27 Sep 2017, 20:53
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީން)އިން ހިންގާ މަގު ހެދުމުގެ ޕްރޮޖެކްޓްތަކުގެ ތެރެއިން 12 ރަށެއްގައި ކުރިއަށްދާ މަގު ހެދމުމުގެ މަސައްކަތް ނިންމައި މި އަހަރުގެ ތެރޭގައި ހައުސިން މިނިސްޓްރީއާއި ހަވާލު ކުރާނެކަމަށް އެމްއާރްޑީސީއިން ބުނެފިއެވެ.
އެމްއާރްޑީސީގެ މައި އިމާރާތުގައި މިއަދު ނޫސްވެރިންނާ ބައްދަލުކޮށް އެ ކޯޕަރޭޝަންގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އަހުމަދު މަމްދޫހު ވިދާޅުވީ، އެމްއާރުޑީސީ އިން 14 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އެމްއާރުޑީސީ އިން ކުރިއަށްގެންދާ މަގު ހެދުމުގެ މަސައްކަތްތަށް ގޮސްފައިވާ ހިސާބު ހިއްސާ ކުރަށްވަމުން މަމްދޫހު ވިދާޅުވީ:
ހއ. ދިއްދޫގެ 15 މަގުގެ މަސައްކަތް 85 ޕަސެންޓް
ހދ. ކުޅުދުއްްފުށީގެ 18 މަގުގެ 60 ޕަސެންޓް
ހދ. ހަނިމާދޫގެ 21 މަގުގެ 20 ޕަސެންޓް
ލ. ފޮނަދޫގެ ނުވަ މަގުގެ 98 ޕަސެންޓް
އދ. މަހިބަދޫ 19 މަގުގެ 54 ޕަސެންޓް
ބ. އޭދަފުށި 15 މަގުގެ 40 ޕަސެންޓް
ރ. މީދޫ މަގުގެ 49 ޕަސެންޓް
ރ. އުނގޫފަހަރު 14 މަގުގެ 52 ޕަސެންޓް
ފުވައްމުލަކު ރިންގު މަގުގެ 10 ޕަސެންޓް ނިމިފައިވާކަމަށެވެ.
މަމްދޫހު ވިދާޅުވީ، ގދ. ތިނަދޫ އާއި ގއ. ވިލިނގިއްޔާއި ދ. ކުޑަހުވަދޫ އާއި ތ. ވިލުފުށި އަދި ސ. ހުޅުމީދޫ މަގު ހެދުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށާއި ހައުސިން މިނިސްޓްރީއާ ވަރަށް އަވަހަށް ހަވާލު ކުރާނެ ކަމަށެވެ.
މަސައްކަތް ކުރިއަށްދާ ރަށުގެ ތެރެއިން ހދ. ހަނިމާދޫގެ 21 މަގާއި ފުވައްމުލަކު ރިންގު މަގު ފިޔަވާ އެހެން ހުރިހާ މަގެއްގެ މަސައްކަތް މި އަހަރު ނިންމައި ހައުސިން މިނިސްޓްރީއާ ހަވާލު ކުރާނެ ކަމަށް އެމްއާރްޑީސީން ބުނެފި އެވެ. އަދި އެ ދެ ރަށުގެ މަސައްކަތް ވެސް އަންނަ އަހަރުގެ މެދުތެރޭގައި ނިންމައި ހައުސިން މިނިސްޓްރީ އާއި ހަވާލު ކުރާނެ ކަމަށް ވެސް މަމްދޫހު ވިދާޅުވިއެވެ.
މަގު ހެދުމުގެ މަސައްކަތުގެ އިތުރުން ގދ. ތިނަދޫގެ އިސްލާމީ މަރުކަޒުގެ ކޮންކްރީޓް މަސައްކަތް، ހަތް ރަށެއްގެ ޖެޓީ ހެދުމުގެ މަސައްކަތުގެ އިތުރުން 67 ރަށުގެ ފުޓްސަލް ދަނޑު ހެދުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށް ދާކަމަށް މަމްދޫހު ވިދާޅިވިއެވެ.