މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ވަޅިން ހަމަލާދީ ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލައާ ގުޅިގެން ހޯދަން އިއުލާން ކުރި ދެ މީހުންގެ ތެރެއިން ތ. ކިނބިދޫ، ގުލްފާމުގޭ މުހައްމަދު ސާޒް،21، ހައްޔަރުކޮށްފި އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ސާޒް ހައްޔަރުކުރީ މިއަދުގެ ވަގުތެއްގަ އެވެ. އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.

އެ މައްސަލައާ ގުޅިގެން ހޯދަން އިއުލާންކުރި ދެ ވަނަ މީހަކީ މ. ލޮނުމިދިލިގެ އުމުރުން 21 އަހަރުގެ އަފްރާހް ޢަބްދުއްރައްޒާޤް އެވެ.

ފުލުހުން ބުނީ އަފްރާހްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9911099 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް އެދޭ ކަމަށެވެ.

މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވެސް ފުލުހުން ވަނީ އެ މައްސަލައާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފަ އެވެ.

ކޯޓު އަމުރެއްގެ ދަށުން މ. ދިމިސްކް ބަލައި ފާސްކޮށް 18 އަހަރު ނުފުރޭ ކުޑަކުއްޖަކާ އެކު އިތުރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ރ. އަތޮޅުގައި ދުއްވާ ލޯންޗެއްގެ ކެޕްޓަނަކަށް އުޅުނު އަނަސަށް ވަޅިން ހަމަލާދީ މަރާލީ މޫނު ނިވާކޮށްގެން ތިބި ބަޔެކެވެ.

އިސްކަންދަރު ބިލްޑިންގައި މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޗީފް ސްޓޭޝަން އިންސްޕެކްޓަރު މުހައްމަދު ސާމިހު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގުގެ 99 ޕަސެންޓް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ތަހުގީގުގެ އެންމެ ފަހު މަރުހަލާ ކަމަށެވެ.