27 Sep 2017, 20:20
މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ މުހިންމު ބައިތަކެއް ހަދާތަން ބައްލަވާލެއްވުމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް މިއަދު ފުރާވަޑައިގެންފިއެވެ.
މިނިސްޓަރު މުއިއްޒު ޗައިނާއަށް ފުރާވަޑައިގަތީ މިރޭ އިރާކޮޅުގެ ވަގުތެއްގައެވެ. ޗައިނާއަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުއިއްޒު ވިދާޅުވީ އެ ދަތުރުފުޅަކީ ބްރިޖްގެ ސްޓީމް ބޮކްސްގައި އަޅާ ބީމްތަކެއް ޗައިނާ ފެކްޓްރީގައި ހަދާތަންް ބައްލަވައިލެއްވުމަށް ކުރައްވާ ދަތުފުޅެއް ކަމަށެވެ.
އޭނާ ވިދާޅުވީ ބްރިޖުގެ މަސައްކަތް ހިނގަމުންދާ ގޮތް އެ މިނިސްޓްރީން އަންނަނީ ވަރަށް ގާތުން ބަލަމުން ކަމަށެވެ.
"ބްރިޖްގައި ހިމެނޭ އެއްބައި ސްޓީލް ބޮކްސްގައި އަޅާ ބީމްތަކެއް. ބީމްތައް މިކޮޅުގަ ހެދުމުގެ ބަދަލުގައި ޗައިނާގައި ފެކްޓްރީގައި ހަދައިގެން ގެންނަނީ. ދެން އެހެންވީމަ އަޅުގަނޑު ދަތުރުގައި ގޮސް އެ މަސައްކަތް ފެކްޓްރީގައި ފެބްރިކޭޝަން މަސައްކަތްދާ ގޮތް ބަލައި އެކަމުގެ ތަފްސީލީ މައުލޫމާތު ހޯދައި، އިންޖިނިއާސްއާ ބައްދަލުކޮށް އެކަންތަށްދާ ގޮތް ބަލާލުމަށްޓަކައި މިދަނީ،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ބްރިޖުގައި މައި ހަތަރު ތަނބު އިންނައިރު، ކޮންމެ ދެ ތަނބެއްގެ ދެމެދުގައި ބީމެއް އިންނާނެ ކަމަށެވެ. ޗައިނާގެ ފެކްޓީން ހަދަނީ 50 މީޓަރުގެ ދެ ބީމާއި 22 މީޓަރުގެ ބީމެއް ކަމަށާއި އެތަކެތި ފެބްރިކޭޓްކޮށްގެން މާލެ ގެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ތާވަލްކުރެވިފައިވާ ގޮތުގައި މި ތިން ބީމު ވެސް ހަދާ ނިމި ރާއްޖެއަށް ގެނެވޭނެ ޑިސެމްބަރު މަސް ނިމުމުގެ ކުރިން،" މުއިއްޒު ވިދާޅުވި އެވެ.
ވަރަށް ހަލުވިމިނުގައި ޝެޑިއުލާ އެއްގޮތަށް ބްރިޖުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި ސްޓީމް ބީމު ގެންނަންވާއިރަށް ކޮންކްރީޓުން ކުރަންޖެހޭ މަސައްކަތްތައް ނިމޭނެ ކަމަށެވެ.
"އޮކްޓޯބަރު މަހުގެ 20 އަށް ކޮންކްރީޓުން ކުރަންޖެހޭ މަސައްކަތްތައް ނިމޭނެ،" މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ނޮވެމްބަރު މަސް ފެށޭއިރު، 150 މީޓަރުގެ ދިގު މިނުގެ ކޮންކްރީޓް ޑެގް ބްރިޖުގައި ހެދިގެންދާނެ ކަމަށެވެ.