27 Sep 2017, 20:30
ސްރީލަންކާގައި ހުރި އދ. ގެ ހިޔާވައްސެއްގައި ތިބި ރޮހިންގާގެ ރެފިއުޖީންގެ ބަޔަކަށް ލަންކާގެ ބުޑިސްޓުންގެ ގޭންގަކުން ހަމަލާދީފިއެވެ. ބުޑިސްޓުން ރޮހިންގާ މުސްލިމުންނަށް ހަމާލާދީފައި ވަނީ އެމީހުންނަކީ ޓެރެރިސްޓުން ކަމަށް ބުނެއެވެ. ބުޑިސްޓުން ވަނީ ރޮހިންގާ މުސްލިމުން ވަގުތުން ސްރީލަންކާއިން ބޭރު ކުރުމަށް ގޮވައިލައި އަޑުގަދަކޮށްފައެވެ.
އެ ހާދިސާއަށް ފަހު ރޮހިންގާ މުސްލިމުން ރާއްކާތެރި އެހެން ހިސާބަކަށް ގެންގޮސްފައިވާ ކަމަށް ލަންކާގެ ޕޮލިސް ސްޕޯކްސްޕާސަން ރުވާން ގުނަސޭކަރު ވިދާޅުވިއެވެ. ލާންކާގެ އާބާދީގެ ބޮޑު ބަޔަކީ ބުޑިސްޓުންނެވެ.
ރޮހިންގާ މުސްލިމުން ލަންކާއަށް ވަގަށް ވަނުމުން ހައްޔަރުކޮށްފައިވަނީ މިދިޔަ އޭޕްރީލްމަހު ކަމަށް ރުވާން ވިދާޅުވިއެވެ. އަދި އެ މީހުން އދ. ގެ ހިޔާވަހިތަކަށް ބަދަލުކޮށްފައި ވަނީ ލަންކާގެ ކޯޓުން ހުކުމްކުރުމުން ކަމަށް ވެސް ރުވާން ވިދާޅުވިއެވެ.
ސްރީލަންކާގެ ބުޑިސްޓުންގެ ހާމުދަރުންނާއި މިޔަންމާގެ ހަރުކަށީ ބުޑިސްޓުންނާ ވަރަށް ބޮޑަށް ގުޅުންތައް އޮވެއެވެ. މިޔަންމާ އެކޭ އެއްގޮތަށް ލަންކާގެ ހަރުކަށި ބުޑިސްޓުން މީގެ ކުރިން ވަނީ އެ ގައުމުގެ މުސްލިމުންނަށް ވެސް ވަރަށް ގިނައިން 2014 ވަނަ އަހަރު ހަމަލާދީ މުސްލިމުންގެ ބައެއް ތަންތަނުގައި ރޯކޮށް ހަދައިފައެވެ.