30 Jul 2011, 09:18
ހުޅުމާލޭ އުތުރު ފަރާތު އަތިރިމަތީ ސަރަހައްދަކީ ބާބަކިއުއަށް ހާއްސަވެފައިވާ ބިމެކެވެ. މިހާރުގެ ގޮތަށް ނަމަ "ބާބަކިއު ޕޮއިންޓް" އެވެ. 50 މީޓަރަށް ވުރެ ދިގު އެ ސަރަހައްދުން ރޭގަނޑު އާންމުކޮށް ފެންނަނީ 12 ވަރަކަށް ބާބެކިއު ގިރިލްގައި އަލިފާން އަނދާތަނެވެ. އެވެސް ކޮންމެ ހަފުތާ ބަންދެއްގަ އެވެ. މާލެއާއި ހުޅުމާލޭގައި އުޅޭ އާއިލާތަކާއި ބޭރުމީހުނާއި ބައެއް އޮފީސްތަކުގެ މުވައްޒަފުން ގްރޫޕް ޖަހާފައި ބާބެކިއު ޕޮއިންޓަށް ޖަމާވެ މަޖާ ކުރުމަކީ އާންމު ކަމެކެވެ. އެކަމަކު ރޭ މުޅިން ތަފާތުވެއްޖެ އެވެ. ރެޔަކީ އެ ސަރަހައްދަށް ރިކޯޑް އަދަދަކަށް މީހުން ޖަމާވި ރެއެކެވެ.
ހުޅުމާލެއާއި މާލެއާ ދޭތެރޭގައި ފެރީގެ ހިދުމަތްދޭ އެމްޓީސީސީން ބުނީ އިއްޔެ ހެދުނުން ފެށިގެން ރޭ 12:00 ހަމައަށް ހުޅުމާލެއަށް 7000 މީހުން ދަތުރުކޮށްފައިވާ ކަމަށެވެ. އެކުންފުނިން ބުނީ އާދަވެގެން ހުޅުމާލެއަށް ދަތުރު ކުރަނީ 4000 މީހުން ކަމަށެވެ.
ފޯރި ނަގާފައި ބާބަކިއު ޕޮއިންޓަށް ރޭ މީހުން ޖަމާވީ ރޯދައިގެ ކުރިން ދިވެހިންގެ ތެރޭގައި އޮންނަ "މާހެފުމުގެ" ސަގަފާތް ވެސް ހިފައިގެނެވެ. ހާހަކަށްވުރެ ގިނަ މީހުން ރޭ ހުޅުމާލޭ ބާބެކިއު ޕޮއިންޓްގައި މާހެފުމަށް އިންސާފު ކުރި އެވެ. މުޅި ސަރަހައްދުގައި ރޭގައި 50 އަށްވުރެ، ގިނަ އުނދުނުގައި އަލިފާން ރޯކޮށްފައި ހުއްޓެވެ. އެއް ބަޔަކު ވަޅު ކޮނެގެން ހުޅު ރޯ ކުރަމުން ދިޔައިރު ނާށި އަންދައިގެން ބާބެކިއު ހެމަށާއި ދަރު އަންދައިގެން މަސްފިހުމަށް ޖަހާފައިވާ އަލިފާންގަނޑުތައް ބައިވަރެވެ. ސަރާސަރު ސަރަހައްދު ފުރި، ގިނަ ބަޔަކަށް ޖާގަ ނުލިބިގެން ގޮނޑު ދޮށުގައި ވެސް އަލިފާން މަޅި ލައިގެން މާހެފުމަށް މަސް ފިހެމުން ދިޔައެވެ.
"މިރޭ ޑިމާންޑް ބޮޑުވިވަރުން ނަންބަރު ނަގައިގެން މިކަން ކުރަން ކަންނޭގޭ މި ޖެހުނީ. މިތިބަ ދެ ގްރޫޕް ނިންމާލާފަ އަދި އަހަރުންނަށް މިތަން )ބާބަކިއު ގިރިލް( މިލިބެނީ ތިން ވަނައަށް،" ރޭ އިރުއޮއްސުނު ވަގުތުން ފެށިގެން ރޭ 7:45 ވަންދެން ބާބެކިޔު ގިރިލްއެއްގައި ކިޔު ޖެހިގެން ތިބި ގްރޫޕެއްގައި ހިމެނޭ އަންހެނަކު ބުންޏެވެ.
ބާބެކިއު ޕޮއިންޓަށް ރޭ ގިނަ ބަޔަކު ޖަމާވި އިރު ބޮޑު ބެރުގެ ކުޅިވަރުވެސް އޮތެވެ. އޮފީސްތަކުގެ މުވައްޒަފުންނާއި ޖަމިއްޔާތްކުން ގްރޫޕް ހަދައިގެން ގޮސް ބޮޑު ބެރު ޖަހަމުންދިޔަ އެވެ. ގިނައީ ޒުވާނުންނެވެ. އަނދާ އަލިފާނުން ވައިގެ ތެރެއަށް ބުރުވަމުން ދިޔަ އަލިފާން ކަނިތަކާއި ޖަހަމުން ދިޔައ ބެރާއި އެތަކެއް ސަތޭކަ މީހުންގެ ހަޅޭކާހެދި ބާބަކިއު ޕޮއިންޓް ރޭވީ އާ ފާޑެއްގެ ކާނިވަލަކަށެވެ.
ބޮޑު ބެރު ގްރޫޕްތަކުގެ ތެރެއިން ރޭ އެންމެ ބޮޑު ފޯރިއެއް ނެގީ ހިއުމަން ރިސޯސަސް މިނިސްޓަރީގެ، ޔޫތު ކެފޭގެ ވޮލެންޓިއަރުން ތިބި ސަރަހައްދުގަ އެވެ. އެތަނުގައި 80 ވަރަކަށް ޒުވާނުން ހަބޭހަށް މަޖާ ނެގި އެވެ.
ޔޫތު ކެފޭގެ އެސިސްޓެންޓް ޕްރޮގްރާމް އޮފިސާ އިބްރާހިމް ފަޒީލް ވިދާޅުވީ ޔޫތު ކެފޭގެ ވޮލެންޓިއަރުން މާހެފުމަކަށް އައީ އެ ކުދިން "މޯޓިވޭޓް"ކޮށްލަން ކަމަށެވެ.
"މިތާ މިތިބި 80 މީހުންގެ ތޭރޭގައި ޔޫތު ކެފޭގެ 30 ވޮލެންޓިއަރުން އުޅޭނެ. ހުޅުމާލޭގައި އުޅޭ ޒުވާނުންނާއެކު މިތަނުގައި މާހެފުމެއް ބާއްވައި މަޖާކުރެވުނީތީ ވަރަށް ހިންހަމަޖެހޭ،" ފަޒީލް ވިދާޅުވި އެވެ.
ހުޅުމާލެ އުތުރު ފަރާތުގައި ހަދާފައިވާ ބާބެކިއު ޕޮއިންޓްގެ ފައިދާ ކުރަނީ އެ ސަހަރައްދުގެ ކުދި ފިޔަފާރި ވެރިންނަށެވެ. އަދި އެ ސަރަހައްދުގެ ބައެއް ފިހާރަތައް ބާބެކިއު ޕެކޭޖްތައް ވެސް ހުރެ އެވެ. އެ ފިހާރަތަކުގައި އެކި ވައްތަރުގެ ރޯ މަހުން ފެށިގެން ގޮސް، ބާބަކިއުއަށް ބޭނުން ކުރާ އެކި ވައްތަރުގެ ސޯހާއި ދިވެހި ތައްޔާރީ ސޯސް ވެސް ހުރެ އެވެ. ނަމަވެސް ރޭ އެތަކެތި ބޭހަކަށް ވެސް ނުވި އެވެ. އެކަމަކު މާހެފުންތައް ހަމަ ހަބޭހެވެ.