މުހައްރަމް މަހުގެ 10 ވަނަ ދުވަސް ނުވަތަ އާޝޫރާ ދުވަހަކީ މާތްކަމާއި މަތިވެރިކަމުން ފުރިގެންވާ ދުވަހެއްކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިއްވި ޚުތުބާގައި ބުނެފައިވަނީ އާޝޫރާ ދުވަހަކީ ހެޔޮކަމާއި، މާތްކަމާއި، އިބްރަތްތެރި ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއްކަމަށެވެ.

އާޝޫރާ ދުވަހަކީ ފިރުއައުނުގެ ކިބައިން މޫސާގެފާނާއި އެކަލޭގެފާނަށް ތަބާވި މީހުން ސަލާމަތްކުރެއްވި ދުވަސްކަމަށާއި އެ ދުވަހަކީ ފިރުއައުނާއި އޭނާގެ ބޮޑު ލަޝްކަރު ޣަރަގުކުރެއްވި ދުވަސްކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

ނޫހުގެފާނާއި އެކަލޭގެފާނަށް އީމާންވި މީހުން ތޫފާނުން ސަލާމަތް ކުރެއްވީވެސް އެދުވަހު ކަމަށާއި އެކަންތައްތަކުގެ ސަބަބުން މޫސާގެފާނަށް ތަބާވި މީހުން ﷲ ތައާލާއަށް ޝުކުރުވެރިވުމުގެ ގޮތުން އެދުވަހު ރޯދަ ހިފިކަމަށްވެސް މިއަދުގެ ހުތުބާގައި ވަނީ ބުނެފައެވެ.

"މި ހާދިސާތަކުން އެނގެނީ މުސީބާތްތަކުން ސަލާމަތްވެވޭނީ އީމާންކާމާއި އިސްލާމްކަމުންކަން. އާހިރަތުގައި ނަސްރާ ނަސީބުގެ މަގަކީ އެއީ. ﷲއަށް އިތުބާރުކޮށް އެކަލާނގެ ހަޟްރަތަށް ރުޖޫއަ ވެގެން މެނުވީ ދުނިޔޭގައި ސަލާމަތާއި ރައްކާތެރިކަމެއް ނުވާކަން. ﷲ އަށް ކާފިރުވެ ދުނިޔެ ފަސާދަ ކުރަން އުޅޭ މީހުންނަށް ގަދަފަދަ ވެގެންވާ އަޒާބު ދެއްވައި ނެތިކުރައްވާނެ،" ހުކުރު ހުތުބާގައި ވަނީ ބުނެފައެވެ.

ހުތުބާގައި ބުނެފައިވަނީ އެ ފަދަ ހާދިސާތަކުގައި އިބުރަތް ލައްވާފައިވަނީ، ﷲ ސުބްހާނަހޫ ވަތައާލާއަށް އީމާންވާ މީސްތަކުންނާއި އެކަލާނގެ ރަސޫލުން ބޮޑެތި މުސީބާތްތަކުންނާއި އާފާތްތަކުން ސަލާމަތްކުރައްވާ ގޮތް އެނގި މީސްތަކުންގެ އީމާންކަން ހަރުދަނާ ކުރެއްވުމަށްޓަކައި ކަމަށެވެ.

މުހައްރަމު މަހަކީ އަހަރުގެ 12 މަސް ދުވަހުގެ ތެރެއިން މާތްﷲ ހުރުމަތްތެރިކުރައްވާފައިވާ ހަތަރު މަހުގެ ތެރެއިން މަހެކެވެ. އާޝޫރާ ދުވަހު ރޯދަ ހިފުމަކީ ސުންނަތެއްކަމަށާއި އެ ދުވަހަކީ ހުރުމަތްތެރިވެގެންވާ ދުވަހެއްކަން ހުތުބާގައި ވަނީ ބުނެފައެވެ.

މާދަމާ އަކީ މިއަހަރުގެ މުޙައްރަމް މަހުގެ 10 ވަނަ ދުވަހެވެ.