ވޮޝިންޓަން(ސެޕްޓެމްބަރު 28): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން، ޖެރަޑް ކުޝްނާ ފާއިތުވި އަށް އަހަރު ވޯޓު ލާން ރެޖިސްޓާކޮށްފައިވަނީ އަންހެނެއްގެ ގޮތުގައިކަން ހާމަވެއްޖެ އެވެ.

އެމެރިކާގެ ނޫހަކުން އާއްމުކޮށްފައިވާ ނިއު ޔޯކް ސްޓޭޓް ބޯޑް އޮފް އިލެކްޝަންސްގެ ރިކޯޑުތަކުން ދައްކާ ގޮތުގައި ކުޝްނާ ވޯޓުލާން ފުރަތަމަ ރެޖިސްޓާ ކުރީ 2009ގައި އެވެ. އަދި އެރިކޯޑުތަކުގައި އޭނާ ލިސްޓުކޮށްފައި ވަނީ އަންހެނެއްގެ ގޮތުގައެވެ.

އެރިޕޯޓާ ގުޅިގެން ކުޝްނާ ވަކި އެއްޗެކޭ ވިދާޅުވެފައި ނުވުމުން އެއީ ކިހިނެއް އެރި އޮޅުމެއް ކަން އަދި އެނގިފައި ނުވެ އެވެ. ނަމަވެސް އެއީ ވޯޓު އޮޅުވާލުމުގެ ގޮތުގައި ނުބެލެވޭނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.

މިދިޔަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިހާބުގައި އިލެކްޓޯރަލް ކޮލެޖް މެދުވެރިކޮށް ޓްރަމްޕަށް އިންތިހާބު ކާމިޔާބު ކުރެވުނު ނަމަވެސް، އޭނާއަށް ވުރެ އިތުރަށް ހިލަރީ ކްލިންޓަންއަށް 2.86 މިލިއަން ވޯޓު ލިބުނެވެ. އެހެންކަމުން ރައީސް ޓްރަމްޕް ވަނީ އެއިންތިހާބުގައި އެތައް މިލިއަން މީހުން ގަވާއިދާ ހިލާފަށް ވޯޓުލި ކަމަށް ތުހުމަތުކޮށްފައެވެ.

އަދި އެއިންތިހާބުގައި ވޯޓު އޮޅުވާލި މައްސަލަ ތަހުގީގު ކުރުމަށްޓަކައި ހާއްސަ ކޮމިޝަނެއް އުފައްދަވާފައެވެ. ނަމަވެސް 20 ސްޓޭޓަކުން ވަނީ އެކޮމިޝަނަށް އެއްބާރުލުންދީ، އެ ސްޓޭޓުތަކުގައި ވޯޓުލާން ރެޖިސްޓާކޮށްފައިވާ މީހުންގެ މައުލޫމާތު ހިއްސާ ކުރަން ދެކޮޅު ހަދާފައެވެ.

މީގެ އިތުރުން، ހިލަރީ ކްލިންޓަން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓުގެ މަގާމުގައި ހުންނެވި އިރު ޕްރައިވެޓް އީމެއިލް ސާވާއެއް ބޭނުން ކުރެއްވި މައްސަލައަށް ޓްރަމްޕް އިންތިހާއަށް ފާޑު ވިދާޅުވެފައި ވަނިކޮށް، ކުޝްނާގެ މައްޗަށްވެސް އެފަދަ ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ. އެގޮތުން ކުޝްނާގެ ވަކީލު ވަނީ ވައިޓް ހައުސްގެ ރަސްމީ ބޭނުންތަކަށް ކުޝްނާ ޕްރައިވެޓް އީމެއިލް އެކައުންޓް ބޭނުން ކުރެއްވި ކަމަށް ހޯމަ ދުވަހު ވިދާޅުވެފައެވެ. (ބީބީސީ)