28 Sep 2017, 19:09
ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ޓްރީޓޮޕް ހޮސްޕިޓަލަކީ ސިއްހީ ދާއިރާއިން ރާއްޖެ ދެކިފައިނުވާ އިންގިލާބީ ބަދަލުތަކެއް ގެނުވާނެ ހޮސްޕިޓަލެއް ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު މެންދުރުފަހު ޓްރީޓޮޕް ހޮސްޕިޓާ ބައްލަވާލެއްވުމަށް ހުޅުމާލެއަށް ކުރެއްވި ދަތުރުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ނާޒިމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ދުރުވިސްނުންފުޅާ އެކު އަމިއްލަ ބަޔަކާ ހަވާލުކޮށްގެން ބޮޑު ހޮސްޕިޓަލެއް ތަރައްގީ ކުރެވުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއް ކަަމަށެވެ. އަދި އެއީ ސިއްހީ ދާއިރާއަށް އެކަމުގެ ސަބަބުން ބޮޑެތި ބަދަލުތަކެއް އައިސް އިތުރު ހަރުފަތަކަށް އެ ދާއިރާ ގެންގޮސްދޭނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސެޕްޓެމްބަރ 28، 2017: ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލުގެ އެންމެ ފަހުގެ މަސައްކަތްތައް ހިނގަމުންދާގޮތް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ބައްލަވައިލެއްވުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިނިސްޓަރު ނާޒިމް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ސިއްހީ ދާއިރާއަށް ގެނެސް ދެމުންދާ ތަރައްގީއާ ކުރިއެރުން ޓްރީޓޮޕް ހޮސްޕިޓަލަށް ބަލައިލުމުން އަންދާޒާ ކޮށްލެވޭނެ ކަމަށެވެ. އަދި ވިދާޅުވީ އެ ހޮސްޕިޓަލު ހިންގަން ފެށުމުން ރާއްޖެއިން ބޭރަށް ގޮސް ކުރަމުންއަންނަ ބޭސް ފަރުވާތަކަށް ލުޔެއް ލިބިގެންދާނެ ކަމަށެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ހިތުގެ ބައްޔާއި ކެންސަރު އަދި ބޮޑެތި ބަލި ތަކަށް ބޭސް ކުރެވޭނެކަން ފާހަގަ ކުރައްވާ ނާޒިމް ވިދާޅުވީ އެއީ ރައްޔިތުންނަށް ލިބިގެންދާ އިތުބާރެއްގެ އިތުރުން ލިބިގެންދާ ހިތްހަމަ ޖެހުމެއް ކަމަށެވެ.

ސެޕްޓެމްބަރ 28، 2017: ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލުގެ އެންމެ ފަހުގެ މަސައްކަތްތައް ހިނގަމުންދާގޮތް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ބައްލަވައިލެއްވުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ތަނުގައި ހާޓް ޓްރާންސްޕްލާންޓް ކުރުން ފިޔަވާ ހިތުގެ މައްސަލަތަކާ ގުޅޭ ހުރިހާ ކަމެއް ކުރެވޭނެ. އަދި ހަމަ މިތަނުން ބޮޑެތި އެހެން ބަލި ތަކަށް ވެސް ފަރުވާ ކުރެވޭނެ ކަމުގެ ޔަގީންކަން ލިބިގެންދިޔަ،"
މިނިސްޓަރު ވިދާޅުވީ މިއަދު އެ ހޮސްޕިޓަލަށް ކުރި ޒިޔާރަތުން ޓްރީޓޮޕް އިންވެސްޓް މަންޓުން މީގެ ކުރިން ވެފައިވާ ވައުދުތައް ހަގީގަތަކަށް ވާތަން ފެނުނު ކަމަށާއި އެންމެ އެކަށީގެންވާ ހިދުމަތްތަކެއް އެ ހޮސްޕިޓަލުން ދެވޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ގިނަ އަދަދެއްގެ ދިވެހި ޒުވާނުންނަށް އެ ހޮސްޕިޓަލުން ވަޒީފާ ލިބިގެން ދިޔުމަކީ ވެސް ލިބިގެންދާ ހިތްހަމެޖެހުމެއް ކަމަށެވެ.
"ވަރަށް ހިތްހަމަ ޖެހިއްޖެ މިއަދު މި ކުރި ޒިޔާރަތުން ފެނިގެން ގޮސްފި ގިނަ އަދަދެއްގެ ދިވެހި ޒުވާނުން މި ތަނުން ތަމްރީން ވަމުންދާކަން. އެއީ ބޮޑު ހިތްހަމަ ޖެހުމެއް. އަދި ހަމަ ކަށަވަރު ވެއްޖެ މި ހޮސްޕިޓަލުން ލިބިގެންދާނެ ހިދުމަތްތަކަކީ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ކަން" ޓްރީޓޮޕް ހޮސްޕިޓަލުގައި ހުންނަވައިގެން ނާޒިމް ވިދާޅުވިއެވެ.

ސެޕްޓެމްބަރ 28، 2017: ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލުގެ އެންމެ ފަހުގެ މަސައްކަތްތައް ހިނގަމުންދާގޮތް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ބައްލަވައިލެއްވުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ޓްރީޓޮޕް ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް ލިބިގެންދާނެ ކަން ކަށަވަރު ކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ އާސަންދަ އޭގެ އަސްލު މާނާއިގައި މިތަނުން ލިބިގެންދާނެ ކަމަށާއި އާސަންދައިން ބޮޑު ބައެއް ބޭރުގެ ހޮސްޕިޓަލުތަކަށް ހަރަދު ކުރުން ވެސް ޓްރީޓޮޕް ހޮސްޕިޓަލާ ހަމައިން ބޮޑު ތަން ކުޑަވެގެންދާނެ ކަމަށެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގައި ޖުމުލަ 200 އެނދު ހުންނައިރު އެ ހޮސްޕިޓަލުގައި ފަރުވާދޭނީ ޖުމުލަ 30 ގައުމަކަށް ނިސްބަތްވާ ޑޮކްޓަރުންނެވެ. އަދި އެންމެ ކުދިކުދި އޮޕަރޭޝަނުން ފެށިގެން ގޮސް ބޮޑެތި އޮޕަރޭޝަންތައް ކުރަން އެތަން ފައްކާވެފައިވާއިރު ހިދުމަތް ދިނުމަށް 700 އަށް ވުރެ ގިނަ މުވައްޒަފުން ތިބޭނެ އެވެ.

ސެޕްޓެމްބަރ 28، 2017: ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލުގެ އެންމެ ފަހުގެ މަސައްކަތްތައް ހިނގަމުންދާގޮތް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ބައްލަވައިލެއްވުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ގިނަ ދުވަސް ތަކެއް ވަންދެން ހޮސްޕިޓަލުގައި ބައިތިއްބައިގެން ފަރުވާ ކުރަންޖެހޭ ބަލިމީހުންގެ އެހީތެރިން ތިބުމަށް ކުއްޔަށް ދޭ 48 ކޮޓަރި ވެސް ވަނީ އެ ހޮސްޕިޓަލުގައި އިމާރާތް ކޮށްފަ އެވެ. މީގެ އިތުރުން އެމްއާރް އައި މެޝިނެއް ބެހެއްޓިފައިވާއިރު 12 މީހަކަށް އެއްފަހަރާ ޑަޔަލިސިސް ހެދޭނެ ސެންޓަރެއް ވެސް ވަނީ ގާއިމު ކުރެވިފައެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގެ ހިދުމަތް ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ތެރޭގައެވެ.