އަންކަރާ (ޖުލައި 30) : ތުރުކީގެ ސިފައިންގެ ކޮމާންޑަރު އަދި ޗީފް އޮފް ސްޓާފް ޖެނެރަލް އީޝީޤް ކުޝަނިރ އާއި ސިފައިންގެ އެއްގަމާއި ވަޔާ އަދި ކަނޑުގެ ބާރުތަކުގެ ވެރިން ކުއްލި ގޮތަކަށް މަޤާމުން އިސްތިއުފާދެއްވައިފިއެވެ.

ތުރުކީ ސިފައިންގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ލާދީނީ ޚިޔާލުގެ ޖެނެރަލުން ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވީ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާންގެ އިސްލާމީ ޚިޔާލުގެ ސަރުކާރާ އެބޭފުޅުންނާ ދެމެދު ޚިޔާލު ތަފާތުވެ ގުޅުންތައް ގޯސްވުމުގެ ސަބަބުންނާއި އުރުދުޣާންގެ ސަރުކާރާދެކޮޅަށް ޢަސްކަރީ ބަޣާވާތެއް ހިންގަން އުޅުނުކަމުގެ ކުށުގައި ސިފައިންގެ އިސްޖެނެރަލުންތަކެއް ޖަލަށްލާފައިވުމުން ހިތްހަމަނުޖެހިގެން ކަމަށް ތުރުކީގެ އަނަތޯލިޔާ ނޫސް އެޖެންސީ ޚަބަރު ދެއެވެ.

ތުރުކީ ސިފައިންގެ އިސްކޮމާންޑަރުންނަކީ އެޤައުމުގެ ޖުމްހޫރިއްޔަތުގެ ބާނީ މުސްތަފާ ކަމާލް އަތާތުރުކުގެ ބޯދާ ލާދީނީ ފަލްސަފާގެ ތެރެއަށް ވަރަށް ބޮޑަށް ވަދެވަޑައިގެން ތިއްބެވުމުގެ އިތުރުން ތުރުކީގެ ސިޔާސީ ކަންކަމަށް ބާރާއި ނުފޫޒު ފޯރުވުމުގެ ޚުދުމުޚްތާރު ވިސްނުން ގެންގުޅުއްވާ ބައެކެވެ. އެހެންކަމުން އުރުދުޣާންގެ ޒަޢާމަތުގައި ތުރުކީގައި އާލާވަމުންދާ އިސްލާމީ ޚިޔާލުތަކާއެކު މަޤާމުގައި ތިއްބެވުން އެބޭފުޅުންނަށް އުނދަގޫވެފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

ތުރުކީގެ އެހެން ސަރުކާރުތަކަށް ބާރާއި ނުފޫޒު ފޯރުވަމުންދިޔަ ގޮތަށް އުރުދުޣާންގެ ސަރުކާރަށް ނުފުޒުފޯރުވުމުގައި ނާކާމިބުވުމާއި ނުފޫޒުފޯރުވަން މަސައްކަތްކުރާ ޖެނެރަލުން މަޤާމުން ދުރުކުރުމުގެ ހަރުކަށި ސިޔާސަތެއް އުރުދުޣާން ގެންގުޅުއްވުމަކީވެސް ތުރުކީގެ ޖެނެރަލުންނާއި އެޤައުމުގެ ސަރުކާރާ ދެމެދު ގުޅުންތައް ގޯސްވެގެންދިޔުމުގެ މައިގަނޑު ސަބަބެއް ކަމަށް މުޙައްލިލުން ދެކެއެވެ.

އުރުދުޣާންގެ ސަރުކާރު ވައްޓާލުމަށް ރޭވުމުގެ ތުހުމަތުގައި ތުރުކީ ސިފައިންގެ ލާދީނީ ޚިޔާލުގެ އިސް ޖެނެރަލުންތަކެއް މީގެ ދެއަހަރުކުރިން ހައްޔަރުކުރުމަށްފަހު އަދިވެސް އެމީހުންވަނީ ޖަލުގައެވެ. މިމައްސަލަ ސާިތުވެއްޖެނަމަ އުމުރަށް ޖަލަށްލުމުގެ ޙުކުމެއް އެމީހުންގެ މައްޗަށް އަންނާނެކަމަށް ވަނީ ބެލެވިފައެވެ.

އުރުދުޣާންގެ ސަރުކާރުން ރޭގެ ވަގުތެއްގައިވަނީ ސިފައިންގެ އިސްމަޤާމުތަކަށް ޒުވާން ބައެއް ޖެނެރަލުން ޢައްޔަން ކޮށްފައެވެ. މީގެތެރޭގައި އެއްގަމު ސިފައިންގެ ވެރިޔާގެ މަޤާމަށް ޖެނެރަލް ނެޖްދަތު އޮޒާލް ޢައްޔަން ކުރުން ހިމެނެއެވެ. -- އަލްޖަޒީރާ، ރޮއިޓާސް