ރާއްޖޭގެ ވިޔަފާރި ކުންފުނިތަކަށް ހުޅުވާލައިގެން ތައިލެންޑްގެ 22 ކުންފުންޏަކާއެކު ވިޔަފާރި ބައްދަލުވުން މިއަދު ދަރުބާރުގޭގައި ބާއްވައިފި އެވެ.

ދަރުބާރުގޭގައި މިއަދު ކުރިއަށް ދިޔަ މި ވިޔަފާރި ބައްދަލުވުމަކީ ދުނިޔޭގެ އެކި ގައުމުތަކާ އޮންނަ ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން މަސައްކަތެއް ކަމަށެވެ.

މި ބައްދަލުވުމާއި ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓަރުގެ ނައިބު އާދަމް ތައުފީގު ވިދާޅުވީ، މި ބައްދަލުވުމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިވެރިން އެއްވެސް "މިޑްލް މެން" އަކާނުލާ ސީދާ ތައިލެންޑްގެ ސަޕްލަޔަރުންނާ ބައްދަލުކޮށް ވިޔަފާރީގެ ގުޅުން ބަދަހި ކުރެވިގެންދާނެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރުގެ ނައިބު އާދަމް ތައުފީގު ވިދާޅުވީ ދުނިޔޭގެ އެކި ގައުމުތަކާ އޮންނަ ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން ތައިލެންޑާއެކު އޮންނަ ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް މީގެ ކުރިން ވެސް ދެ ބައްދަލުވުމެެއް ބާއްވާފައިވާނެ ކަމަށެވެ.

މި ވިޔަފާރީގެ ބައްދަލުވުމުގައި ތައިލެންޑްގެ ފުޑް އެންޑް ބެވަރޭޖް، އޮޓޯ ޕާޓް އެކްސަސަރީޒް، ހާޑްވެއާ ސާމާނު، އެއާކޮންޑިޝަނާ އަދި ރެފްރިޖަރޭޓަރު އުފައްދާ ފަރާތްތަކާއި ސަޕްލައި ކުރާ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

އެ ބައްދަލުވުމަށް ޒިޔާރަތްކުރި ރާއްޖޭގެ ބައެއް ވިޔަފާރިވެރިން ބުނީ، މި ބައްދަލުވުމަކީ އެ މީހުންގެ ވިޔަފާރިއަށް ލިބިގެންދާނޭ ވަރަށްބޮޑު ކުރިއެރުމެއްކަމާށް އުންމީދު ކުރައްވާކަމަށެވެ. އަދި ތައިލެންޑްގެ ސަޕްލަޔަރުންނާ ސީދާ ބައްދަލުކޮށް ވާހަކަ ދައްކާ ގުޅުންބަދަހިކުރަން ލިބުނު އެ ފުރުސަތަށް ޝުކުރު އަދާކުރާ ކަމަށް ވެސް އެ ފަރާތްތަކުން ބުންޏެވެ.

ރާއްޖެއިން ވަނީ ތައިލެންޑާއެކުގައި ކުރިން ވެސް ދެ ބައްދަލުވުމެއް ބާއްވާފައެވެ. އަދި އެ ދެ ބައްދަލުވުމަކީވެސް ވަރަށް ކާމިޔާބު ދެ ބައްދަލުވުންކަމަށް އެކޮނަމިކް މިނިސްޓްރީއިން ބުންޏެވެ.