29 Sep 2017, 10:26
ސީރިއާގެ ސިފައިން ދާދި ފަހުން ވަނީ އިސްލާމިކް ސްޓޭޓުގެ ބޮޑުބައެއް ހިފައި ފުރާތުކޯރުގެ ހުޅަނގުގެ ބޮޑަބަޔަކަށް ވަދެ އިރުމަތީ ސަރަހައްދަގެ ބައެއް ހިސާބުތަކަށް ވެސް ވަދެގެންފައެވެ. މިއީ ސީރިއާ ހަނގުރާމަ ފެށުނު ފަހުން ސީރިއާއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެކެވެ.
ސީރިއާ ސިފައިންގެ އަމާޒު ހިފައިފައި ހުރީ އިސްލާމިކް ސްޓޭޓްގެ ސީރިއާގެ ވެރިރަށުގެ ގޮތުގައި ބަލަމުންއައި އަލް މައިދާން އަށް ވަދެގަތުމަށެވެ. އެ ހިސާބުގައި ހިމެނޭ އަލް އުމަރު ތެޔޮ ވަޅުތަކަކީ އައިއެސްއައިގެ ސަރުކާރުގައި އާމްދަނީ ހިއްސާކުރި ވަސީލަތެވެ.
ސީރިއާގެ ސިފައިން އެ ތެޔޮވަލުތައް ހިފުމަށް ތައްޔާރު ވަމުން އަންނަ އިރު އެމެރިކާގެ މަދަދު ލިބޭ ކުރުދީންގެ ސީރިއަން ޑިމޮކްރެޓިކް ފޯސާސް (އެސްޑީއެފް) އިން ވެސް ތައްޔާރުވަމުންދަނީ ހަމަ އެސަރަހައްދު ހިފުމަށެވެ.
އިރާގެކޭ އެއްގޮތަށް ސިރިއާގެ ކުރުދީންގެ އަމާޒު ހިފައިފައިހުރީ ވަކި ދައުލަތެއް ސީރިއާގައި އުފެއްދުމަށެވެ. ސީރިއާގެ ސަރުކާރުން ބުނީ ކުރުދީން އެ ގައުމުގައި ވަކި މިނިވަން ދައުލަތެއް ގާއިމުކުރިޔަ ނުދޭނޭ ކަމަށެވެ.
ސީރިޔާގެ ހަނގުރާމައަށް ހަ އަހަރު ވެފައިވާއިރު އެ ގައުމުގެ އިގްތިސާދަށް ވެސް ވަނީ އޭގެ އަސަރު ވަރަށް ބޮޑަށް ކޮށްފައެވެ. އެހެންކަމުން ތެޔޮވަޅުތައް ހިމެނޭ ސަރަަހައްދުތައް ހިފިއްޖެނަމަ ސީރިއާގެ އިގްތިސާދަށް އޭގެން ވަރަށް ބޮޑަށް ފައިދާ ކުރާނެއެވެ.