20 May 2010, 10:11
14:30
ގުއަންޓަނާމޯ ބޭ ޖަލުން ދެ ގައިދީއަކު ރާއްޖެ ގެނައުމަށް ދިވެހި ސަރުކާރުން ނިންމުމާ ގުޅިގެން އެމެރިކާ ސަރުކާރުން އެކަމަށް މަރުހަބާ ކިޔައިފި އެވެ.
ގުއަންޓަނާމޯ ބޭ ބަންދުކުރުމަށް އެމެރިކާ ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ދެގައިދީއަކު ރާއްޖެގެނައުމަށް ދިވެހި ސަރުކާރުން ނިންމި ނިންމުމަކީ އެމެރިކާ ސަރުކާރުން ވަރަށް ބޮޑަށް މަރުހަބާ ކިޔާ ކަމެއް ކަމުގައި ސްރީލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީން ބުނާގޮތުގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުގެ ތަރުޖަމާން ފިލިޕް ކްރޯލީ ވަނީ ވިދާޅުވެފަ އެވެ. އަދި މިމަސައްކަތުގައި އެމެރިކާއަށް އެހީތެރިވާ ކޮންމެ ގައުމަކަށް އެމެރިކާ ސަރުކާރުން ވަރަށް ބޮޑަށް ޝުކުރުވެރިވާނެ ކަމަށް ވެސް ކްރޯލީ ވިދާޅުވި ކަމަށް އެ އެމްބަސީން ބުނެ އެވެ.
އެމެރިކާގެ ރައީސްކަމާ ހަވާލުވެވަޑައިގަންނަވަމުން ބަރަކް އޮބާމާ ވަނީ މިއަހަރުގެ ޖެނުއަރީމަހުގެ ކުރިން ގުއަންޓަނާމޯ ބޭ ހުސްކޮށް އެތަން ބަންދުކުރާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. ނަމަވެސް މިވައުދު ފުއްދެވޭ ގޮތް ނުވީ ޖަލުގައި ތިބި ހުރިހާ ގައިދީން އެމެރިކާ އަށް ގެނައުމަށް އެގައުމުގެ ކޮންގްރެސް އިން ދެކޮޅުހަދަމުން ދިޔުމުންގެ ސަބަބުންނެވެ. މިގޮތުން މިދިޔަ އަހަރުން ފެށިގެން ގުއަންޓަނާމޯ ބޭއިން 59 ގައިދީއަކު މިހާތަނަށް ތަފާތު 24 ގައުމަކަށް ބަދަލުކުރެވިފައިވާއިރު މީގެ ތެރެއިން 35 ގައިދީއަކު ބަދަލުކުރެވިފައިވަނީ ތިންވަނަ ދުނިޔޭގެ ގައުމުތަކަށެވެ.
ގުއަންޓަނާމޯ ބޭ ޖަލުގައި ތިބި ގައިދީންގެ ތެރެއިން ދެ މުސްލިމުން ރާއްޖެ ގެނައުމަށް ނިންމެވުމަށް ފަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ މުސްލިމް ދެމީހަކު ރާއްޖެ ގެނައުމުން އެކަމުގެ ސަބަބުން ރާއްޖެއަށް ލިބޭނެ އެއްވެސް ގެއްލުމެއް ނޯންނާނެ ކަމަށާއި އެދެމީހުންނަށް އެހީތެރިވުމަކީ އެކަމުގެ ސަބަބުން ރާއްޖެއަށް އިތުރު ފަޚުރަކާއި ޝަރަފެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.