ޗިވާވާ (ސެޕްޓެމްބަރު 27): މެކްސިކޯގެ ޗިވާވާ ސިޓީގައި ހުންނަ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރަކަށް ބަޔަކު ވަދެ ބަޑިން ހަމަލާދީ 14 މީހަކު މަރައި، އަށް މީހަކު ޒަހަމްކޮށްލައިފި އެވެ.

މަންޒަރު ދުށް ފަރާތްތަކުން ބުނި ގޮތުގައި އެހަމަލާ ދިނީ ސިފައިންގެ ޔުނިފޯމާ އެއްގޮތަށް ހެދުން އަޅައި، މާސްކް އަޅައިގެން ތިބި ބަޔެކެވެ. އަދި އެހަމަލާ ދިން މީހުން ހޯދުމަށް ސިޓީގެ އެކި ސަރަހައްދުތަކުގައި ފުލުހުން ޗެކްޕޮއިންޓުތައް ހަދާފައިވީ ނަމަވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

މެކްސިކޯގެ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތަކަށް މީގެ ކުރިންވެސް ހަތިޔާރު އަޅައިގެން ތިބި މީހުން ހަމަލާ ދީފައިވެ އެވެ. އެގޮތުން 2012 ވަނަ އަހަރު އެގައުމުގެ އުތުރުގައި ހުންނަ ސެންޓަރަކަށް ދިން ހަމަލާއެއްގައި 11 މީހަކު މަރާފައިވެ އެވެ.

އެ ހާދިސާތައް ތަހުގީގު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެފަދަ ހަމަލާތައް ދެނީ ގޭންގުތަކުގެ މެމްބަރުން، އެގޭންގުތަކާ އިދިކޮޅު މެމްބަރުން ސެންޓަރުގައި ފިލާ ތިބިކަމަށް ޝައްކުވުމުންނެވެ. އަދި ބައެއް ސެންޓަރުތަކުގައި ތިބޭ މީހުންނަށް ބިރު ދައްކައިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަން ގޭންގުތަކުން މަޖުބޫރު ކުރުވާ ކަމަށްވެސް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ. (ބީބީސީ)