28 Sep 2017, 20:01
ރާއްޖެއަށް އިސްވެސްޓަރުން ހޯދުމަށް އިންވެސްޓްމެންޓް ޕްރޮމޯޝަން ރޯޑް ޝޯއެއް ތައިލެންޑްގައި ބާއްވަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.
ތައިލެންޑުގެ ޓޫރިޒަމް އެންޑް ސްޕޯޓްސް މިނިސްޓަރު ކޮބްކާން އާއެކު މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަދި ތައިލެންޑްގެ މިނިސްޓަރާއެކު ތައިލެންޑްގައި އިންވެސްޓްމަންޓް ޕްރޮމޯޝަނަލް ރޯޑް ޝޯއެއް ބޭއްވުމަށް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ، ތައިލެންޑްގައި ރޯޑް ޝޯ ބޭއްވުމަށް އިކޮނަމިކް މިނިސްޓަރު ހާއްސަ އިސްކަމެއް ދީގެން އެ ރޯޑްޝޯގައި ރާއްޖެއަށް އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
ތައިލެންޑާއި ރާއްޖޭގެ 30 އަހަރުވެފައިވާ ގުޅުން މިއަދަށްފަހު އިތުރަށް ބަދަހިވެގެންދާނެ ކަމަށާއި ކުރިއަށް އޮތްތާގައި ދެ ގައުމުގެ ކުރިއެރުމަށް އެކުގައި މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.