ގައުމީ ޔުނިވާސިޓީ ( އެމްއެންޔޫ) އާ އެކު އެއްބާރުލުން ދިނުމަށް ސިވިސް ސާވިސް ކޮމިޝަން (ސީއެސްއީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ގައުމީ ޔުނިވާސީޓީގައި މިއަދު ހެނދުނު އެކަމަށް ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި އެމްއެންޔޫގެ ފަރާތުން އެ ޔުނިވާސީޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒް ޝަރީފް ސޮއިކުރެއްވި އިރު ސީއެސްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވީ މިއަދު ވެވުނު އެއްބަސްވުމުގެ ސަބަބުން މައުލޫމާތާއި ފަންނީ ތަޖުރިބާ ބަދަލުކުރުމުގެ ފުރުސަތު ގައުމީ ޔުނިވާސިޓީއާއި ސިވިލްސާވިސް އިންސްޓިޓިޔުޓާ ދެމެދު ފަހިވެގެން ދާނެ އެވެ.

ގައުމީ ޔުނިވާސިޓީ އާ އެކު އެއްބާރުލުން ދިނުމަށް ސިވިސް ސާވިސް ކޮމިޝަން އާއެކު އެއްބަސްވުމެއްގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ސިވިސް ސާވިސް ކޮމިޝަނުގެ ރައީސް ވާހަކަ ދައްކަވަނީ--ސަން ފޮޓޯ: ފަޔާޒު މޫސާ

އަދި އެމްއެންޔޫއާއި ސީއެސްއީގެ ޓެރެއިނިން އިންސްޓިޔުޓް އިން ގުޅިގެން ހިންގާ ކޯސްތަކުގެ ފެންވަރު މަތިކުރުމާއި ކޮންސަލްޓަންސީގެ ހިދުމަތް ދިނުމާއި، އިލްމީ ދިރާސާތައް ކޮށް އަދި ދެފަތާރުގެ ކުތުބުހާނާއި އެހެނިހެން ވަސީލަތްތައް ބޭނުންކުރެވޭނެގޮތް މިއަދު ހެދި އެއްބަސްވުމުގެ ދަށުން ފަހި ވެގެން ދާނެކަމަށް ޝަމީމް ވިދާޅުވި އެވެ.

"މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ އޮންލައިން ޑޭޓާ ބޭސްތައް ބޭނުން ކުރެވޭނެ އިންތިޒާމް ހިދުމަތް ތަމްރީންތަކުގެ ބައިވެރިންނަށް އަދި ސިވިލްސާވިސް ކޮމިޝަންގެ މުވައްޒިފުންނަށް ލިބިގެންދާނެ. ސީއެސްސީގެ ލައިބްރަރީގެ ވަސީލަތްތައް ވެސް އެމްއެންޔޫގެ ދަރިވަރުންނާ ލެކްޗާރުންނަށް އަދި ސްޓާފުންނަށް ހުޅުވައިލެވިގެން ދާނެ،" ޝަމީމް ވިދާޅުވި އެވެ.

މިއަދު ރަސްމިއްޔާތުގައި މީޑިއާ އަށް މައުލޫމާތު ދެމުން ޑރ. އަލީ ފަވާޒް ވިދާޅުވީ އެމްއެންޔޫއިން ކުރިއަށް ގެންދާ އެކިއެކި ޓްރެއިނިންތަކަށް އެއްބާރުލުން ދިނުމަށް މިހާރު ވެސް ސަރުކާރުގެ އެކިއެކި މުވައްސަސާތަކާއެކު އެ ޔުނިވާސިޓީއިން އެއްބަސްވުންތައް ގާއިމުކޮށްފައިވާނެ ކަމަށެވެ.

އެގޮތުން މޯލްޑިވްސް ޕޮލިސް، އިމްގްރޭޝަން އިތުރުން 3000 ނަރުހުން ތަމްރީން ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއާއެކު ހަދާފައިވާ އެއްބަސްވުމާއި އަދި 3000 ނަރުހުން ތަމްރީން ކުރުމަށް ހެލްތު މިނިސްޓްރީ އާ އެކު ހަދައިފައިވާ އެއްބަސްވުން ހިމެނޭ ކަމަށް ފަވާޒް ވިދާޅުވި އެވެ. އަދި މިއަދުގެ އެއްބަސްވުމުގެ މަގްސަދަކީ ސީއެސްސީއާއެކު ގުޅުން ބަދަހިކޮށް އަދި އެކުގައި މަސައްކަތް ކުރުން ކަމަށް ވެސް ފަވާޒް ވިދާޅުވި އެވެ.