އެޑެން ހަޒާޑާ އެކު ކުޅެން ވަރަށް ފަސޭހަ ކަމަށާއި އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް ކަމަށް ޗެލްސީގެ ފޯވާޑް އަލްވާރޯ މޮރާޓާ ބުނެފިއެވެ.

އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން ޗެލްސީ ވަނީ ރޭ ޗެމްޕިއަންސް ލީގުގައި އެތުލެޓިކޯ މެޑްރިޑްގެ މައްޗަށް 1-2 އިން ކުރި ހޯދައިފައެވެ. އެންޓޮއިން ގްރީޒްމަންގެ ޕެނަލްޓީ އިން އެތުލެޓިކޯ ލީޑު ނެގިއިރު، މޮރާޓާ ވަނީ ހަޒާޑު ހުރަސް ކޮށްދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ވައްދާލައި ނަތީޖާ އެއްވަރު ކޮށްފައެވެ. އަދި ފަހު ވަގުތުކޮޅުގައި މިޗީ ބަޓްޝުއާއީ ވަނީ ޗެލްސީއަށް ތިން ޕޮއިންޓު ޔަގީން ކޮށްދީފައެވެ.

އާ ސީޒަނަށް ރެއާލް މެޑްރިޑުން ޗެލްސީއަށް ބަދަލުވި މޮރާޓާ ވަނީ މިހާތަނަށް ހަތް ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްފައެވެ. މޮރާޓާ ބުނީ ލަނޑު ޖެހުމަށް އެހާ ފަސޭހަ ވަނީ ހަޒާޑު ފަދަ މޮޅެތި ކުޅުންތެރިން ޓީމުގައި ތިބުމުންނެވެ.

"ހަޒާޑު ފަދަ ކުޅުންތެރިޔަކާއެކު ކުޅެން ވަރަށް ފަސޭހަ. ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ އާއެކު ކުޅުމަކީ އަހަރެންނަށް ލިބޭ ނަސީބެއް،" މޮރާޓާ ބުންޏެވެ.

އޭނާ ބުނީ ފޯމާ މެދު ހިތްހަމަ ޖެހޭ ކަމަށާއި ނަމަވެސް ކުރިއަށް ހުރި މެޗުތަކުން މޮޅުވެ ތިން ޕޮއިންޓު ހޯދުމަކީ އެންމެ މުހިންމު ކަންތައް ކަމަށެވެ. އަދި އެތުލެޓިކޯ ފަދަ ވަރުގަދަ ޓީމެއްގެ ދަނޑަށް ގޮސް މޮޅުވުމުން ވަރަށް އުފަވާ ކަމަށް މޮރާޓާ ބުންޏެވެ.

ޕްރިމިއަރ ލީގުގައި އަންނަ ހޮނިހިރު ޗެލްސީ އިން ނިކުންނާނީ ވާދަވެރި މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ. މިއީ ލީގުގައި މި ދެ ޓީމު ވެސް މިހާތަނަށް ކުޅޭނެ އެންމެ މުހިންމު މެޗުކަން ފާހަގަ ކޮށްލެވެއެވެ.