28 Sep 2017, 10:22
ސިޔާސީ ގޮތުން ގާ އުކައިގެން ތަޅާފޮޅައި އުޅުން ޒަމާން ބަދަލުވެއްޖެ ކަމަށާއި، އެކަން ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު(ރީކޯ) ވިދާޅުވެއްޖެ އެވެ.
ރޭ ރުމާލު 2 ޖަގަހާގައި ވާހަކަފުޅު ދައްކަވަމުން ރީކޯ ވިދާޅުވީ، ސިޔާސީ ގޮތުން ޚިޔާލު ތަފާތުވުމަކީ އެކަކު އަނެކަކު ބަނޑިޔާ ބޮލަށްލައިގެން ފެން އުކަން ޖެހޭ ކަމެއް ނޫން ކަމަށާއި، އެއީ މާ ކުރީގެ ކަމެއް ކަމަށެވެ.
އެ ސަގާފަތް އަލުން ގެންނަން ބޭނުންފުޅު ނުވާކަމަށް ވިދާޅުވެ ރީކޯ ވިދާޅުވީ، ދިވެހިން މިހާރު ތިބީ މާ ބޮޑަށް ތަރައްގީވެ ކުރިއަރާފައި ކަމަށެވެ.
"އަޅުގަނޑުމެންނަކީ އެއް ބަނޑު އެއްބަފާ ބައެއް. ސިޔާސީ ގޮތުން ޚިޔާލު ތަފާތު ވުމަކީ، އަރުވާޖަހާފައި އެކަކު އަނެކަކު ބަނޑިޔާ ބޮލަށްލައިގެން ގޮސް ފެން އުކަން ޖެހޭ ކަމެއް ނޫން. މިއަދު އެ ދުވަސް ހިނގައްޖެ. އެއަށް ވުރެ ދިވެހިން މިއަދު މިތިބީ މާ ބޮޑަށް ތަރައްގީ ވެފައި. މާ ބޮޑަށް ކުރިއަރާފައި. އެމީހުނަށް (އިދިކޮޅި ފަރާތްތައް) އަދި ކުރި ނޭރިގެން އުޅެނީ އެކަމަކު އަޅުގަނޑުމެން މިތިބީ ވަރަށް ކުރީގައި." ރީކޯ ވިދާޅުވި އެވެ.
ރީކޯގެ ވާހަކަފުޅުގައި، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާތީ އިދިކޮޅު ފަރާތްތަކުން ވެސް ކަންބޮޑުވެގެން ނޫޅޭ ކަމަށް ވިދާޅުވި އެވެ. އަދި އިދިކޮޅު ފަރާތްތަކުން "ބްރިޖް ނޭޅޭނެޔޭ" ކިޔަނީ ޖެއްސުމަށް ކަމަށާއި، އެހެން ކިޔަނީ މަޝްރޫއުތައް އަވަސް ކުރަން ކަމުގައި ވިދާޅުވި އެވެ.
ޕީޕީއެމް އިން ރުމާލު 2 ޖަގަހައިގައި ބޭއްވި ޖަލްސާގެ ތެރެއިން ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ރީކޯ ވަނީ، މަޖިލީހުގެ ރައީސް އިންނަވާ މޭޒު އުސްކުރަން އުޅޭ ކަމުގެ ވާހަކަތައް ދޮގުކުރައްވައިފަ އެވެ.
"އިހަށް ރެޔަކު ކޮންމެވެސް ބޭފުޅަކު ވިދާޅުވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަރަށް އުހަށް ގެންދާ ވާހަކަ. އެއީ ވަރަށް ބޮޑު ދޮގެއް،" ރީކޯ ވިދާޅުވި އެވެ.
ސަމާސާ ކުރައްވައި ރީކޯ ވިދާޅުވީ، ތައްޔާރުވަމުން ދަނީ މަޖިލީހުގެ ރައީސް އުހަށް ގެންދިއުމުގެ ބަދަލުގައި ބަޓަނަކަށް ފިތާލުމުން ތިރިއަށް ދާ ގޮތަށް ހަދަން ކަމެވެ.
"މިހާރު ތައްޔާރުވަމުން މި ދަނީ، އެމީހުން ކައިރިއަށް ރުޅިއައިސް އަރައިގަތީމާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަޑިއަށް ގެންދާ ގޮތަށް. ބަޓަނަކަށް ޖައްސާލީމަ ރައްޔިތުންގެ މަޖިލީސް ރައީސް ދާނީ ތިރިއަށް،" ރީކޯ ވިދާޅުވި އެވެ.
ރީކޯ ވިދާޅުވީ، މަޖިލިސް އިމާރާތް އެކި ގޮތްގޮތަށް ބަދަލު ކުރުން ނުވަތަ މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަން ކުރިއަށް ދާނެ ކަމަށެވެ. އަދި މަޖިލީހުގެ ރައީސް ކޮންމެ ހާލެއްގައި އިންނަވައިގެން ވެސް މަޖިލީސް ކޮންޓްރޯލްކޮށް ރައީސް ޔާމީން ރާއްޖެއަށް ގެންނަން ބޭނުންފުޅުވާ ތަރައްގީ ގެނައުމަށް ބިލްތައް ފާސްކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އެ ޖަލްސާގައި ރައީސް ޔާމީންގެ ދެ ކަނބަލުންގެ އިތުރުން ބައެއް މިނިސްޓަރުންނާއި ސަރުކާރު ކޯލިޝަންގެ މަޖިލިސް މެމްބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.