28 Sep 2017, 21:11
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)، "އެމްއާރްޑީސީ"ގެ ގޮތުގައި ފެނިގެން ދިޔައީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށް އެ ކުންފުނީގެ އެކްޓިން މެނޭޖިންގ ޑިރެކްޓަރު އަޙްމަދު މަމްދޫޙް ވިދާޅުވެއްޖެއެވެ.
ސަންއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މަމްދޫޙް ވިދާޅުވީ، ރައީސް ޔާމީން ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ކުންފުނިތައް ކޮޅަށްޖަހައި، ގައުގެ ތަރައްގީއާއި އިގްތިސާދާ ގުޅުންހުރި އެކިއެކި ސިނާއަތްތައް ވަރަށް ބޮޑަށް ވަރުދަވެ ކުރިއަރައިގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން އެމްއާރްޑީސީވެސް މިހާރު މިވަނީ ވަރަށް ބޮޑަށް ހަރުދަނާވެ، ރަނގަޅު ރާސްތާއެއްގައި ކަމަށެވެ.
ތިނަދޫ މަގެއްގައި ތާރު އަޅަނީ --ފައިލް ފޮޓޯ/ މިނިސްޓަރު މުއިއްޒު ޓުވީޓާ
އެމްއާރްޑީސީން ވަނީ، ވޭތުވެދިޔަ ތިން މަހެއްހާ ކުރު މުއްދަތުގެ ތެރޭގައި އެ ކުންފުނީގެ މަސައްކަތްތައް ވަރަށް ބޮޑަށް ބަދަލުކޮށްފައެވެ. އެގޮތުން ރަށްރަށުގެ މަގުހެދުމުގެ މަޝްރޫއުތަކުގެ ދުވެލި ބާރުވެއްޖެއެވެ. ކޮންމެ ދުވަހަކުހެން ކޮންމެވެސް ރަށެއްގެ ނުވަތަ ސިޓީއެއްގެ މަގުތަކުގައި ތާރުއަޅަން ފަށާވާހަކަ ނުވަތަ ތާރުއަޅައި ނިންމި ވާހަކަ އިވެމުންދެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މަސައްކަތުގެ ދުވެލި ހަލުއިވެގެން މި ދިޔައީ، މަގުހެދުމުގެ މަސައްކަތްތަކަށް އާ ބަޔަކު ގެނެސްގެނެއް ނޫނެވެ. އަދިވެސް މި މަސައްކަތް ކުރަމުން މިދަނީ ހަމަ ކުރީންވެސް މި މަސައްކަތްކުރި ކުންފުނިންކަން އޭނާ ފާހަގަކުރެއްވިއެވެ.
އެމްއާރްޑީސީން މި ވަނީ ވޭތުވެދިޔަ ތިން މަހެއްހާ ދުވަހުގެ ތެރޭގައި އެ ކުންފުނީގެ މަސައްކަތްތައް ވަރަށް ބޮޑަށް ބަދަލުކޮށްފައެވެ. އެގޮތުން ކުންފުނީގެ މަސައްކަތްތައް، ރައްޔިތުންނާ ވީހާވެސް ގާތުން، ދެފުށް ފެންނަގޮތަށް، އަދި ރައްޔިތުން ބޭނުންވާ ގޮތަށް ބައްޓަންކުރުމަކީ މިހާރު އެ ކުންފުނީގެ އެންމެ ބޮޑު އަމާޒެވެ.

އެމްއާރްޑީސީގެ ނަމުގައި މި ކުންފުނި ވުޖޫދުވިތާ ހަތް އަހަރު ފުރުން ފާހަގަކުރަމުން ދާއިރު، މިހާރު އެ ކުންފުނި ހިންގުމާ ހަވާލުވެހުންނެވި، އެކްޓިން މެނޭޖިން ޑިރެކްޓަރު މަމްދޫހަކީ، އެތަނުގައި މަސައްކަތްކުރައްވަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ބޭފުޅެއްކަން ފާހަގަކުރެވެއެވެ. އެހެންކަމުން ކުރީން ކުންފުނި ހިނގަމުން ދިޔަ ގޮތާއި، ކުރިމަތިލާން ޖެހުނު ގޮންޖެހުންތައް އެންމެ ރަނގަޅަށް އެނގޭނެ އެއް ބޭފުޅަކީވެސް މަމްދޫޙް ކަމަށް ވުމަކީ، މިހާރު މި އަންނަ ބަދަލުތަކުގެ ސިއްރަކަށް ވެދާނެއެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި މި ކުންފުންޏަކީ ރަނގަޅަށް ކުރިއަށް ގެންދެވިއްޖެ ނަމަ މުސްތަގުބަކު އުޖާލާ ވާނެ ކުންފުންޏެއް. މި ކުންފުނީގައި ވަސީލަތްތައް އެބަހުރި، ރަނގަޅު ވިސްނުންތައް އެބަހުރި، މަސައްކަތްތައް ކުރިއަށް ގެންދާނޭ މީހުންވެސް އެބަތިބި. މިހާރު ބޭނުންވަނީ މިކަންކަން ރަނގަޅަށް ތަންފީޒުކޮށް ބެލެހެއްޓުން. އިރާދަކުރެއްވިއްޔާ އެ މަސައްކަތް އަޅުގަނޑު ކުރާނަން،" ސަންއަށް މަމްދޫޙް ވިދާޅުވިއެވެ.

އެމްއާރްޑީސީ "ކިޑްސް ފިއެސްޓާ 2017"އަށް މުވައްޒަފުން ތައްޔާރުވަނީ -- ސަން ފޮޓޯ: ޖަޒްލާން މުޙައްމަދު
އެމްއާރްޑީސީގެ މަސައްކަތްތައް ހަރުދަނާވެ ހަލުއިވެގެން ދިއުމުގައި ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އޭގެ ތެރޭން އެއްކަމަކީ، ކުންފުނީގެ ހީވާގި މުވައްޒަފުންނާ ވަރަށް ގާތަށް މެނޭޖްމަންޓް ޖެހިލި ޖެހިލުން މަމްދޫޙް ފާހަގަކުރެއްވިއެވެ. އަދި އެމްއާރްޑީސީއަކީ ކުންފުންޏަކަށްވުރެ ބޮޑަށް، ބޮޑު އެއް އާއިލާގެ ގޮތުގައި މަސައްކަތްކުރަން ފެށުންކަންވެސް އެ ކުންފުނީގެ މުވައްޒަފުންވެސް ފާހަގަކުރެއެވެ.
އެމްއާރްޑީސީން މިހާރުވެސް ދަނީ، މަގު ހެދުމުގެ 14 މަޝްރޫއެއް ހިންގަމުންނެވެ. އެގޮތުން އޭގެ ތެރޭން ފަސް ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ގާތްގަނޑަކަށް އެއްކޮށް ނިންމާލެވިފައި ވާއިރު އެ މަޝްރޫއުތައް ވަރަށް ކައިރި މުސްތަގުބަލެއްގައި ރަސްމީކޮށް، ހައުސިން މިނިސްޓްރީއާ ހަވާލުކުރެވޭނޭ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އަދި މިހާރު ކުރިއަށް ދާ މަޝްރޫއުތަކުގެ ވެސް ބައެއް މަޝްރޫއުތަކުގެ 90 އިންސައްތަ، އަދި ބައެއް ތަންތަނުގެ 80 އިންސައްތަ ނިމިފައިވާއިރު އެވްރެޖް ގޮތެއްގައި ގިނަ މަޝްރޫއުތަކުގެ 60 އިންސައްތަ ވަނީ ނިމިފައެވެ.
"މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އަދި ވަރަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި. އެހެން ނަމަވެސް މި ކޯޕަރޭޝަނުން ހަވާލުވެ، ކުރިން ނުނިމި ހުރި މަސައްކަތްތައް ވީ އެންމެ އަވަހަކަށް ނިންމުމަށް މިދަނީ މަސައްކަތް ކުރަމުން،" ކުންފުނީގެ އެމްޑީ ވިދާޅުވިއެވެ.

އެމްއާރްޑީސީގެ ޕްރެސްކޮންފަރެންސެއްގެ ތެރޭން-- ސަން ފޮޓޯ: މުޙައްމަދު އަފްރާޙް
އެމްއާރްޑީސީން ކުރިއަށް ގެންދަނީ ހަމައެކަނި މަގުހެދުމުގެ މަސައްކަތެއް ނޫނެވެ. އޭގެ އިތުރުން އިމާރާތްކުރުމާއި، ޖެޓީހެދުމުގެ މަސައްކަތާއި ކުޅިވަރު އެރީނާތަކުގެ ފުޓްސަލް ދަނޑުތައް ހެދުމަކީވެސް މި ކުންފުނިން މިހާރު ވެސް ކުރިއަށް ގެންދާ މަޝްރޫއުތަކެވެ.
އެމްއާރްޑީސީން އިއްޔެ ބޭއްވި ޕްރެސްކޮންފަރެންސްގައި އެކުންފުނީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު މަމްދޫޙް ވިދާޅުވީ އަސްލު އެމްއާރްޑީސީގެ ގޮތުގައި މި ކުންފުނީ ފެނުނީ ރައީސް ޔާމީންވެރިކަން އައިފަހުން ކަމަށެވެ.
"މިކަމަށްޓަކައި އެމްއާރްޑީސީގެ ހުރިހާ މުވައްޒަފުންގެ ނަމުގައާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ރައީސް ޔާމީނަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަން،" މަމްދޫހު ވިދާޅުވިއެވެ.
އެމްއާފްޑީސީއަށް މީގެ ކުރިން ދިމާވެފައިއޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ވަސީލަތްތައް ފުރިހަމަވެފައި ނެތުންކަން ފާހަގަކުރައްވައި މަމްދޫހު ވިދާޅުވީ، ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން، މިހާރު އެ ކުންފުންޏަށް މުޅިންއަލަށް ތަފާތު ބާވަތްތަކުގެ 129 މެޝިނަރީޒް ހޯދާފައިވާ ކަމަށެވެ.
"މިހާރު އެމްއާރްޑީސީން ފެނިގެން މިދާ ކުރިއެރުމުގެ އަސްލަކީ މިދެންނެވި މެޝިނަރީޒް އާއި އަދި ކުންފުނީގެ އިންސާނީ ވަސީލަތްތައްވެސް ފުޅާވެގެން ދިއުން،" އޭނާ ވިދާޅުވިއެވެ.
ރ. މީދޫގެ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން: ފައިލް ފޮޓޯ/ އެމްއާރްޑީސީ
މަގު ހެދުމުގެ މަސައްކަތުގެ އިތުރުން އެމްއާރުޑީސީން ކުރިއަށް ގެންދާ ބައެއް މަޝްރޫއުތަކުގެ ތެރޭގައި ގދ. ތިނަދޫގެ އިސްލާމީ މަރުކަޒުގެ ކޮންކްރީޓް މަސައްކަތާއި، ހަތް ރަށެއްގެ ޖެޓީ ހެދުމުގެ މަސައްކަތުގެ އިތުރުން 67 ރަށުގެ ފުޓްސަލް ދަނޑު ހެދުމުގެ މަސައްކަތް އެ ކުންފުނިންދަނީ މިހާރުވެސް ވަރަށް ބާރަށް ކުރިއަށް ގެންދަމުންނެވެ.
"މި ކުންފުނީގެ އަމާޒަކީ، އަދުގެ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ ތެރޭން މި ކުންފުންޏާ ގުޅުންހުރި ކަންކަން ފުރިހަމަކޮށްދިނުން. އެ މަސައްކަތް މިހާރު ހަމަ ކެނޑިނޭޅި ކުރިއަށް މި ދަނީ،" މަމްދޫހު ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ މިފަދަ ބިޔަ އެތަކެއް މަޝްރޫއުތައް އެމްއާރްޑީސީން ކުރިއަށް ގެންދާއިރު، އެފަދަ ގިނަ މަސައްކަތްތަކުގައި ހަރަކާތްތެރި ވަނީ އެމްއާރްޑީސީގެ މުވައްޒަރުންކަން ފާހަގަކުރަން ޖެހެއެވެ. އަދި މީގެ ތެރޭން 600އަށް ވުރެ ގިނަ މުވައްޒަފުންނަކީ މި ސަރުކާރު އައިފަހުން ކުންފުންޏާ ގުޅުނު މުވައްޒަފުންނަށް ވާއިރު، އޭގެ ތެރޭން 70 އިންސައްތަ މުވައްޒަފުންނަކީ ޒުވާނުންކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

ދ. ކުޑަހުވަދޫގައި ގާއިމްކުރި އެ އަތޮޅުގެ ޑްރައިވިން ޕިޗްގެ މަތިން ނަގާފައިވާ ފޮޓޯއެއް --- ފޮޓޯ/ ދ. އަތޮޅު ކައުންސިލް
އެމްއާރްޑީސީގެ ނަން މިފަހަކަށް އައިސް ރައްޔިތުންނަށް އިވޭލެއް ގިނަވެފައި މިވަނީ، ރައްޔިތުންގެ އިތުބާރުވެސް ކުންފުންޏަށް ލިބެންފެށުމުންކަން މަމްދޫހު ފާހަގަކުރެއްވިއެވެ.
ކުންފުނީގެ މަސައްކަތްތައް ރައްޔިތުން ބަލައިގަންނަން ފަށާފައި ވާއިރު، ހުރިހާކަމެއްވެސް ދެން ކުރިއަށް ދާނީ ރައްޔިތުންގެ އިތުބާރު ހޯދައި، ސަރުކާރުން ވަމުންދާ އަދި ވެފައިވާ ވައުދުތައް ފުއްދުމުގައި އެންމެ ފިޔަވަޅެއްވެސް ފަހަތައް ނުޖެހޭނޭ ގޮތަކަށްކަން އެއީ މި ކުންފުނިން ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖުކަމަށް އޭނާ ވިދާޅުވިއެވެ.