28 Sep 2017, 23:04
ތައިލެންޑްގެ ޓޫރިޒަމް އެންޑް ސްޕޯޓްސް މިނިސްޓަރު ކޯބްކާން ސޫރިޔަޓް ވަތަނަވްރަންގް ކުލް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ތައިލެންޑްގެ މިނިސްޓަރު ރާއްޖެ އަށް ޒިޔާރަތް ކުރެއްވިކަމަށް ޓަކައި އެކަމަނާއަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވި އެވެ. އަދި، ތައިލެންޑްގެ ރައީސަށާއި ބޮޑުވަޒީރަށް ތަހުނިޔާއާއި ހެޔޮއެދުންތައް ރައްދުކޮށްދެއްވުމަށް ތައިލެންޑްގެ މިނިސްޓަރު އޮފް ޓޫރިޒަމް އެންޑް ސްޕޯޓްސްގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތް ކަމަށް ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.
އެ ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ތައިލެންޑާ ދެމެދުގައި ގާއިމްކުރެވިފައިވާ އެކުވެރި ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ކުރިޔަށް އޮތްތާގައި ދެ ގައުމުގެ ދެމެދުގައިވާ ގުޅުން ޚާއްޞަކޮށް ފަތުރުވެރިކަމާއި ކުޅިވަރުގެ ދާއިރާއިން އިތުރަށް ވަރުގަދަކުރެއްވުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ތައިލެންޑަކީ ރާއްޖެއާ ވަރަށް ގާތް ވިޔަފާރީގެ ގުޅުމެއް އޮންނަ ގައުމެއް ކަމަށާއި ތައިލެންޑަކީ ދިވެހިން ވަރަށް ގިނައިން ބޭސްފަރުވާއަށް ދަތުރުކުރަމުންދާ ގައުމެއްކަން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. މީގެ އިތުރުން ވެސް ތައިލެންޑަކީ ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ ގަ އުމުކަމަށާއި ރާއްޖޭގައި ތައިލެންޑްގެ ވިޔަފާރިވެރިން އިތުރަށް ހަރާކަތްތެރިވާނެ ކަމަށް އުއްމީދުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ތައިލެންޑްގެ މިނިސްޓަރު ވިދާޅުވީ ރާއްޖޭއަށް ޒިޔާރަތްކުރެއްވުމަށް ފުރުސަތު ލިބިވަޑައިގެންނެވުމަކީ އެކަމަނާ ވަރަށް ފަޚުރުވެރިވާކަމެއްކަމަށާއި، އެކަމަނާގެ މިދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން ފަތުރުވެރިކަމުގެ ދާއިރާއިންނާއި ކުޅިވަރުގެ ދާއިރާއިން އިތުރަށް ބަދަހިވާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވި އެވެ.