ބޭންކް އޮފް މޯލްޑިވްސްގެ ގދ. ތިނަދޫ ބުރާންޗްގެ މުވައްޒަފަކަށް ހެދިގެން ގޮސް އުމުރުން ދުވަސް މީހެއްގެ އަތުން 4000ރ. އޮޅުވާލައިގެން ގެންގޮސްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިރޭ ވިދާޅުވީ މިމަހުގެ 20 ވަނަ ދުވަހު އެކަން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ އާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

ތިނަދޫން ސަން އަށް މަޢުލޫމާތު ދިން މީހަކު ބުނީ އެރަށުގައި އެކަނި ގެއެއްގައި ދިރިއުޅޭ 65 އަހަރުން މައްޗަށް ގޮސްފައިވާ އެމީހާއަށް އޮޅުވާލައި ދިވެހި ބޭންކު މުވައްޒަފަކަށް ހެދިގެން ގޮސް ފައިސާ އަތުލާފައި ވަނީ މުސްކުޅިންނަށް ދޭ އިނާޔަތުގެ ގޮތުގައި މިދިޔަ ދެމަސް ދުވަހުގެ ތެރޭ އެމީހާއަށް ސަރުކާރުން ހަވާލު ކުރި އެލަވަންސްގެ ފައިސާ ކަމަށެވެ.

އުމުރުން ދުވަސްވީ މީހާއަށް އޮޅުވާލައިގެން 4000ރ. ގެންގޮސްފައި ވަނީ ޓައި އަޅާފައި ހުރި ޒުވާނަކު އެމީހާއާ ބައްދަލު ކުރުމަށްފަހު އެއީ ބޭންކުގެ މުވައްޒަފެއް ކަމަށް ބުނެ، ކަމަށް ވެސް ސަން އަށް ވަނީ އެނގިފަ އެވެ.

ތިނަދޫން މައުލޫމާތު ދިން މީހާ ބުނީ އޮޅުވާލައިގެން މުސްކުޅި މީހާ އަތުން ފައިސާ ގެންގޮސްފައިވާއިރު މީގެ ދެމަސް ކުރިން ވެސް އޭނާގެ އެލަވަންސް ފައިސާ ވަގަށް ގެންގޮސްފައިވާ ކަމަށެވެ. އެ ފަހަރު 18000ރ. ވަގަށް ގެންދިޔަ ކަމަށް ވެއެވެ.