ބެއިޖިން(ސެޕްޓެމްބަރު 28): ޗައިނާގައި ހުންނަ އުތުރު ކޮރެއާގެ ހުރިހާ ކުންފުނިތައް ބަންދު ކުރުމަށް އަންގައި، އަންނަ ޖެނުއަރީ މަހާ ހަމަޔަށް މުހުލަތެއް ދީފި އެވެ.

ޗައިނާގެ ކޮމާސް މިނިސްޓްރީން އިއްޔެ ބުނި ގޮތުގައި އެގައުމުގައި ހުންނަ އުތުރު ކޮރެއާގެ ޖޮއިންޓް ވެންޗާ ކުންފުނިތައްވެސް ބަންދު ކުރުމަށް ލިބޭނީ، މިމަހުގެ 11އިން ފެށިގެން 120 ދުވަހެވެ. އެއީ އުތުުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅިގެން އދ.ން އެގައުމާ ދެކޮޅަށް އާ ދަތިކުރުމުގެ ފިިޔަވަޅުތައް ފާސް ކުރި ދުވަހެވެ.

ޗައިނާއަކީ އުތުރު ކޮރެއާއިން އެންމެ ގިނަ ވިޔަފާރީގެ މުއާމަލާތްތައް ކުރާ ގައުމެވެ. އަދި އެއީ އުތުރު ކޮރެއާއަށް އެންމެ ބޮޑަށް ހަކަތަ ފޯރުކޮށްދޭ ގައުމުވެސްމެ އެވެ. ނަމަވެސް ދާދި ފަހުން ޗައިނާއިން ވަނީ އުތުރު ކޮރެއާއަށް ތެޔޮ އެކްސްޕޯޓު ކުރާ މިންވަރު މަދުކޮށް، އެގައުމުން ޓެކްސްޓައިލްސް ގަތުން ހުއްޓާލަން ނިންމާފައެވެ.

ަަސައުތް ޗައިނާ މޯނިންގ ޕޯސްޓުން ލަފާ ކުރާ ގޮތުގައި އުތުރު ކޮރެއާއިން ޓެކްސްޓައިލްސް ގަތުން ހުއްޓާލުމުގެ ސަބަބުން އެގައުމަށް ލިބޭނެ ގެއްލުމުގެ އަގު 800 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާ ކުރެވޭ އިރު، ބޭރުގައުމުތަކުގައި ހުންނަ އުތުރު ކޮރެއާގެ ކުންފުނިތައް ބަންދު ކުރުމުގެ ސަބަބުން އެގައުމަށް 500 މިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެ ކަމަށް ލަފާ ކުރެވެ އެވެ.

އުތުރު ކޮރެއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަން އދ.ން މިމަހު ނިންމީ އެ ގައުމުން ހަވަނަ ފަހަރަށް ނިއުކްލިއާ ޓެސްޓެއް ކުރުމާ ގުޅިގެންނެވެ. (އަލްޖަޒީރާ)