ގދ. ތިނަދޫގައި ހުންނަ ފޯނު ވިއްކާ ފިހާރަ އެއް ފަޅާލައި ގިނަ އަނދަދެއްގެ ފޯނު ވަގަށް ގެންގޮސްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މީގެ ހަފުތާއެއް ކުރިން ހިނގި އެ ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށާއި އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

ތިނަދޫން ވާހަކަ ދެއްކި މީހަކު ބުނީ މީގެ ދެ މަސް ކުރިން އެ ރަށުގައި ހުޅުވި "އީޒީ މޮބައިލް" ފަޅާލައިގެން 15 ފޯނު ވަގަށް ގެންގޮސްފައިވާ ކަމަށެވެ. އެ ފިހާރައިން ވަގަށް ގެންދިޔަ ފޯނުތަކުގެ އަގު ގާތްގަނޑަކަށް 30 ހާސް ރުފިޔާ އަށް އަރާނެ ކަމަށް ވެސް އެމީހާ ބުންޏެވެ.

ތިނަދޫން މަޢުލޫމާތު ދިން މީހާ ބުނީ "އީޒީ މޮބައިލް" ފިހާރައިގެ ތެރެއަށް ވަދެފައި ވަނީ އެ ފިހާރައިގެ މައި ދޮރު ހަލާކުކޮށްލައިގެން ކަމަށެވެ.

އީޒީ މޮބައިލްއަކީ މަޝްހޫރު ބްރޭންޑެއް ކަމަށްވާ އަލްކަޓޭލް މަރުކައިގެ ފޯނު ވިއްކާ ފިހާރައެކެވެ.