30 Jul 2011, 08:50
އިސްތަންބޫލް (ޖުލައި 29) : ހައިހޫނުކަމުގެ ވޭން އުފުލަމުންދާ ސޮމާލިޔާގެ މުސްލިމް ރައްޔިތުންނަށް ކާބޯތަކެއްޗާއި ބޭސް ފޯރުކޮށްދިނުމަށްޓަކައި އިންސާނީ އެހީ ދިނުމުގައި ޙަރަކާތްތެރިވާ އިސްލާމީ 15 ޖަމްޢިއްޔާއެއް ގުޅިގެން މަސައްކަތްކުރަން ނިންމައިފިއެވެ.
ތުރުކީގެ އިސްތަންބޫލްގައި އިއްޔެ ނިމުނު އިސްލާމިކް ރިލީފް އެޖެންސީތަކާއި ފަންޑްތަކުގެ ބައްދަލުވުމަށްފަހު އިންސާނީ އެހީ ފޯރުކޮށްދިނުމުގައި އިސްކޮށް ޙަރަކާތްތެރިވާ އިސްލާމީ 15 ޖަމްއިއްޔާ އަކުން ނިންމާފައިވަނީ ހައިހޫނުކަމުގައި މަރުވަމުންދާ ސޮމާލިޔާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ހަލުއިކުރުމަށާއި މިމަސައްކަތް ވިލަރެސް ކުރުމަށެވެ.
ސޮމާލިޔާގެ ރައްޔިތުންނަށް އެހީވުމަށްޓަކައި އިސްލާމީ މުއްސަނދި ޤައުމުތަކުންވަނީ 50 މިލިޔަން ޑޮލަރުގެ ކާބޯތަކެއްޗާއި ބޭސް ސޮމާލިޔާއަށް ފޮނުވުމުގެ މަސައްކަތް ވެސް ފަށާފައެވެ. އިންސާނީ އެހީ ދިނުމުގައި ޙަރަކާތްތެރިވާ އިސްލާމީ ޖަމްޢިއްޔާތަކުންވެސް ވަނީ އިސްލާމީ ޤައުމުތަކާ ގުޅިގެން ސޮމާލީޔާއަށް އެހީވުމަށްޓަކައި އެތަށް މިލިޔަން ޑޮލަރެއް ޖަމާކޮށްފައެވެ.
މީގެއިތުރުން އަވަސްއެހީގެ ތަކެތި ވައިގެ މަގުން ފޯރުކޮށްދިނުމަށް ވެސް އެޖަމްޢިއްޔާތަކުން ވަނީ މަސައްކަތް ފަށާފައެވެ. އދ. ންވެސްވަނީ އިންސާނީ އެހީގެ ވައިގެ ބްރިޖަކުން ސޮމާލިޔާއަށް ކާބޯތަކެތީގެ އަވަސްއެހީ ފޮނުވުމުގެ މަސައްކަތް ފަށާފައެވެ. އދ. ގެ އިތުރުން ހުޅަނގުގެ އެޖެންސީތަކާއި ހުޅަނގުގެ ޤައުމުތަކުންވެސް ގެންދަނީ ސޮމާލިޔާއަށް އެހީ ފޯރުކޮށްދިނުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.
ހައިހޫނުކަމުގެ ވޭންއުފުލާ 3.7 މިލިޔަން މީހުން ސޮމާލިޔާގައި އެބަތިބި ކަމަށް އދ. ން ބުނެއެވެ. -- އަލްޖަޒީރާ