28 Sep 2017, 12:30
ރެއާލް މެޑްރިޑް ދޫކޮށްލަން ބޭނުން ވެޔޭ ދުވަހަކު ވެސް ބުނެފައި ނުވާނެ ކަމަށް އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
ޓެކްސް ނުދެއްކުމުގެ މައްސަލަތަކަކާ ގުޅިގެން ރޮނާލްޑް ރެއާލް ދޫކޮށްލާނެ ކަމުގެ ހަބަރުތަކެއް މިދިޔަ ޖުލައި މަހުގެ ތެރޭގައި ދެކެވިފައިވާ އިރު، ރޮނާލްޑޯ ބުނީ އޭނާގެ އަނގައިން އެކަހަލަ ވާހަކައެއް އެއްވެސް އިރެއްގައި ބުނެފައި ނުވާނެ ކަމަށެވެ.
ޖޫން މަހުގެ ތެރޭގައި ރޮނާލްޑޯގެ މައްޗަށް 14.7 މިލިއަން ޔޫރޯގެ ޓެކްސް އަށް ހިޔާނާތްވި ކަމުގެ ތުހުމަތު ކޮށްފައިވާ އިރު، ރޮނާލްޑޯ ރެއާލް ދޫކޮށް ކުރީގެ ކްލަބް މެންޗެސްޓަ ޔުނައިޓެޑަށް ނޫނީ ޗައިނާގެ ސުޕަ ލީގަށް ދާން އޭނާ ނިންމާފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފަ އެވެ.
ކޯޓުގެ އަޑުއެހުމެއްގެ ތެރެއިން ދެއްކި ވީޑިއޯއެއްގައި ފެންނަ ގޮތުން ރޮނާލްޑޯ ވަނީ އެނބުރި އިނގިރޭސިވިލާތަށް ދާން ބޭނުންވާ ކަމަށް ބުނެފަ އެވެ. ނަމަވެސް އަންގާރަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގައި ޑޯޓްމަންޑު ކޮޅަށް ދެ ލަނޑު ޖެހުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ އެ ވާހަކަތަކަކީ ދޮގެއް ކަމަށާއި އެއީ އޭނާގެ މަޝްހޫރު ކަމުން ފެތުރުނު ވާހަކަތަކެއް ކަމަށެވެ.
"އަހަރެންގެ އަނގައިންނެއް އަޑެއް ނީވޭނެ އެކަހަލަ ވާހަކައެއް. މީޙުން އަހަރެންނޭ ކިޔައިން މުޅި ދުނިޔޭގައި ކޮންމެ ދުވަހަކު އެތައް ވާހަކަތަކެއް ދައްކާ. އެއިން ކޮންމެ މީހަކަށް ޖަވާބުދޭން ވެއްޖެ ނަމަ އަހަރެން ވާނީ ފުޓުބޯޅަ ކުޅުންތެރިޔަކަށް ނޫން. މީޑިއާ މީހަކަށް ވާނީ. މޮޅު މީހުންގެ ވާހަކަ އެންމެން ވެސް ދައްކާނެ." ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ ވަނީ ޓެކްސް އަށް ހިޔާނާތްވި ކަމަށް އިންކާރު ކޮށްފަ އެވެ. ނަމަވެސް އޭނާގެ މައްޗަށް އެ މައްސަލަ ސާބިތު ވެއްޖެ ނަމަ، ގާތްގަނޑަކަށް 40 މިލިއަން ޔޫރޯގެ ޖޫރިމަނާއެއް ދައްކަން ޖެހޭނެ އެވެ. ނޫނީ ޖަލަށް ވެސް ދާން ޖެހިދާނެ އެވެ.
ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ ރޮނާލްޑޯ އަށް މިހާލަތުން އަރައިގަތުމަށް އެހީވުމަށް އޭނާގެ މުސާރަ ބޮޑު ކޮށްދޭނެ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފަ އެވެ.