29 Sep 2017, 17:11
ޓައިގާ ޝްރޮފްގެ އެންމެ ބޮޑު ފޭވަރިޓަކީ ރިތިކް ރޯޝަން ކަމާއި މެދު ދެބަސްވެވޭކަށް ނެތެވެ.
ރިތިކްގެ ކޮންމެ ހަރަކާތެއް ކޮޕީ ކުރާ ޓައިގާ ބުނީ ރިތިކް އަކީ އޭނާގެ ފޭވަރިޓްކަމަށެވެ. އޭނާގެ އައިޑަލް ކަމަށެވެ. އޭނަގެ އިންސްޕިރޭޝަނެއް ކަމަށެވެ.
ނަމަވެސް މިދިޔަ ބުދަ ދުވަހު ފެނިގެންދިޔަ މަންޒަރުން މުޅި ޓްވިޓާ ގުގުމާލިއެވެ. ކުއްލިއަކަށް ޓުވިޓާގައި ވަރުގަދަ ބަހުގެ ހަނގުރާމައެއް ރިތިކާއި ޓައިގާގެ މެދުގައި ފެށުނެވެ. ގިނަ ބައެއް ގަބޫލުކުރީ އެ ދެމީހުން ހަނގުރާމަ އެއް ފެށީކަމަށެވެ. ނަމަވެސް ކަންވީ މިހެނެއް ނޫނެވެ. އެ ދެމީހުން އެއްކޮށް ފިލްމެއް ކުޅެން ހަމަޖެހިފައިވާކަން އިއުލާން ކުރީއެވެ. އެކަން އިއުލާންކުރީ ޒުވާބެއްގެ ގޮތުގައެވެ.
ޔާޝް ރާޖް ފިލްމްސް އިން އިއްޔެ އިއުލާން ކުރި އެ އާ ޕްރޮޖެކްޓްގައި ލީޑް ރޯލު ކުޅެނީ ރިިތިކް އާއި ޓައިގާ އެވެ. އަދި ނަމެއް ހަމަޖެހިފައި ނެތް އެ ފިލްމު ޑައިރެކްޓްކުރަނީ ސިދާރްތު އާނަންދެވެ. އެ ފިލްމަކީ އެކްޝަން ފިލްމެއްކަން ފިލްމުގެ ޓީމުން ބުންޏެވެ.
"ފިލްމު ކުޅެލަން ލިބުނީމަ ވަރަށް އުފާވޭ. ވަރަށް ދުވަހުގެ އިންތިޒާރު މިއީ. ފިލްމު ވަރަށް މޮޅަށް ކުޅެލާނަން. ފޭވަރިޓްއާ އެކު ފިލްމުން ފެންނަން ލިބުނީމަ ކިހިއްނެއްވާނީ؟ ވަރަށް އެކްސައިޓިންގ." ޓައިގާ ބުންޏެވެ.
ފިލްމު ރިލީޒްކުރާނީ 2019ގެ ޖެނުއަރީ 25 ވަނަ ދުވަހުގައި ކަމަށް ޑައިރެކްޓަރު ބުންޏެވެ.