ހާނިމް އަކީ ސްކޫލު ދައުރުން ފަށައިގެންވެސް ވަރަށް އަޚްލާގު ރަނގަޅު ކުއްޖެކެވެ. ރަހުމަތްތެރިން ބުނިގޮތުގައި އޭނާ ސިނގިރޭޓްވެސް ބޯން ފެށި އިހަކަށް ދުވަހުއެވެ.

ހުޅުމާޅޭގައި ކުއްލިގޮތަކަށް މަރުވި ދެ ޒުވާނުންގެ ޖަނާޒާގެ ތެރެއިން ---ސަން ފޮޓޯ/ފަޔާޒް މޫސާ

ސަމާގެ ބައްޕަގެ ބަސް

ސަމާގެ ބައްޕަ ވަނީ އެ ހާދިސާއަށްފަހު ހިތުގެ އުދާސްތައް "ސަން"އާ ހިއްސާކޮށްފައެވެ. ސަމާ އާއި އޭނާގެ ލޯބިވެރިޔާ ގުޅިގެން އުޅޭތާ ފުދޭ ވަރަކަށް ދުވަސް ވެއްޖެއެވެ. ސަމާގެ ގޭގައި ވެސް އޭނައާ ބައްދަލުކޮށްހަދާ ކަމަށް ބައްޕަ ބުންޏެވެ. ދަރިފުޅު މަރުވިކަން ގަބޫލު ކުރަން ސަމާގެ ބައްޕައަށް އުނދަގޫވިއެވެ.

ސަމާގެ ބައްޕަ ބުނިގޮތުގައި ފުރަތަމަ އަޑުއިވުނީ ދަރިފުޅު ގެނބިގެން މަރުވި ކަމުގެ ޚަބަރެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް ސަމާގެ ބައްޕަ ބުންޏެވެ. ސަމާ މަސްތުވާތަކެތި ބޭނުންކޮށްފާނެ ކަމަށް ވެސް އޭނާގެ ބައްޕަ ގަބޫލެއްނުކުރެއެވެ.

ހުޅުމާލޭގައި ކުއްލިގޮތަކަށް މަރުވި ދެ މީހުންގެ ތެރެއިން ސަމާގެ ބައްޕަ ސަން އަށް އިންޓަވިއު ދެނީ -- ސަން ފޮޓޯ/ ފަޔާޒް މޫސާ

"ގަބޫލެއް ނުކުރެވޭނެ. އަޅުގަނޑުގެ ދަރިފުޅަކީ އެފަދަ ކަމެއް ކުރާނެ ކުއްޖެއް ނޫން. މީގެ ކުރިންވެސް އެފަދަ އެއްވެސް ކަމެއް ނުކުރޭ. ހީވަނީ އޭނާ ރައްޓެހިވެގެން އުޅޭ ކުއްޖާ ކުރުވި ކަމެއް ހެން،"

ސަމާގެ މޫނު ދެއްކުމަށް އޭނާގެ ލޯބިވެރިޔާ ފުލުހުންގެ ބެލުމުގެ ދަށުން ސަހަރާއަށް ގެންދިޔައެވެ. ސަމާ މަރުވީ އެ ދެމީހުން ކައިވެނި ކުރަން ތައްޔާރު ވަމުންދަނިކޮށް ކަމަށް ވަނީ އެނގިފައެވެ.

ގިނަ ވާހަކަތައް އެނގޭނީ ހާމީންގެ ލޯބިވެރިޔާއަށް

ހާމީންގެ ލޯބިވެރިޔާއަށް ސަޕްރައިޒްއެއް ދިނުމަށް ރޭވި ޕާޓީ ދިޔައީ ގޯހުން ގޯހަށެވެ. ހާމީންގެ ލޯބިވެރިޔާ އަށް އެ ހާދިސާގެ ގިނަ މައުލޫމާތު އެނގޭނެ ކަމަށް ބެލެވެއެވެ. ނަމަވެސް އޭނާ އަދި ހުރީ ވާހަކަ ދެއްކޭ ހާލަތެއްގައެއް ނޫނެވެ. އެ ހާދިސާއަށްފަހު ހުޅުމާލޭ ހޮސްޕިޓަލުގައި އޭނާ އަށް ފަރުވާދިނުމަށްފަހު ދޫކޮށްލިޔަސް އަދިވެސް ހުރީ ޝޮކުގައެވެ.

ހުޅުމާލޭގައި ކުއްލިގޮތަކަށް މަރުވި ދެ ޒުވާނުންގެ ޖަނާޒާގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ހާމީން އުފަންދުވަހާއި އޭނާގެ ލޯބިވެރިޔާގެ އުފަންދުވަސް ޖެހިޖެހިގެން އަންނައިރު އެ ދެމީހުން ތައްޔާރުވީ އެކުގައި ބޮޑު ގޮތަކަށް އެކަން ފާހަގަ ކުރުމަށެވެ. ނަމަވެސް ކަން ނިމިގެން ދިޔައީ ހާމިންގެ މަރާއެކުއެވެ. އޭނާ މަރުވި އިރު އެ އަންހެން ކުއްޖާ އެސަރަހައްދަކު ނެތެވެ. އެ އަންހެން ކުއްޖާގެ ވާހަކަތައް "ސަން" އަށް ލިބިފައިނުވިނަމަވެސް ފުލުހުން ކުރަމުން އަންނަ ތަހުގީގު ނިމޭއިރު އޭނާގެ ބަސް ވެސް އެނގިގެންދާނެއެވެ.

ހުޅުމާލޭގައި ކުއްލިގޮތަކަށް މަރުވި ދެ ޒުވާނުންގެ ޖަނާޒާ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ބާރުގަދަ މަސްތުވާތަކެތި އެބައުޅޭ: މިނިސްޓަރު އަޒްލީން

އާންމުކޮށް މާލެއިން ލިބެން ހުންނަ މަސްތުވާތަކެއްޗަށް ވުރެ ބާރުގަދަ މަސްތުވާ ތަކެތި އުޅޭ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ވަނީ ރޭ ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވިގޮތުގައި އެއީ ކަންބޮޑުވާންޖެހޭ މައްސަލައެކެވެ. މަސްތުވާތަކެއްޗަކީ ނުބައިކަންކަންތައްތަކުގެ ފެށުން ކަމުގައިވާއިރު، އެ ވަބާއިން ޒުވާނުން ސަލާމަތްކުރަންޖެހެއެވެ. އެކަމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރައްވާނެ ކަމަށް އަޒްލީން ވިދާޅުވިއެވެ.

"ބުރާސްފަތު ދުވަހު ހިނގައިދިޔަ ހާދިސާއަކީ އޮވަޑޯޒްއެއްތޯ ނުވަތަ ބަޔަކު ހިންގި ޖަރީމާއެއްތޯ ނުވަތަ މާރާމާރީއެއްތޯ މިކަން ތަހުގީގު ކުރަނީ. އަދި ފުލުހުން އެ މައްސަލައާ ގުޅޭ މައުލޫމާތު ވަގުތުން ވަގުތައް ފޯރުކޮށްދޭނެ،" އަޒްލީން ވިދާޅުވިއެވެ.

އެ ދެ ޒުވާނުންގެ މަރުން މުޅި ހުޅުމާލެ ސިއްސުވާލާފައިވާއިރު އެ ދެ ޒުވާނުންގެ އާއިލާވެސް ތިބީ ސިހުމެއްގެ ތެރޭގައެވެ. ހަގީގަތުގައި އެ ހާދިސާ ދިމާވާން މެދުވެރިވި ސަބަބު އެނގޭ މީހުން މިވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި އިރު ދެ އާއިލާއިންވެސް ކަން ވީ ގޮތާއި، އެ ދެ ޒުވާނުންގެ މަރު ކުރިމަތިވީ ކިހިނެތްކަން ވަނީ އެނގެން ބޭނުންވެފައެވެ. އެ ޒުވާނުންގެ މަރާގުޅިގެން އެކިކަހަލަ ވާހަކަތައް ދެކެވޭއިރު، އުފަންދުވަހުގެ އެ އުފާވެރި ޕާޓީ ހިތާމަވެރި ޖަނާޒާއަކަށް ބަދަލުވެގެން ދިޔަ ގޮތް އެމީހުން ތިބީ ތިލަ ވާން ބޭނުންވެފައެވެ. އަދި އެ މަރުގެ ހަގީގަތް ވާނީ ޒުވާން ޖީލަށް އޮތް އިބުރަތަކަށެވެ.