28 Sep 2017, 19:26
ރަަޝިއާގެ ޖަލުތަކުގައި ހައްޔަރުކޮށްފައި ތިބޭ ކުށްވެރިންނަށް ޖަލާއި ކައިރީގައި ހުންނަ އަވަށްތަކުގައި މަސައްކަތްކުރެވޭ ގޮތަށް ހެދުމަށް ތައްޔާރުވަމުން އަންނަކަމަށް އެގައުމުގެ ޕާލަމަންޓުގެ މެމްބަރަކު ބުނެފިއެވެ.
ސެނެޓަރު ޑިމިޓްރީ ޝެޓޯކިން ވިދާޅުވީ ޖަލުޖައި ތިބޭ ކުށްވެރިން އެކިއެކި ކުންފުނިތަކުގައި މަސައްކަތް ކުރުވުމަށް ބޭނުންވާ ކަމަށާއި އެހެން ނަމަވެސް މިހާރު ރަޝިއާގެ ކްރިމިނަލް ކޯޑުގެ ދަށުން އެކަން ކުރުމުގައި ގާނޫނުތަން ނުދޭ ކަމަށެވެ. އެހެންކަމުން މިހާރު ވިސްނުން ހުރީ ކްރިމިނަލް ކޯޑްއަށް ގާނޫނު ހަދާ މަޖުލީހުގެ ތެރެއިން ބަދަލު ގެނެސް އެމީހުންނަށް ޖަލުތަކުގެ ބޭރުގައިވެސް މަސައްކަތް ކުރެވޭނެ ގޮތް ހެދުމަށް މަގުފަހި ކުރުން ކަމަށެވެ.
ޑިމިޓްރީ ވިދާޅުވީ ޖަލުތަކުގައި ތިބޭ މީހުން އެކިއެކި އަމިއްލަ ކުންފުނިތަކަށް މަސައްކަތަށް ފޮނުވައިގެން އެކަން ޓެސްޓުވެސް ކޮށްފައިވާ ކަމަށެވެ. އަދި އެ ކަމުގެ ސަބަބުން ކުށްވެރިން ދެވަނަ ފަހަރަށް ކުށްތަކަށް އަރައިގަތުން މަދުވެ ޕެރޯލްގެ ދަށުން ކުށްވެރިން ދޫކޮށްލުމަށް ފަސޭހަ ވެގެން ދާނެ ކަމަށް ވެސް ޑިމިޓްރީ ވިދާޅުވިއެވެ.
ރަޝިއާގެ ޖަސްޓިސް މިނިސްޓްރީގެ ތަފާތު ހިސާބުތަކުން ދައްކާ ގޮތުގައި ރަޝިއާގެ ޖަލުތަކުގައި 630000 ކުށްވެރިން އެބަތިއްބެވެ. އަދި އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން މަސައްކަތް ޖަލުގައި ކުރާއިރު އެމީހުންނަށް ލިބޭ ކުޑަކުޑަ އުޖޫރައިން އެމީހުންގެ އާއިލާތަކުގެ ހަރަދު ނުބެލެހެއްޓޭއިރު ޖަލުން ސަލާމަތްވާއިރު އެ މީހުންގެ އަތުގައި އޮންނަނީ ވަރަށް ކުޑަކުޑަ ލާރިކޮޅެކެވެ.
ކުށްވެރިންނަށް ރަޝިއާގެ ސަރުކާރުގެ ކޯޕަރޭޝަނުގައި މަސައްކަތްކުރެވޭގޮތް ހެދުމަށް މި ދިޔަ އަހަރު ވަނީ އެގައުމުގެ ޕާލަމެންޓަށް ބިލެއް ހުށައަޅައިފައެވެ. ނަަމަވެސް އެ ބިލު އަދި މިހާތަނަށް ފާސް ވެފައެއް ނެތެވެ.
މަސްދަރު : އާރްޓީ