29 Sep 2017, 00:10
ޗައިނާއިން ދުނިޔޭގެ އެކި ހިސާބުތަކާ ވިޔަފާރީގެ ގޮތުން ގުޅުވައިލުމުގެ ގޮތުން ހަދަމުންދާ ސިލްކުރޯޑްގެ ތެރެއިން މެރިޓައިމް ސިލްކުރޯޑްއާއެކު ރާއްޖެ ޗައިނާއާ ގުޅުވައިލުމުން ދެގައުމުގެ ގުޅުން އާ ޒަމާނަކުން ފެށިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޗައިނާގެ 68 ވަނަ ގައުމީ ދުވަހާއި ރާއްޖެއާ ޗައިނާއާ ސިޔާސީ ގުޅުން ގާއިމުކުރިތާ 45 އަހަރު ފުރުން ފާހަގަ ކުރުމަށް ކުރުނބާ އައިލެންޑް ރިސޯޓުގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ ޗައިނާގެ މެރިޓައިމް ސިލްކު ރޯޑުގައި ރާއްޖެއިން ބައިވެރިވުމުގެ ސަބަބުން އޭގެ ފައިދާ ދެ ގައުމަށް ވެސް ކުރާނެ ކަމަށެވެ. އަދި ދެ ގަައުމުގެ ދެމެދުގެ ގުޅުންތައް އާ ޒަމާނަކުން ފެށިގެން ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
28 ސެޕްޓެމްބަރ 2017: ޗައިނާގެ 68ވަނަ ގައުމީދުވަސް އަދި ދިވެހި ރާއްޖެ އާއި ޗައިނާ އާ ދެމެދު އޮތް ސިޔާސީ ގުޅުމަށް 45 އަހަރު ފާހަގަކުރުމުގެ ގޮތުން ކުރުނބާ މޯލްޑިވްސް ގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
"ޗައިނާއިން 21 ވަަނަ ގަރުނުގައި ހަދަން ފެށި މެރިޓައިމްސިލްކުރޯޑުގައި ދިވެހިރާއްޖެއާ ޗައިނާއަކީ މިހާރު ޕާޓުނަރުން. މީގެ ސަބަބުން ދެ ގައުމަށް ވެސް ފައިދާ ކުރާނެ. އަދި ދެ ގައުމުގެ ގުޅުންތައް އާ ޒަމާނަކުން ފެށިގެންދާނެ،" ސައީދު ވިދާޅުވިއެވެ.
މިރޭގެ ރަސްމިައްޔާތުގައި ވާހަކަދައްކަމަވުން ސައީދު ވަނީ ޗައިނާ އިން ރާއްޖޭގެ އިންފްރާސްޓަރަކްޗަރު ތަރައްގީ ކުރުމަށް ވެދަމުންދާ އެހީތަކަށަށް އަލިއަޅުވައިލައްވައިފަ އެވެ. އަދި މިހާރު އަޅަމުންދާ ޗައިނާ މޯލްޑިވިސް ފްރެންޑްޝިޕް ބުރިޖަކީ ޗައިނާ އާ ރާއްޖޭގެ ގުޅުންތައް ވަރަށް ރަނގަޅަށް ހާމަކޮށްދޭ ރަމްޒެެއް ކަމަށް ސައީދު ވިދާޅުވިއެވެ.
28 ސެޕްޓެމްބަރ 2017: ޗައިނާގެ 68ވަނަ ގައުމީދުވަސް އަދި ޗައިނާގެ ގުޅުމަށް 45 އަހަރު ފާހަގަކުރުމުގެ ގޮތުން ކުރުނބާ މޯލްޑިވްސް ގައި ބޭއްވި ރަސްމިއްޔާތުގައި ޗައިނާ އެމްބެސެޑަރު ވާހަކަދައްކަވަނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ސައީދު ވިދާޅުވީ ރާއްޖެއިން ޗައިނާ އާ ސިޔާސީ ގުޅުން މީގެ 45 އަހަރުކުރިން ގާއިމުކުރި ކަމުގައި ވިޔަސް ރާއްޖޭއާ ޗައިނާ އާ އެންމެ ކުރީ ޒަމާނުއްސުރެ ގުޅުންތައް އޮންނަ ކަމަށް ތާރީހުން އެނގޭ ކަމަށެވެ. އެގޮތުން ޗައިނާގެ ޓޭންގް ޑައިނާސްޓީގެ ދުވަސްވަރު މީލާދީން 662 ވަނަ އަހަރު ރާއްޖެއިން ޗައިނާގެ ރަސްގެފާނަށް ހަދިޔާތައް ފޮނުވިކަން ތާރީހުން ހާމަވާ ކަމަށް ސައީދު ވިދާޅުވިއެވެ.
28 ސެޕްޓެމްބަރ 2017: ޗައިނާގެ 68ވަނަ ގައުމީދުވަސް އަދި ޗައިނާގެ ގުޅުމަށް 45 އަހަރު ފާހަގަކުރުމުގެ ގޮތުން ކުރުނބާ މޯލްޑިވްސް ގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބެސެޑަރު ޒޭންގް ލިޒްހޮންގް ވިދާޅުވީ ރާއްޖޭއާ ޗައިނާ އާ ދެމެދު މިހާރު އެކި ފެންވަރުގައި ގާއިމްކުރެވިފައި ހުރި ގުޅުންތަކުގެ ސަބަބުން ރާއްޖެ އާއި ޗައިނާގެ ރައްޔިތުންނަށް އެތަކެއް ފައިދާ ތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ރައީސް ޔާމިންގެއާއި ޗައިނާގެ މިހާރުގެ ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ދެގައުމުގެ ގުޅުން ތާރީހުގައިވެސް މިހާ ފުރިހަމަވެފައިނުވާކަން ވެސް ޒޭންގް ފާހަގަކުރެއްވިއެވެ.
28 ސެޕްޓެމްބަރ 2017: ޗައިނާގެ 68ވަނަ ގައުމީދުވަސް އަދި ޗައިނާގެ ގުޅުމަށް 45 އަހަރު ފާހަގަކުރުމުގެ ގޮތުން ކުރުނބާ މޯލްޑިވްސް ގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މިރޭގެ ރަސްމިއްޔާތުގައި ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން ފާހަގަ ކުރުމުގެ ގޮތުން ދެ ގައުމުގެ ސަގާފީ އައިޓަމްތައް ވެސް ވަނީ ހުށަހަޅައިދީފައިވެއެވެ. އެ ގޮތުން ބައެއް އައިޓަމްތަކުގައި ޗައިނާގެ ބޭފުޅުން ދިވެހި ސަގާފީ ލަވަތަކަށް ފަރި ހަރަކާތްތައް ދައްކާލިއިރު އަހުމަދިއްޔާ ސްކޫލުގައި މެންޑަރިން ބަސް ކިޔަވާ ދަރިވަރުން ޗައިނާ ބަހުން ބައެއް އައިޓަމުތައް ވަނީ ހުށަހަޅައިދީފަ އެވެ.