އދ. (ސެޕްޓެމްބަރު 28): މިޔަންމާގެ ރާކިން ސްޓޭޓަށް އދ.ން ކުރަން އޮތް ދަތުރު އެ ގައުމުގެ ސަރުކާރުން ކެންސަލްކޮށްފި އެވެ.

އދ.ގެ އޮފިޝަލުން ބުނި ގޮތުގައި އެދަތުރު ކެންސަލް ކުރި ސަބަބު މިޔަންމާ ސަރުކާރުން ބުނެފައި ނުވެ އެވެ. މީގެ ކުރިން އދ.ގެ ތަރުޖަމާނު ސްޓެފާން ޑުޖާރިކް ވަނީ ރާކިން ސްޓޭޓަށް ކުރާ ދަތުރުގައި އދ.ގެ އިސް އޮފިޝަލުން ބައިވެރި ވާނެ ކަމަށާއި އެދަތުރު ވާނީ އެސަރަހައްދަށް މިނިވަންކަމާއެކު ދަތުރު ކުރެވުމުގެ ފުރަތަމަ ފިޔަވަޅު ކަމަށް ވާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވިދާޅުވެފަ އެވެ.

މިޔަންމާ ސިފައިން މިދިޔަ މަހުގެ 25ގައި ރާކިން ސްޓޭޓުގައި އަނިޔާވެރި އޮޕަރޭޝަނެއް ފެށި ފަހުން އެގައުމުގެ ސިފައިން ވަނީ އެސަރަހައްދުގައި ތިބި އދ.ގެ އޮފިޝަލުން ފޮނުވާލާފަ އެވެ. ނަމަވެސް އދ.ން ދަނީ ރަކީންގައި އާބާދީ ބޮޑު ރޮހިންގާ މުސްލިމުންގެ ހާލު ބެލުމަށް އެސްޓޭޓަށް ވަނުމުގެ ފުރުސަތު ދިނުމަށް ބުނެ މިޔަންމާ ސަރުކާރަށް ޕްރެޝަރު ކުރަމުންނެވެ.

މިޔަންމާ ސިފައިންގެ އަނިޔާގެ ސަބަބުން ބަންގުލަދޭޝްއަށް ދިޔަ ރޮހިންގާ މުސްލިމުންގެ އަދަދު މިހާރު ވަނީ 400،000ށް ވުރެ އިތުރުވެފަ އެވެ. (ބީބީސީ)