28 Sep 2017, 20:50
ހއ. ދިއްދޫގައި ހައުސިން މިނިސްޓްރީގެ ފަރާތުން އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓުތަކާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީން އާއްމުނުކުރި މައުލޫމާތުތަކެއް ހާމަކުރި މައްސަލައެއްގައި އެ ރަށު ކައުންސިލުގެ ރައީސް މުހައްމަދު ހާޝިމް ސަސްޕެންޑް ކޮށްފިއެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހާޝިމަށް މިއަދު ފޮނުވާފައިވާ ސިޓީގައި ބުނެފައިވާ ގޮތުން އޭނާ ސަސްޕެންޑް ކޮށްފައިވަނީ، މިއަދު ބޭއްވި އެ އޮތޯރިޓީގެ ބޯޑު ބައްދަލުވުމުގައެވެ.
ސިޓީގައިވާ ގޮތުން ހާޝިމް ސަސްޕެންޑް ކުރީ، ހައުސިން މިނިސްޓްރީން ދިއްދޫގައި އެޅި ހައުސިން ޔުނިޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓް އިއުލާން ކޮށްފައިވަނިކޮށް، އެ ލިސްޓާ ހިލާފަށް ކައުންސިލުން އާ ލިސްޓެއް ނެރޭނެކަން ދޭހަވާ ފަދަ އިބާރާތަކުން ރައްޔިތުންނަށް ސިޓީ ފޮނުވާފައިވާތީ އެވެ.
ރައްޔިތުންނަށް ނަމޫނާ ދައްކުވައިދޭންޖެހޭ މަގާމެއްގައި ހުރެ އެކަށީގެން ނުވާ އިބާރާތްތަކުން ދައުލަތުގެ މުއައްސަސާތަކުގެ އަގުވެއްޓޭގޮތަށާއި ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް ވާހަކަ ދައްކަމުންދާ ކަމުގެ ޝަކުވާ ހުށަހެޅީފައިވާ ކަމަށް ވެސް އެލްޖީއޭގެ ސިޓީގައި ބުނެފައިވެއެވެ.
އެލްޖީއޭ އިން ހާޝިމް ސަސްޕެންޑް ކުރީ އޭނާއާ ގުޅޭގޮތުން އެ އޮތޯރިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ބަލައި ވަކި ގޮތެއް ކަނޑައަޅަންދެންނެވެ. އަދި އެ މުއްދަތުގެ ތެރޭގައި އޭނާއަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް ވަނީ ހިފަހައްޓާފައެވެ.
ސަސްޕެންޝަނާ ގުޅޭގޮތުން ދިއްދޫ ކައުންސިލްގެ ރައީސް ހާޝިމް "ސަން" އަށް ވިދާޅުވީ، މިއަހަރުގެ މެއި މަހުގެ ތެރޭގައި ހައުސިން ޔުނިޓްތައް ލިބޭ ފަރާތްތަކުގެ ނަމާއެކު ފުރިހަމަ މައުލޫމާތު ހިމެނޭ ލިސްޓެއް ރައްޔިތުންނާ ހިއްސާކުރުމަށް ހައުސިން މިނިސްޓްރީން ކައުންސިލަށް އެންގި ކަމަށެވެ.
ނަމަވެސް އޭރު އޮތް ކައުންސިލަށް އެކަން ނުކުރެވި އޮވެ، ކައުންސިލް ބަދަލުވުމުން އަލަށް އިންތިހާބުވި ކައުންސިލުން އެ ލިސްޓު އާއްމުކުރި ކަމަށް ހާޝިމް ވިދާޅުވިއެވެ. ނަމަވެސް އެ ލިސްޓު ނަގަން ހައުސިން މިނިސްޓްރީން އެންގި ކަމަށެވެ.
ނަމަވެސް ލިސްޓު ނެގުމަށްފަހު، ހައުސިން ޔުނިޓްތައް ލިބުނު މީހުންގެ ލިސްޓެއް ހަމައެކަނި ފޯމް ނަންބަރަކާއެކު ހައުސިން މިނިސްޓްރީން އަލުން އާއްމުކުރި ކަމަށާއި އެ ލިސްޓުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ހާޝިމް ވިދާޅުވިއެވެ.
އެގޮތުން ގިނައިން ޕޮއިންޓް ލިބިފައިވާ މީހުންނަށް ފްލެޓް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އާ ލިސްޓެއް ނެރޭނެކަން ދޭހަވާ ފަދަ އިބާރާތަކުން ވާހަކަދައްކާފައިނުވާނޭ ކަމަށް ވިދާޅުވިއެވެ.
"ފަހުން ލިސްޓު އާއްމުކުރި އިރު ރައްޔިތުންނަށް މިއޮތީ ހުރިހާ މައުލޫމާތެއް އެނގިފަ. އެހެންވެގެން ރައްޔިތުންނަށް ހުރިހާ ކަމެއް އެނގޭތީވެ އެކަން ދެކޮޅު ނުޖެއްސޭނެތީވެ ކައުންސިލަށް ބާރުމިކުރަނީ،" ހާޝިމް ވިދާޅުވިއެވެ.