28 Sep 2017, 09:56
އަމީތާބު ބައްޗަން މިހާރު ކުޅެމުން އަންނަ ފިލްމް "ތަގްސް އޮފް ހިންދުސްތާން"ގައި ހުންނަ ސިފަ ވަރަށް ތަފާތު ކަމަށް ބޭރުގެ ހަބަރުތައް ބުނެފި އެވެ.
ކުޅަދާނަ ބަތަލު އާމިރް ހާންގެ ސިފަ ވެސް ވަނީ ބެލުންތެރިންނަށް އެނގިފަ އެވެ. ގާތްގަނޑަކަށް ފިލްމުގައި ހަރަކާތްތެރިވާ މުހިއްމު ބަތަލުންތަކުގެ ސިފަތައް ވަނީ ފިލްމު ދެއްކުމުގެ ކުރިން ލީކުވެފަ އެވެ.
ފިލްމުގެ ޝޫޓިން ކުރިއަށް ދަނިކޮށް ނަގާފައިވާ އެ ފޮޓޯގައި އަމީތާބު ފެންނަނީ ވަރަށް ވަރުގަދަ މީހެއްގެ ޝަހްސިއްޔަތެއްގަ އެވެ. ތުނބުޅި މަތިމަސް ދިގުކޮށްފައި ހުރި އިރު ބޮލުގައި ވަރަށް ވަރުގަދަ ފޮށާގަނޑެއް ކަހަލަ އެއްޗެއް އޮޅާފައި އޮވެ އެވެ. ދާދި ފަހުން އާމިރުގެ ސިފަ ހުންނަ ގޮތް ލީކުވުމުން އާމިރު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
އެ ފިލްމަކީ އާމިރު އަދި އަމީތާބްގެ ފެނިލުން އެއްފަހަރާ ފެންނަ އެންމެ ފުރަތަމަ ފަހަރު ވެސްމެ އެވެ. އެ އަކީ ވިކްޓާ (ވިޖޭ ކްރިޝްނާ އަޗާރިޔާ) ޑައިރެކްޓްކޮށް ޔާޝް ރާޖް ފިލްމްސް އިން ޕްރޮޑިއުސްކުރާ ފިލްމެކެވެ.
އެ ދެ ތަރިންގެ އިތުރަށް ފިލްމުގައި ހަރަކާތްތެރިވާނެ ބަތަލާއިންނަކީ ފާތިމާ ސަނާ ޝޭޚް އާއި ކެޓުރީނާ ކައިފެވެ.
އެ ފިލްމަކީ އިންޑިއާ އިން ފުރަތަމަ ފަހަރަށް އުފައްދާ ޕައިރޭޓް ވާހަކައެއްގެ މައްޗަށް އެކުލެވިގެންވާ އެކްޝަން ފިލްމެވެ. އެއާ އެކު ޔާޝްރާޖުން މިހާތަނަށް އުފައްދާ އެންމެ ބޮޑު ފިލްމު ވެސް މެއެވެ. "ތަގްސް އޮފް ހިންދުސްތާން" ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ ހަރުގެ އޮކްޓޯބަރު މަހުގަ އެވެ.