28 Sep 2017, 23:56
ބަޔާން މިއުނިކްގެ ކޯޗުކަމުގެ މަގާމުން ކާލޯ އެންޗެލޮޓީ ދުރުކޮށްފި އެވެ.
ބަޔާންގެ ކޯޗު ކަމުން އެންޗެލޮޓީ ދުރުކޮށްފައި ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގައި 3-0 ލަނޑުގެ ތަފާތަކުން ރޭ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އަތުން ބަލިވެފައި ވަނިކޮށެވެ. އެންޗެލޮޓީގެ ބަދަލުގައި ވަގުތީ ގޮތުން ބަޔާންގެ ކޯޗުކަމުގެ މަގާމު އަދާކުރާނީ އޭނާގެ އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރި ވިލީ ސެގްނޯލްއެވެ.
ރަށުން ބޭރުގައި ރޭ ކުޅުނު މެޗުގައި ބަޔާންގެ ފުރަތަމަ 11 އިން އާރްޔަން ރޮބެންއާއި ފްރޭންކް ރިބަރީ އަދި މެޓްސް ހުމުލްސްއަށް ފުރުސަތު ދީފައިނުވާތީ އެކަމަށް ވެސް އެންޗެލޮޓީއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ. ނަމަވެސް މެޗަށްފަހު އުމުރުން 58 އަހަރުގެ އެންޗެލޮޓީ ވަނީ އޭނާގެ އަމިއްލަ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ.
"އަހަރެންނަށް އެނގޭ އަހަރެންނަށް ފާޑު ކިޔުންތަކެއް އަމާޒުވާނެކަން. އެއީ މައްސަލައެއް ނޫން. އަހަރެން ގަބޫލުކުރަނީ އަހަރެން ނެރުނީ ރަނގަޅު ޓީމެއް ކަމަށް،" އޭނާ ބުންޏެވެ.
ބަޔާންގެ ކޯޗު ކަމުން އެންޗެލޮޓީ ދުރުކުރުމަށްފަހު ސީއީއޯ ކާލް ހޭންޒް ރުމެނިގް ވިދާޅުވީ، ސީޒަން ފެށުނީއްސުރެ ކްލަބުން ބޭނުންވި ކަންތައްތައް ފުރިހަމަވަމުން ނުދާ ކަމަށާއި ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ފިޔަވަޅުތަކަށް އަޅަން މަޖުބޫރުވި ކަމަށެވެ.
"ސްޕޯޓިން ޑިރެކްޓަރު ހަސަން ސަލިހަމިޑްޒިކް އަދި އަހަރެން ވެސް އެންޗޮލެޓީއާ ވާހަކަ ދައްކައި، އަހަރެމެން ނިންމި ގޮތް އޭނާއަށް އެންގިން. ކްލަބަށް ގެނެސްދިން ކުރިއެރުމާއި އެންޗެލޮޓީގެ ހިދުމަތްތަކަށް އަހަރެން އޭނާއަށް ޝުކުރު އަދާކުރަން. އެންޗެލޮޓީއަކީ އަހަރެންގެ އެކުވެރިއެއް. އަދި އެ ރަހުމަތްތެރިކަން ކުރިއަށްއޮތްތާ ވެސް ދެމިއޮންނާނެ. އަހަރެމެން ނިންމީ ޕްރޮފެޝަނަލް ނިންމުމެއް،" އޭނާ ވިދާޅުވިއެވެ.
އެންޗެލޮޓީ އަކީ ކޯޗެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗެކެވެ. އެގޮތުން އެންޗެލޮޓީ ވަނީ ޔުވެންޓަސް، އޭސީ މިލާން، ޗެލްސީ، ޕީއެސްޖީ، ރެއާލް މެޑްރިޑް އަދި ބަޔާންއާއެކު ވެސް ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗެކެވެ.