ކުރިއަށް އޮތް ތިން މަސް ދުވަހު ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް އާންމުކޮށް ވެހޭވަރަށްވުރެ ގިނައިން ވާރޭ ވެހޭނެ ކަމަށް ފޯކާސްޓުން ދައްކައިިފި އެވެ.

ކުރިއަށް އޮތް މަސްތަކުގައި ދެކުނު އޭޝިއާގެ ގައުމުތަކަށް ވާރެވެހޭނެ މިންވަރާއި އަދި ފިނިހޫނުމިން ހުންނާނެވަރު އަންދާޒާ ކޮށް އެކިއެކި ސެކްޓާތަކަށް މައުލޫމާތު ހިއްސާ ކުރުމަށް ރާއްޖޭގައި ބޭއްވި ދެކުނު އޭޝިއާ ކްލައިމެޓް އައުޓްލުކް ފޯރަމް (ސާސްކޮފް) ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވާރަމަންޓް މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މަޖީދު ވިދާޅުވީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ކުރިއަށް އޮތް ތިން މަހު އާންމުކޮށް ވެހޭވަރަށްވުރެ ގިނައިން ވާރޭ ވެހޭނެ ކަމަށެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ހޮޓެލް ޖެންގައި ކުރިއަށް ގެންދިޔަ އެ ބައްދަލުވުމަކީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ސާސްކޮފްގެ ފުރަތަމަ ބައްދަލުވުމެވެ.

އެ ބައްދަލުވުމުގައި ވާހަަކަފުޅު ދައްކަވަމުން މަޖީދު ވިދާޅުވީ، އުތުރުގެ އަތޮޅުތަކަށް ގިނައިން ވާރޭ ވެހުނު ނަމަވެސް މެދު ރާއްޖެ ތެރެއަށާއި އަދި ދެކުނުގެ އަތަޮޅުތަކަށް ވާރޭ ވެހޭނީ އެހެން އަހަރުތަކާ އެއްވަރަށް ކަމަށެވެ.

ދެކުނު އޭޝިއާ ކްލައިމެޓް އައުޓްލުކް ފޯރަމް (ސާސްކޮފް) ނިންމުމުގެ ރަސްމިއްޔާތުގައި އެންވާރަމަންޓް މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މަޖީދު މީޑިއާއަށް މައުލޫމާތު ދެނީ --ސަން ފޮޓޯ: ފަޔާޒު މޫސާ

އޭނާ ވިދާޅުވީ އެ ފޯރަމްގެ ފޯކާސްޓުތަކުގެ ބޭނުން ކުރެވޭނީ ދަނޑުވެރި ކަމަށް އެކަނި ނޫން ކަމަށާއި، އެ ފޯކާސްޓްތަކުގެ ބޭނުން ފެނަށް ޖެހޭ ރަށްތަކުގެ ރައްޔިތުންނަށް ވެސް ބޭނުން ކުރެވޭނެ ކަމަށެވެ.

އެގޮތުން އާއްމުކޮށް ފެނަށް ޖެހިގެން އުޅޭ އުތުރުގެ ރަށްތަކުގެ ރައްޔިތުން އެ ފުރުސަތުގެ ބޭނުން ރަނގަޅަށްކޮށްފި ނަމަ ފެނަށް ޖެހުން ހައްލުވެގެން ދާނެ ކަމަށް މަޖީދު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ސްރީލަންކާ އާއި ނޭޕާލް އާއި އަފްގާނިސްތާންގެ އިތުރުން އިންޑިއާގެ ބޭފުޅުންނާއި، ޓޮކިޔޯ، ޕޫނޭ އަދި ކޮރެއާ ކްލައިމެޓް ސެންޓަރުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ސާސްކޮފް ބައްދަލުވުމަކީ ކޮންމެ އަހަރަކު ދެ ފަހަރު މި ސަރަހައްދުގެ އެކި ގައުމުތަކުގައި ބާއްވާ ބައްދަލުވުމެކެވެ.