27 Sep 2017, 16:38
ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތެއްގެ 12 ވަނަ ބުރިން ވެއްޓި ދެ ބިދޭސީއަކަށް އަނިޔާވެއްޖެ އެވެ.
ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ އިންފޮމޭޝަން އޮފިސަރު އާޝިޔާ ސޯލިހް ވިދާޅުވީ، ދެ މީހަކަށް އަނިޔާވެގެން އެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، އެ ދެމީހުންނަކީ އިންޑިއާގެ މީހަކާއި ބަންގްލަދޭޝް މީހެއް ކަމަށެވެ.
އާސަންދައިން ބުނީ އެތަނުން އެކަކަށް ވަރަށް ބޮޑުވަރުވެފައިވާ ކަމަށެވެ.
އެ ދެމީހުން ވެސް ވެއްޓިފައި ވަނީ އަމީން ކޮންސްޓަރަކްޝަނުން ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތަކުންނެވެ. އެ ދެ މީހުންނަކީ ވެސް އަމީން ކޮންސްޓްރަކްޝަންގައި މަސައްކަތް ކުރާ ދެ މީހުން ކަމަށް އާސަންދައިން ބުނެ އެވެ.
އެ މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
އެހެން ނަމަވެސް އާޝިޔާ ވިދާޅުވީ، ބޮޑަށް އަނިޔާވެފައިވަނީ، އިންޑިއާ މީހާއަށް ކަމަށެވެ. އަދި އެ މީހާ އޮތީ ވެންޓިލޭޓަރުގެ އެހީގައި ކަމަށާއި، އެމީހާ އައިޖީއެމްއެޗަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.