28 Sep 2017, 08:16
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކް އަތުން ފަސޭހަކަމާއެކު ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) މޮޅުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު 'ގްރޫޕް ބީ'ގެ މެޗުގައި ބަޔާންގެ މައްޗަށް ޕީއެސްޖީން ކުރި ހޯދާފައިވަނީ 3-0 ލަނޑުގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ ދެވަނަ މިނެޓުގައި ޕީއެސްޖީން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ނޭމާ ދިން ރީތި ބޯޅައަކުން ޕީއެސްޖީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބްރެޒިލް ޑިފެންޑަރު ޑެނީ އަލްވޭސްއެވެ. އޭނާއަށް ބޯޅަ ލިބުނުއިރު، ބަޔާންގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުރީ ވަރަށް ހުސްކޮށެވެ.
މެޗުގައި ބަޔާނުން ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ދަނިކޮށް، ޕީއެސްޖީން ވަނީ ލީޑު ފުޅާކޮށްފައެވެ. ކީލިއާން އެމްބާޕޭ ދިން ބޯޅައަކުން ޕީއެސްޖީގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އުރުގުއާއީ ފޯވަޑް އެޑިންސަން ކަވާނީއެވެ. އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ބަޔާން ގޯލުގެ މަތީ ކަނަށެވެ. މެޗުގެ ފުރަތަމަ ހާފް ނިމިގެންދިޔައީ 2-0 ލަނޑުގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއާއި ބަޔާން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޕީއެސްޖީ މޮޅުވީ 3-0 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ
ދެވަނަ ހާފުގައި ޕީއެސްޖީން ކާމިޔާބުކުރި ލަނޑު ފެނިގެންދިޔައީ މެޗުގެ 63 ވަނަ މިނެޓުގައެވެ. ޕީއެސްޖީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ޕީއެސްޖީއާ ގުޅުނު ބްރެޒިލް ތަރި ނޭމާއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އެމްބާޕޭ ފޮނުވާލި ހަމަލާއެއް ބްލޮކްވުމާއެކު ލިބުނު ބޯޅައިންނެވެ.
އެ ގްރޫޕްގައި ކުޅުނު އަނެއް މެޗުގައި އަންޑާލެހްޓް އަތުން ސެލްޓިކް ވަނީ ރަށުން ބޭރުގައި 3-0 ލަނޑުގެ ނަތީޖާއަކުން މޮޅުވެފައެވެ. ސެލްޓިކްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ލެއި ގްރިފިތުސްއާއި ޕެޓްރިކް ރޮބާޓްސް އަދި ސްކޮޓް ސިންކްލެއާއެވެ.
ޗެމްޕިއަންސް ލީގު 'ގްރޫޕް ޑީ'ގައި ސްޕޯޓިންއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުން ބާސެލޯނާ ވަނީ 1-0 ލަނޑުގެ ހަނި ތަފާތަކުން މޮޅުވެފައެވެ. އެ މެޗުގައި ބާސާއިން ކާމިޔާބުކުރި ލަނޑަކީ 49 ވަނަ މިނެޓުގައި ސްޕޯޓިންގެ ސަބެސްޓިއަން ކޯޓޭސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
އެ ގްރޫޕްގައި ކުޅުނު އަނެއް މެޗުގައި ޔުވެންޓަސްއިން ވަނީ އަމިއްލަ ދަނޑުގައި 2-0 ލަނޑުގެ ނަތީޖާއަކުން އޮލިމްޕިއާކޯސް ޕިރާއުސް އަތުން މޮޅުވެފައެވެ. އެ މެޗުގައި ޔުވެންޓަސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ގޮންޒާލޯ ހިގުއައިންއާއި މާރިއޯ މަންޒޫކިޗްއެވެ.
ރޭ ކުޅުނު 'ގްރޫޕް އޭ'ގެ މެޗުގައި މެންޗެސްޓާ ޔުނައިޓެޑް ވަނީ ރަށުން ބޭރުގައި 4-1 ލަނޑުގެ ނަތީޖާއަކުން ސީއެސްކޭއޭ މޮސްކޯ ބަލިކޮށްފައެވެ. އެ މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ރޮމެލޫ ލުކާކޫ ކާމިޔާބުކޮށްދިންއިރު، އެންތޮނީ މާޝިއަލްއާއި ހެންރިކް މިކިތާރިޔަން ވެސް ލަނޑެއް ކާމިޔާބުކޮށްދިނެވެ. ސީއެސްކޭއޭގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކޮންސްޓަންޓިން ކުޝަޔެވްއެވެ.