ތިމާވެއްޓާ ރަހުމަތް ތެރި ގޮތަކަށް ހަކަތަ އުފެއްދުމަކީ މިހާރު ދުނިޔޭގެ ގިނަ ސައިންވެރިންތަކެއް އެންމެ އަވަދި ނެތި ކުރަމުންދާ އެއް މަސައްކަތެވެ. ވީހާވެސް ފަސޭހަ ގޮތަކަށް އިއާދަކުރަނިވި ހަކަތަ އުފެއްދުމަކީ އެމީހުންގެ އުއްމީދެވެ.

އިއާދަކުރަނިވި ހަކަތައިގެ ގޮތުގައި އެންމެ ގިނަ ބަޔަކަށް ބޭނުންކުރެވޭނެ އެއް ވަސީލަތަކީ އިރުގެ އަވި ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އެހެންވެ އިރުގެ އަވިން ހަކަތަ އުފެއްދުމަށް މިހާރު ބޭނުންކުރަމުންދާ ބަރު، ސޯލާ ޕެނަލްތަކަށް ވުރެ ލުއި ގޮތެއް އެކަމަށް އޮތްތޯ ބައެއް ސައިންސްވެރިން ވަނީ އެތަކެއް ދުވަސް ކުރިން މަސައްކަތް ފަށާފަ އެވެ.

އެމެރިކާގެ މެޝަސުސެޓް އިންސްޓްޓިއުޓް އޮފް ޓެކްނޮލޮޖީ )އެމްއައިޓީ( ގެ ސައިންސްވެރިން އުފެއްދި ކަރުދާސް ސޯލާ ޕެނަލް އަކީ އެމަސައްކަތުގެ މޭވާ ފޮނި މޭވާއެވެ.

ކުދިކުދި މައުލޫމާތު ނޯޓްކޮށްލުމަށް އަހަރެމެން ގެންގުޅޭ ކުޑަކަރުދާސްކޮޅަކާ މާބޮޑު ތަފާތެއް ނެތް ކަރުދާސްކޮޅެއް އަތްވަށް ދިއްކޮށްގެން ކަރަންޓް ނެގޭނެ ގޮތެއް ސައިންސްވެރިން މިހާރު ހޯދާފައިވާކަމަށް އެމްއައިޓީގެ ސައިންސްވެރިންނާ ހަވާލާދީ އެމެރިކާގެ ލޮސްއެންޖަލިސް ޓައިމްސްގައި ވެއެވެ.
ލޮސްއެންޖަލިސް ޓައިމްސް ބުނިގޮތުގައި މިހާރު އުފައްދާފައިވާ ކުޑަކުޑަ ކަރުދާސް ސޯލާ ޕެނަލްއިން އެލްސީޑީ ގަޑިއެއްގެ ޑިސްޕްލޭއަކަށް ނުވަތަ އެނޫންވެސް މަދުން ކަރަންޓް ބޭނުންވާ އެއްޗަކަށް ބޭނުންވާ ވަރަށް ކަރަންޓް އުފެއްދެއެވެ.

އެމްއައިޓީގެ ސައިންސްވެރިން ވިދާޅުވާ ގޮތުގައި މި އާ ހޯދުމުގެ ސަބަބުން އަގު ބޮޑު ، ބޮޑެތި އިންސްޓޮލޭޝަންތަކާ ދުރަށް އިއާދަކުރަނިވި ހަކަތައިގެ އިންޑަސްޓްރީ ދާނެ އެވެ.

އެމްއައިޓީގެ ސައިންސްވެރިން އުފައްދާފައިވާ ކަރުދާސް ސޯލާ ޕެނަލް އުފައްދާފައި ހަމަ އާދައިގެ ކަރުދާހުގައި ކަމަށާއި ވިހަގަދަ، އަގުބޮޑު މާއްދާތަކުގެ ބަދަލުގައި އޭގައި ބޭނުންކޮށްފައި ވަނީ ދެއްޔެއް ކަމަށް ލޮސް އެންޖަލިސް ޓައިމްސްގައި ވެއެވެ.

ކަރުދާސް ސޯލާޕެނަލް ވެގެންދާނީ އިރުގެ އަވިން ކަރަންޓް އުފެއްދުމަށް މިހާރު ބޭނުންކުރާ ތަކެއްޗަށް ވުރެ އަގު ހެޔޮ އަދި ބޭނުން ކޮށްލަން ފެސޭހަ އުފެއްދުމަކަށެވެ. ކަރުދާސް ސޯލާ ޕެނަލް ފާރެއްގައި ތަތްކޮށްލާފައި ބެހެއްޓިދާނެއެވެ. އަދި ލެޕްޓޮޕެއްގައި ތަތްކޮށްފައި ބެހެއްޓުމާއި ނުވަތަ ކުޑަދޮރު އަވިން ނިވާކުރާ "ވިންޑޯޝޭޑެ"އްގެ ގޮތުގައި ވެސް އެއުފެއްދުން ބޭނުންކުރެވިދާނެ ކަމަށް ވެސް އެމްއައިޓީގެ ސައިންސްވެރިން ވިދާޅުވެއެވެ.
ކަރުދާސް ސޯލާ ސެލްސް. ތެމި ހަލާކުވިޔަ ނުދިނުމަށްޓަކައި ލެމިނޭޓްކުރިއަސް އޭގެ އުފެއްދުންތެރިކަމަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ.

ކަރުދާސް ސޯލާ ސެލްސް މިހާރު ބާޒާރަށް އައުމުގެ މަގުމަތީގައި އުޅޭއިރު އެއުފެއްދުން އިތުރަށް ތަރައްގީ ކުރުމަށް އަދި ދުވަސްކޮޅެއް ހޭދަވާނެ ކަމަށް އެމްއައިޓީން ބުނެއެވެ.