29 Sep 2017, 11:07
ރޭ ހުޅުމާލޭގައި މަރުވި ދެ ޒުވާނުންގެ މަރާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށް ތަނެއް ބަލައިފާސްކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ތަރުޖަމާން، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ ރޭ ހިނގި ދެ މަރަކީވެސް ގުޅުން ހުރި ދެ ހާދިސާކަމަށް ބެލެވިގެން އެމައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށާއި އެގޮތުން މިވަގުތު ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި އެބަތިބި ކަމަށެވެ.
ހައްޔަރު ކޮށްފައި ތިބި ހަތަރު މީހުން ފުލުހުންގެ ބެލުމުގެ ދަށުގައި ތިބޭތާ ގާތްގަނޑަކަށް ހަތަރުވަރަކަށް ގަޑިއިރު ވެފައިވާއިރު އެމީހުންނާ ފުލުހުން ސުވާލުކުރަމުން ދާކަމަށް ޝިފާން ވިދާޅުވިއެވެ.
އަދި މި މައްސަލައާ ގުޅިގެން ހުޅުމާލޭގެ ގެއެއް ބަލައިފާސް ކުރަމުންދާ ކަމަށާއި އެތަނުން "ޕާޓީ ޑްރަގްސް" ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޝައްކުކުރެވޭ ތަނުން މަސްތުވާތަކެތި ފެނިފައިވީ ނަމަވެސް ރޭ ހިނގި ދެމަރަކީ ސީދާ މަސްތުވާތަކެއްޗާ ގުޅުންހުރި މަސައްލައެއްކަމަށް ދަންނަވަން އަދި ދަތި. ފުލުހުން ދަނީ އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން،" އޭނާ ވިދާޅުވިއެވެ.
ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލު އާޝިޔާ ސާލިހް ވިދާޅުވީ، ރޭ 8:30 ކަންހާއިރު ފުރަތަމަ އެ ހޮސްޕިޓަލަށް ގެނައީ އުމުރުން 22 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނެއް ކަމަށެވެ. ތ. ތިމަރަފުއްޓަށް އުފަން އެ ދެ ޒުވާނުންގެ ތެރެއިން 22 އަހަރުގެ އަހުމަދު ހާމީން، ހޮސްޕިޓަލަށް ގެނައިރު ވެސް މަރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި 21 އަހަރުގެ ޒުވާނާގެ ހާލު ރަނގަޅުވަމުންދާ ކަމަށް އާޝިޔާ ވިދާޅުވި އެވެ.
މީގެ އިތުރުން ރޭ މަރުވެފައި ވަނީ، މާލޭ ދަފްތަރު، އުމުރުން 18 އަހަރުގެ ފާތުމަތު ސަމާއެވެ. ކުރިން މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޒުވާނާ މަރުވެފައި ވަނީ މޫދަށްއެރި އުޅުމުގެ ތެރޭގައި ގެނބިގެންނެވެ. ނަމަވެސް އެއީ ގެނބިގެން ހިނގި ހާދިސާއެއް ނޫންކަން ސަންއަށް މިހާރު ވަނީ ކަށަވަރު ވެފައެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެއެވެ.
މަރުވި ދެ ޒުވާނުންގެ ހަށިގަނޑުވެސް މިވަގުތު އޮތީ ފުލުހުންގެ ބެލުމުގެ ދަށުން ހުޅުމާލޭ ހޮސްޕިޓަލްގައެވެ.