30 Jul 2011, 08:33
ސަރުކާރުން ވަނީ މީހުން ބިނާކުރާނެ ބޮޑު މަޝްރޫއެއް އިއުލާން ކޮށްފަ އެވެ. އެއްބަޔަކު އެއީ އުފާވެރި ހަބަރަކަށް ބަލަ އެވެ. އަނެއް ބަޔަކު ދެކެނީ އެއީ "ސިޔާސީ ގޭހެއް" ކައްކައިލުން ކަމަށެވެ.
"ސްކިލްޑް" ދިވެހިން ތަމްރީނުކުރުމަށް 360 މިލިއަން ރުފިޔާގެ ގައުމީ މަޝްރޫއެއް މިނިވަން ދުވަހު ރައީސް އިއުލާން ކޮށްދެއްވައި ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ހުނަރުވެރިކަމުގެ ފުރިހަމަ ތަމްރީނާއެކު ވަޒީފާގެ ބާޒާރަށް 500،8 ފައްކާ ދިވެހިން ކުރުން ކަމަށެވެ. ހިއުމަން ރިސޯސަސް މިނިސްޓަރު ހަސަން ލަތީފު، ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން މޭމަހު ބޭއްވި ރަސްމިއްޔާތެއްގައި ވިދާޅުވި ގޮތުގައި ރާއްޖޭގެ ވަޒީފާގެ ބާޒާރު މިހާރު އޮތީ ދެކެން ބޭނުންވާ ހާލަތެއްގައެއް ނޫނެވެ. އެހެން ކަމުން ދިވެހިން ބިނާކުރަން ސަރުކަރުން އެކުލަވައިލި ބޮޑު މަޝްރޫއު ވެގެންދާނީ ރާއްޖޭގެ ވަޒީފާގެ ބާޒާރު "ފުރޮޅައިލުމެއް"ގެ ތެރެއަށް ގެންދާނެ މަޝްރޫއަކަށެވެ. އެކަން އެއީ ސިޔާސީ ކަމެއްގެ ގޮތުގައި ބަލަން ޖެހޭނެ ސަބަބެއް ނެތެވެ.
ތަފާސް ހިސާބު ކިޔައިދޭ ގޮތުން ރާއްޖޭގައި މިހާރު 94831 ބިދޭސީން ވަޒީފާ އަދާކުރެ އެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ބައިލައްކަ ފަހަނަޅައި މައްޗަށްގޮސްފައިވާ ކަމަށް ލަފާ ކުރެވެ އެވެ. ބިދޭސީންގެ ވާހަކައާއެކު އުފެދެނީ ދިވެހިންގެ ވަޒީފާއާ ގުޅޭ އެތައް ސުވާލުތަކާއި ބިދޭސީން މަދުކުރުމުގެ އެތައް ސުވާލަކާއި ވަޒީފާގެ ބާޒާރުގައި ދިވެހިން އަރާނެ ގޮޅިއެއް ނެތުމުގެ އެތައް ސުވާލެކެވެ. ސަރުކާރުގެ ބިޔަ މަޝްރޫއުން އެކަންކަމަށް މަގެއް ކޮށޭނެ ހެއްޔެވެ؟
ބައެއް މީހުން، އަދި ސިޔާސީ ގޮތުން ކަންކަން ފުރޮޅާ މީހުން، ސަރުކާރުގެ މި މަޝްރޫއަކީ 2013 އަށް ސަރުކާރު ޖަހާ "މަޅިފައްޗެއް" ކަމަށް ބުނި ކަމުގައި ވިޔަސް އެއީ އަދި މުޅިން އެހެން ކަމެއް ކަމަށް ބަލާފައި ހައްލެއް، ނޫނީ މިންވަރެއްގެ ލުޔެއް ލިބޭނެ ކަމަށް ބަލާމާ ހިނގާށެވެ. ރައީސް ވިދާޅުވާހެން ކަމެއް ހާސިލު ކުރުމަށްޓަކައި އެތައް ކަމެއް ކުރަން ޖެހެ އެވެ.
ރައީސް އޮފީހުގެ ވެބްސައިޓް ބުނާ ގޮތުން ސަރުކާރުގެ ބިޔަ މަޝްރޫޢު ވިލަރެސް ކޮށްފައި ވަނީ ހަތަރު ބަޔަކަށެވެ. އެކެއް، ތަމްރީނުތަކާ ގުޅޭ ބައެވެ. އެ ބައިގެ ދަށުން ތަމްރީނުތައް ގެންދާނެ އޮނިގަނޑެއް ތައްޔާރުކޮށް ތަމްރީނު ދޭ ފަރާތްތަކުގެ ގާބިލްކަން އިތުރުކުރާނެ އެވެ. ދެ ވަނަ ބަޔަކީ ތަމްރީނުތަކާއި ވަޒީފާގެ ފުރުސަތުތަކުގެ އެވެއާނަސް އެވެ. އެ ބައިގެ ދަށުން ސްކޫލް ނިންމާ ދަރިވަރުންނާއި މިހާރު ހުހަށް ތިބި ޒުވާނުންނާއި ބެލެނިވެރިންނަށް ތަމްރީނު ޕްރޮގްރާމްތަކާއި އަދި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ ގޮތުން މައުލޫމާތު އޮއްސާނެ އެވެ. ތިން ވަނަ ބަޔަކީ، މަސައްކަތެއް ނެތް ފަރާތްތަކަށް ވަޒީފާ ހޯދައިދޭން އެހީވުމެވެ. ފަހު ބަޔަކީ ވަޒީފާއާ ބެހޭ ގާނޫނު ތަންފީޒުކުރުމަށް ބޭނުންވާ ގާބިލްކަން އިތުރުކުރުމެވެ.
މަސައްކަތްތެރި، މަސައްކަތުގެ އަހުލާގު ހުރި ޖީލެއް އުފެއްދުމުގައި ރައީސް ވިދާޅުވާހެން "އަބަދު ވަރުބަލިވާން" ޖެހޭނަމަ އެއީ މައްސަލައެކެވެ. މަސައްކަތްތެރި އުމުރުފުރާގެ 250000 އަށް ވުރެ ގިނަ ދިވެހިން ތިބެފައި މަސައްކަތްތެރި އުމުރުފުރާގެ ޒުވާނުންގެ ތެރެއިން ވަޒީފާއެއް ނުވަތަ އާމްދަނީއެއް ލިބޭ މަސައްކަތެއް ނެތް ދިވެހިންގެ ނިސްބަތް ސަތޭކައަކުން 27 އަށް އެރުމަކީ ނުރައްކާތެރި ކަމުގެ އާދައިގެ އިންޑިކޭޝަނެކޭ ނުކިޔޭނެ އެވެ.
ރާއްޖޭގެ 600،1 ކުންފުންޏަކުންނާއި، 2000 އަމިއްލަ ފަރުދުން، ހަތްދިހަ އެތައް ހާސް ބިދޭސީންނަށް މުސާރަ އާއި ހަރަދުބަރަދު ދީގެން ގެންގުޅޭއިރު ވޭތުވެދިޔަ 10 އަހަރު ތެރޭ ބިދޭސީ މަސައްކަތްތެރިންނަށް ދިވެހިން ވަޒީފާ ދޭ ނިސްބަތް ތިން ގުނަ ބޮޑުވުމަކީ އެ ދަރަޖަ މައްޗަށް ދިއުމެވެ. ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ސްކޫލް ނިންމި 60000 ދަރިވަރުންގެ ތެރެއިން، މަތީ ތައުލީމާއި ފަންނީ ތަމްރީނު ހޯދުމުގައި 12000 ދަރިވަރުން ސާމިލުވުމަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އަވަހަށް ބޮޑު ބަދަލެއް ގެންނަން ޖެހޭކަން ދައްކައިދޭ ހިސާބެކެވެ. އިގްތިސޯދީ ބަދަލަކަށް ރާއްޖެ ދާން ހިފާއިރު ވަޒީފާގެ ބާޒާރަށް ދިމާވެފައިވާ މައްސަލައިގެ ގްރާފެއް މި ހިސާބުތަކުން ކުރަހައިދެ އެވެ.
ސަރުކާރުން އެކުލަވައިލި ފަދަ މަޝްރޫއެއް ބޭނުންވާ ސަބަބަކީ އެއީ އެވެ. މި މަޝްރޫއުގެ އަދަދަށް ނުބަލައި ކޮންމެ ދާއިރާއަކުން މަދުވެގެން ވަޒީފާއެއް އުފައްދައިދުނުން ކަމަށް ބެލިޔަސް މިހާރު އޮތް ބުރައަށް ލުއިކަމެއް އަންނާނެ އެވެ.
ރާއްޖޭގެ ވެށީގައި ކުށުގެ ބާވާތްތައް ބަދަލުވެ ކުށަށް އަރައިގަތުން އިތުރުވެ ގޭންގް މާރާމާރީގެ ނުރައްކަލުގެ ވެއްޓެއް އުފެދި ފޯމްވަމުން ދާއިރު ޒުވާނުން އެ ކުށްތަކަށް އަރައިގަތުމުގެ ދޮރުތައް ބަންދުކުރަން ވިޔަސް ބޭނުން ކުރެވޭނެ މުހިންމު ހަތިޔާރަކަށް ވާނީ ވަޒީފާ އުފައްދައި ދިނުމެވެ. "ސްކިލްޑް" މީހުން ބާޒާރަށް ނެރެ މަސައްކަތާއި އާމްދަނީގެ ތެރޭގައި "ބިޒީ" ކޮށްލުމެވެ.
ރައީސް ވިދާޅުވިޔަސް ނުވިޔަސް، ނޫކަށި ފުރައިގެ ޒުވާނާ އަކީ އާއިލާ އަށް ކުރިމަތިވެފައިވާ ބުރައަކަށްވާން އެދޭނެ އެއްވެސް މަޔަކު ބަފަޔަކު ނުހުންނާނެ އެވެ. އެހެންނަމަވެސް ދިވެހިންނަށް ވަނީ އެބުރައާއެކު ދިރިއުޅެން ޖެހިފަ އެވެ.
ނަމަވެސް ސަރުކާރުގެ ބޮޑު މަޝްރޫއާ މެދު މީހުން އިނގިލި ދިއްކުރާ ގޮތަށް ސިޔާސީ "މަކަރުވެރިކަމަކަށް" ނުހަދައި އިމާރާތްކުރާއި ވެލްޑިން ކުރުމާއި މޭސަނުންނާއި އިލެކްޓްރީޝަނުންނާއި އެ ނޫން ވެސް ކެވެލިޖެހޭ ދާއިރާތަކުން، 977،6 ދިވެހިން ތަމްރީނުވެގެން މަސައްކަތުގެ މައިދާނަށް ނުކުތުން ވާނީ މިހާރު ދިވެހިން އުފުލަން ޖެހިފައިވާ ބުރައިން ބޮޑު ބައެއް ކެނޑިގެން ދިއުމަށެވެ.
ޓޫރިޒަމް ދާއިރާ އަށް 800،3 ދިވެހިން ދަތުރުފަތުރުކުރުމުގެ ދާއިރާ އަށް 700 ދިވެހިން، ނަރުހުންނާއި ފާމަސިސްޓުން އަދި ފަހާ މީހުންނާއި ކުޅިވަރު އިންސްޓްރަކްޓަރުން ފަދަ އިޖްތިމާއީ ދާއިރާތަކުން 450 މީހުން ތަމްރީނުކޮށް މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ އިން 860 ދިވެހިން އަދި އެކައުންޓްސް ދާއިރާ ފަދަ އެހެނިހެން މަސައްކަތްތަކަށް 400 ދިވެހިން ނެރެވިއްޖެ ނަމަ އެކަން ވެގެންދާނީ ނާތީޖާ ނެރެވޭ ބަދަލަކަށެވެ.
މިވަގުތު އޮތީ ވަޒީފާއަށް ދިވެހިން ހޯދާއިރު ދިވެހިން ނުލިބުމުގެ ވާހަކަ ދެއްކުމެވެ. ވަޒީފާގެ ހުރިހާ ގޮޅިއެއް ބިދޭސިން ފުރަމުންދިއުމުގެ ޝަކުވާ ކުރުމެވެ. ނަމަވެސް ވަޒީފާގެ މައްސަލައަކީ ގައުމީ ފެންވަރެއްގައި ސަމާލުކަން ދޭ މައްސަލައެއްކަން ރަނގަޅު ނިޔަތުގައި ވެސް ނުބައި ނިޔަތުގައި ވެސް މީހުންނަށް އިހުސާސްވާކަން އެއީ އެއީ މިވަގުތަށް ބޮޑުވަރެކެވެ.